މާރުކޭޓު އަޅަން މާލޭ ސިޓީ ކައުންސިލުން ހުރަސް އެޅި ކަމަށް ރައީސް ވިދާޅުވެއްޖެ

މި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓުގެ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ހުރަސްއަޅާ ކަމުގެ ތުހުމަތު ރައީސް މުހައްމަދު މުއިއްޒު މިއަދު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި 'މާލޭ ވެޓް މާރުކޭޓް ކޮމްޕްލެކްސް' ނަމުގައި މާރުކޭޓެއް އަޅަން  126 މިލިއަން ރުފިޔާއަށް މިދިޔަ މާޗު މަސް ތެރޭ ވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.
މި މަަސައްކަތް ހަވާލުކުރީ، ދޮޅު އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގައި ހިމެނެނީ:
ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް
ޕާކިންނަށް ބޭސްމަންޓް
އެންމެ ތިރީގައި މަސްމާރުކޭޓް
1، 2 އަދި 3 ވަނަ ފަންގިފިލާގައި ތަރުކާރީ މާރުކޭޓް
4 ވަނަ ފަންގިފިލާގައި ފުޑް ކޯޓެއް
ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މާރުކޭޓު އެޅުމަށް ބަޔަކާ ހަވާލުކޮށް، މިހާރުގެ މަސްމާރުކޭޓު ހުސްކޮށްދޭން، ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލުގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު، އެކަން ނުކޮށްދީ އޮތުމަށް ފަހު މިހާރު އެ ތަން ހުސްކުރަން ފަށާފައިވަނީ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މަސްމާރުކޭޓު އަޅަން ވެސް އެ ތަން ހުސްކޮށްދޭން އަޅުގަނޑުމެން އެދިގެން، އެ ތަން ހުސްނުކޮށްދީގެން އެންމެ ފަހުން އަޅުގަނޑުމެން [އެ ތަން ހުސްކުރަން] ވަކި މުއްދަތެއް ދިނީ. މި މަހުގެ 18 ވަނަ ދުވަހަށް މުއްދަތެއް ދިނީ. ދީގެން އެ ތަން ހުސްނުކޮށްފިއްޔާ ގާނޫނުގައި އޮންނާނެ މިހާރު އެއްބާރުލުން ކައުންސިލުތަކުން ނުދީފިއްޔާ އެ ތަނެއް ކަމާ ބެހޭ މިނިސްޓްރީއަށް ނަގައިގެން ވެސް އެ މަސައްކަތެއް ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
"އެ އިންޒާރުދިނީމަ، މިހާރު އެތަން އެ ހުސްކުރަނީ. އެހެންވީމަ އެ ގޮތަށް ކުރިއަށް އޮތް ތަނުގައި މާލޭގައި ކަންކަން ކުރަންޖެހޭނީ."
މާލޭގައި ކުރާ ތަރައްގީގެ މަސައްކަތްތަކަށް ކައުންސިލުން އެއްބާރުލުން ނުދޭކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، ލޯކަލް މާރުކޭޓު ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތަށް ވެސް ކައުންސިލުން ހުރަސް އަޅާފައިވާ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
އެ މަގު ފުޅާކޮށް ތާރުއަޅާފައިވާއިރު، އެ ތަނުގެ ޕޭވްމަންޓް ނެތް 
އެ ޕޭވްމަންޓް ނެތީ، މަގު ފުޅާކުރުމަށް އެ ސަރަހައްދުގައި ހުރި ބައެއް ގޮޅިތައް ނަގަން ކައުންސިލަށް އެންގުމުން އެކަން ކޮށްދީފައިނުވާތީ
އެ ތަން ހުސްކޮށް ނުދިނީ، އެ މަގުގެ މަސައްކަތް ނިމުނަނުދޭންކަން ނުރަސްމީކޮށް ސަރުކާރުގެ ކައުންސިލަރުންގެ ފަރާތުން ވަނީ އެނގިފައި
"އެހެންވީމާ އެެ ތަން އެ އޮތީ ހަމަ ސީދާ ގޮސް އެ ތަނުގެ ބުޑާ ހަމައަށް ތާރުއަޅައި ނިންމާލާފައި މަގުގެ ފުޅާމިން ހޯދާފައި. އެކަމަކު ޕޭވްމަންޓެއް ނީންނާނެ. ދަންނަވަން މިއުޅޭ އެއްޗަކީ މާލޭ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ މިސާލެކޭ އެ އޮތީ ފެންނަން އެ ތަނުގައި ޕޭވްމަންޓެއް ނެތުން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި، ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރަން ނިންމީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެވެ. އޭރު ނިންމާފައި އޮތީ، އެ ތަން ތަރައްގީކުރުމަށް ފަހު، މިހާރު ހުރި ލޯކަލް މާރުކޭޓު ތަޅާލާށެވެ. އެކަމަކު އެ މަޝްރޫއު ފަށާފައެއް ނުވެ އެވެ.
މިހާރު މާލޭގެ މޭޔަރު، އެމްޑީޕީގެ އާދަމް އާޒިމް މިދިޔަ އޮގަސްޓް މަހު ވިދާޅުވި ގޮތުގައި، އެ މަސައްކަތް މަޑުޖެހިފައި އޮތީ ދެ ކުންފުންޏަކާ އެކު ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ