މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޙައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުން ޙިއްސާކުރެއްވި މަޢުލޫމާތުގައި ޝަކީލް ވިދާޅުވީ، ޙައްޖުވެރިންގެ ވިސާގެ އެންމެހާ ކަންކަންވެސް ނިންމާފައިވާ ކަމަށެވެ.
އަދި ޙައްޖުވެރިން މައްކާގައި ތިބޭ، ޙައްޖު ކޯޕަރޭޝަންގެ ހޮޓާ މަރާމާތުކޮށް އަޕްގްރޭޑްކުރަން ކުރަންޖެހޭ މަސައްކަތްތައްވެސް ހޮޓަލުގެ ވެރިފަރާތާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.
ޝަކީލް ވިދާޅުވީ، މިދިޔަ ޙައްޖު މޫސުމުގައި ދިން ޚިދުމަތްތަކަށް ބަލާ، ޙައްޖުގެ އިންތިޒާމުތަކާއި ޚިދުމަތްތައް ލުއިފަސޭހަކޮށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިކަންކަން ވަރަށް ގާތުން ބައްލަވާ، ޚިދުމަތްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިރުޝާދުވެސް ލިބެމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިދިޔަ ޙައްޖު މޫސުމުގައި ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"ކަންކަން ރަނގަޅު ކުރުމަށް އޮންނަ ފުރުޞަތުގެ ތެރެއިން، މިއަހަރަށް އިތުރު ކަންކަން ފުރިހަމަވާނެ. މިނާގެ ފާހަނާތައް މަދުވުމުގެ ޝަކުވާ މިދިޔަ ފަހަރު ލިބުނު. އެކަމަށް ރިޢާޔަތްކޮށް ސަޢުދީ ސަރުކާރުގެ ކަމާގުޅޭ މުވައްސަސާތަކާއެކު މަޝްވަރާކޮށް، އަޅުގަނޑުމެން އެދުނު ގޮތަށް ފާހަނައިގެ އަދަދު 4 ނުވަތަ 5 ގުނަ އިތުރުކޮށްފަވަނީ." ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ، ލުއިގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށާއި، އެކަމަށް ސައުދީ ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެއިތުރުން ގުޅިގެން ކުރާ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭކަން ޝަކީލް ފާހަގަކުރެއްވިއެވެ.
ޙައްޖުގެ އިންތިޒާމްތަކަށް ޙައްޖު މިޝަންއާއި އެޑްވާންސް ޓީމް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، މެއި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓް އޮންނާނީ، މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
ޙައްޖުވެރިންގެ މަދީނާ ދަތުރު މިއަހަރުވެސް އޮންނާނީ، ހައިސްޕީޑް ޓްރެއިންގައެވެ. އަދި ޙައްޖުގެ އަޅުކަން ނިންމާ އަނބުރާ ރާއްޖެ އަންނާނީ، މަދީނާ މަގުންނެވެ. މިއަހަރުވެސް ފްލައިޓް ދަތުރުތައް ބާއްވާނީ، މޯލްޑިވިއަން އަދި ސައުދިއާ އެއާލައިންގެ ފްލައިޓްތަކުގައެވެ.
މައްކާ ރޫޓް އިނީޝީއޭޓިވްގެ ދަށުން، ޙައްޖުވެރިންގެ އިންތިޒާމްތައް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ލުއިފަސޭހަވެފައެވެ. މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް މި ޚިދުމަތްތައް ލިބޭނެ އިންތިޒާމު، އިސްލާމީ ކަންތަކަކާ ބެހޭ ވުޒާރާއާއި ގުޅުންހުރި އިދާރާތަކުން ހަމަޖައްސަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ. އެގޮތުން މިއަހަރުވެސް ނުސުކް ޙައްޖު ކާޑު ޙައްޖުވެރިންނަށް ލިބޭނެއެވެ. މިކަމަށް ޚާއްސަ ޓީމެއްވެސް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންތިޒާމްތައް ހަމަޖެއްސުމުގެ އެންމެހާ މަރުޙަލާތަކުގައި ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަންކަން ވަރަށް ގާތުން ބައްލަވާ ޚިދުމަތްތައް ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ، ދެން ކުރިއަށްދާނީ ޙައްޖުވެރިންނަށް ދީނީ މަޢުލޫމާތު ދިނުމާއި، ސިއްޙީ އަދި އެހެނިހެން ގޮތްގޮތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުން ކަމަށެވެ. އަދި އިދާރީ މަސައްކަތްތައްވެސް ފުރިހަމަ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައި: ޝަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ