އިންޓަނެޓް މެދުވެރިކޮށް އަމިއްލައަށް ބަލި ދެނެގަތުން: އެންމެ ރައްކާތެރި ގޮތެއްބާ؟

އިންޓަނެޓް މެދުވެރިކޮށް އަމިއްލައަށް ބަލި ދެނެގަތުމަށް މަސައްކަތް ކުރުމުގެ ސަބަބުން ސިއްހީ ނުރައްކާތައް އިތުރުވެ، އެކަށީގެންވާ ފަރުވާ ހޯދުން ލަސްވަމުންދާ ކަމަށް ވިދާޅުވެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ސިއްހީ ދާއިރާގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު ބަލިތައް ދެނެގަތުމަށާއި ފަރުވާގެ ކަންކަން ނިންމުމަށް އިންޓަނެޓުން މައުލޫމާތު ހޯދުމާއި، އަމިއްލަ ފަރުވާތައް ކުރުމާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތަކަށް ބަރޯސާވަމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އާދައިގެ ސަބަބުން، ސައްހަ ނޫން ގޯސް މައުލޫމާތަށް ބިނާކޮށް، ޑޮކްޓަރެއްގެ ލަފާ ހޯދުން ލަސްވެ، ނުރަނގަޅު ފަރުވާތައް އިޚްތިޔާރު ކުރެވޭގޮތް ދިމާވެއެވެ. މިއީ ސިއްހީ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭ މައިގަނޑު އެއް ސަބަބު ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ. ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާ އެކު ސިއްހީ މައްސަލަތަކަށް އެކަމުން ހައްލެއް ހޯދަން އުޅުމަކީ އެންމެ ރައްކާތެރިގޮތް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ޕަރަސް ހެލްތުގެ ގްރޫޕް ސީއޯއޯ ވިނީތު އަގަރްވާލް ވިދާޅުވި ގޮތުގައި، އިންޑިއާ ފަދަ އޭޝިއާގެ ގިނަ ގައުމުތަކުގައި ބަލީގެ އަލާމާތްތައް ވަރަށް ބޮޑަށް އިތުރުވުމުން ނޫނީ ސިއްހީ ފަރުވާ ހޯދުމަށް ސަމާލުކަން ނުދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބަލި ދެނެގަނެވޭއިރު އޮންނަނީ ފަހު މަރުހަލާއަށް ގޮސްފައެވެ. މިއީ ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު ކުޑަކޮށްދޭ އަދި އާއިލާތަކުން ކުރަންޖެހޭ ސިއްހީ ޚަރަދުތައް އިންތިހާއަށް އިތުރުކުރުވާ ކަމެކެވެ. ކަށަވަރު ނުކުރެވޭ މައުލޫމާތަށް ބަރޯސާވުމުގެ ސަބަބުން، ނުރައްކާތެރި ބަލިތަކުގެ މުހިންމު އަލާމާތްތަކަށް ސަމާލުކަން ނުދެވި، ބަލި މުޅި ހަށިގަނޑަށް ފެތުރިގެންދާކަން ޑޮކްޓަރުން ފާހަގަކުރެއްވިއެވެ. ސިއްހީ މައްސަލައެއް ކުރިމަތިވުމުން އަމިއްލައަށް ކަންކަން ނިންމުމުގެ ބަދަލުގައި އެންމެ ރައްކާތެރި ގޮތަކީ ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ މަޝްވަރާ ހޯދުން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ޚާއްސަކޮށް ދާއިމީ ބަލިތަކާއި ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދުމުގައި، ގާބިލް ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަވަހަށް ފަރުވާ ފެށުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، މައުލޫމާތު ލިބުމަކީ އެ މައުލޫމާތު ރަނގަޅަށް ދޭހަވުމެއް ނޫނެވެ. އިންޓަނެޓުން ފެންނަ ވަކިވަކި މައުލޫމާތުތަކަށް އެކަނި ބަރޯސާވުމަކީ އޮޅުންބޮޅުންތަކެއް އަރައި، ސިއްހީ ނުރައްކާ ބޮޑުވާނެ ކަމެކެވެ. ސިއްހީ ކަންކަމުގައި ނިންމުންތައް ނިންމަން ވާނީ ޑޮކްޓަރުންގެ އިލްމީ ތަޖުރިބާގެ އަލީގައެވެ. އެހެންކަމުން، ބަލިތަކުން ރައްކާތެރިވުމަށާއި، ގަވާއިދުން ޗެކަޕް ހެދުމުގެ ސަގާފަތެއް އަށަގެންނެވުމަށް ޑޮކްޓަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ސިއްހީ މާހިރުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ބަލިތައް ކުރިއާލާ ދެނެގަތުމަކީ ބަލިތަކުގެ ނުރައްކާ ކުޑަކޮށް، ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އޮތް އެންމެ ފަހި މަގުކަމުގައި އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ