ކޮރަޕްޝަން ހުއްޓުވުމުގެ "ހެޔޮ ބަދަލަކަށް" އޭސީސީން އައު ޕްލޭނެއް އިފްތިތާހުކޮށްފި

ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން "ހެޔޮ ބަދަލުތަކެއް" ގެނައުމަށްޓަކައި، ކުރިއަށް އޮތް ފަސް އަހަރަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކުލަވައިލި ކުރިއަށް އޮތް ފަސް އަހަރުގެ އިސްތިރާޖީ ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ. މި ޕްލޭން އިފްތިތާހުކުރުމަށްފަހު އޭސީސީން މިއަދު ބުނީ، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި އިސްތިރާޖީ ޕްލޭނަކީ ކޮރަޕްޝަންގެ ހިރާސް ބޮޑު ދާއިރާތަކަށް އަމާޒުކޮށް، އެ ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވައިލި މުހިންމު މަގު ޗާޓެއް ކަމަށެވެ. މި ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން "ރައްޔިތުންނަށް ފެންނަ ފަދަ ހެޔޮ ބަދަލުތަކެއް ގެނައުން" ކަމަށް، އެ ކޮމިޝަނުން ބުންޏެވެ. އޭސީސީން ބުނީ، އެ ކުންފުނީގެ އައު އިސްތިރާޖީ ޕްލޭން ފަސް ދާއިރާއަކަށް ބަހާލެވިފައިވާ ކަމަށެވެ. އެ ދާއިރާތަކަކީ: ގަވަނަންސާއި އިދާރީ ތަރައްގީ އިދާރީ ހިންގުން ހަރުދަނާކޮށް، އެދެވޭ ނަތީޖާއެއް ހާސިލްކުރުން ގައުމީ ނަޒާހާތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން ދައުލަތުގެ ޕްރޮކިއުމަންޓާއި އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުން ސިޔާސީ ކޮރަޕްޝަން ހުއްޓުވައި ފިޔަވަޅު އެޅުން އޭސީސީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މި އިސްތިރާޖީ ޕްލޭންގެ ދަށުން، ގާބިލު މުވައްޒަފުން ބިނާކޮށް، މުވައްޒަފުން ހިތްހަމަޖެހޭ ފަދަ މަސައްކަތު މާހައުލެއް ބިނާކުރުމަށް ރޭވިފައިވާ ކަމަށް، އެ ކޮމިޝަނުން ބުންޏެވެ. އޭގެ އިތުރުން، ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށް ނިންމައިފައިވާ ކަމަށް ވެސް، އެ ކޮމިޝަނުން ބުންޏެވެ. ހަމައެއާއެކު، ނަޒާހާތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މައުލޫމާތު ދިނުމާއި، އެންޓި-ކޮރަޕްޝަން އެކެޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް ވެސް މި އިސްތިރާޖީ ޕްލޭނުގައި އިސްކަންދީފައި ވާނެ ކަމަށް، އޭސީސީން ބުންޏެވެ. މި ޕްލޭނަކީ އޭސީސީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމާއި، އެއީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެ ކޮމިޝަނުން ސިފަކުރެއެވެ. https://sun.mv/215087 ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އަބަދު ވެސް އެ ވާހަކަ ދެކެވެއެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ. މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުށަހަޅާފައި، ނުބެލި އެބަހުއްޓެވެ. އެހެންވެ، އޭސީސީއަށް އަބަދުވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ