ހަމަލާތަކާ ހެދި ވައިގެ ސަރަހައްދު ބަންދުކުރުމުން، މާލޭން ދުބާއީއަށް ދިޔަ ފްލައިޓެއް ޑައިވާޓްކޮށްފި

އީރާނުގެ ހަމަލާތަކާ ހެދި މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖޭން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ދިޔަ ފްލައިޓެއް އެނބުރި އަތުވެއްޖެއެވެ. ފްލައިޓްރޭޑާގެ މައުލޫމާތުން ދައްކާ ގޮތުން، ފްލައި ދުބާއީގެ ފްލައިޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދާން ޝެޑިއުލްކޮށްފައި އޮތީ 13:15ގައެވެ. އެ ބޯޓަށް ފުރުނީ 14:14ގައި ކަމަށް އެ ވެސްބައިޓުގައި އޮތެވެ. އެހެންނަމަވެސް، އެ ބޯޓު ޑައިވާޓުކޮށް, 16:45ގައި އަލުން ވެލާނާ އެއާޕޯޓަށް ޖައްސާނެ ކަމަށް ޝެޑިއުލްގައިވެއެވެ. އީރާނުން ހަމަލާތައް ދޭން ފަށައިފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާ ދިނުމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ ދުވަސްތަކަކަށް ކުރިއަށްގެންގޮސް، އީރާނުގެ މިސައިލްތައް އެއްކޮށް ނައްތާލާނެ އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އޭގެ ފަހުން އީރާނުން ވަނީ، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި ޔޫއޭއީގެ އިތުރުން، ގަތަރާއި ކުވޭތާއި ބަހްރޭންގެ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ. އޭގެ ސަބަބުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ވަރަށް ގިނަ އެއާލައިންތަކުން ވަނީ އެ ސަރަހައްދަށް ފްލައިޓުތައް ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ