ވެނެޒުއެލާ ހިސާރުކޮށް އެމެރިކާ ގެންދަނީ ބައިނަލްއަގްވާމީ ގާނޫނު މުގުރަމުން: އދ.

ނިޔުޔޯކް (25 ޑިސެމްބަރު 2025) : ވެނެޒުއެލާ ހިސާރުކޮށް އެ ގައުމަށް ބިރުދައްކައި ސިޔާދަތު ނަގާލުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތް ތަކަކީ ބައިނަލްއަގްވާމީ ގާނޫނު މުގުރާލުންކަމަށް އދ. އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ސިފަކޮށްފިއެވެ. އެމެރިކާ ހަނގުރާމައިގެ މަނަވަރުތައް ފޮނުވައިގެން ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެނެޒުއެލާ ހިސާރު ކުރަމުންގެންދާ މައްސަލަ ބެލުމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުގެ ގާނޫނީ ތަޖުރިބާކާރުން ބުނީ ވެނެޒުއެލާ ހިސާރުކޮށް އެ ގައުމަށް ބިރުދައްކައި ސިޔާދަތު ނަގާލުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތް ތަކަކީ ބައިނަލްއަގްވާމީ ގާނޫނަށް އަރައިގަތުން ކަމުގައެވެ. "ގާނޫނާއި ގަވައިދުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމު ފުނޑާލުމަށް އެމެރިކާ ދަނީ މަސައްކަތް ކުރަމުން" އެކައުންސިލުގެ ތަޖުރިބާކާރުން ވިދާޅުވިއެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ އުސޫލުތައް ގޮންޖަހައި އެމެރިކާ ހިންގާ އަމަލުތައް ވަރަށް ބޮޑަށް ކުރައްވައި މިފަރާތްތަކުން ވަނީ ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ ބައެއް ތަޖުރިބާކާރުންވަނީ އެމެރިކާއަކީ ރޫލްބޭސްޑް ބައިނަލްއަގްވާމީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއްކަމަށްވެސް ސިފަކުރައްވާފައެވެ. "އެމެރިކާ ދުނިޔޭގެ ބޮޑުބާރުގެ ހައިސިއްޔަތުން އދ. ގެ ޗާޓަރަށާއި ބައިނަލްއަގްވާމީ ގާނޫނަށް އިހުތިރާމު ކުރަންޖެހޭނެ" ކަމަށްވެސް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުގެ މެންބަރުންނާއި ތަޖުރިބާކާރުން ވިދާޅުވިއެވެ. އެމެރިކާ ހަނގުރާމައިގެ މަނަވަރުތައް ފޮނުވައިގެން ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެނެޒުއެލާ ހިސާރު ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެމެރިކާ ގެންދަނީ ވެނެޒުއެލާއިން ތެޔޮ އެކްސްޕޯޓް ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއަޅައި ވެނެޒުއެލާގެ ތެޔޮ ޓޭންކަރުތައް ކަނޑުފޭރި އެ ޓޭންކަރުތަކުގެ ފަޅުވެރިން ހައްޔަރު ކުރަމުންނެވެ. މީގެއިތުރުން ވެނެޒުއެލާގެ މަސްވެރިން އާމްދާނީ ހޯދުމަށް ކުރާ މަސްވެރިކަމަށްވެސް އެމެރިކާ ގެންދަނީ ހުރަސްއަޅަމުންނެވެ. ވެނެޒުއެލާ ހިސާރު ކުރުމުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންވަނީ ވެނެޒުއެލާގެ ތިން މަސްބޯޓަކަށް ހަމަލާދީ އޭގައި ތިބި މަސްވެރިންނާއެކު ކަނޑަށް ފައްތާލާފައެވެ. ވެނެޒުއެލާއިން އެމެރިކާ ސިފަކުރަނީ ކަނޑުފޭރޭ ގައުމެއްގެ ގޮތުގައެވެ. އެމެރިކާ ވެނެޒުއެލާގެ ކުދި މަސްބޯޓުތަކަށް ހަމަލާދީ އެބޯޓުތައް ފަޅުވެރިންނާއެކު ކަނޑުފައްތަނީ އެއީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ބޯޓުތަކެއްކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މި ތުހުމަތުތައް ސާބިތު ކުރެވޭނެ އެންމެ ހެއްކެތްވެސް އެމެރިކާއަށް ދެއްކިފައެއް ނުވެއެވެ. ނަންހާމަ ކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެނެޒުއެލާ ހިސާރު ކުރުމުގައި އެމެރިކާ ގެ މަގްސަދަކީ ވެނެޒުއެލާގެ އިގްތިސާދު އިނދަޖައްސާލައިގެން އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ވައްޓާލުމެވެ. ވެނެޒުއެލާގެ އިގްތިސާދު އިނދަޖައްސާލެވިއްޖެނަމަ އަސްކަރީ އިންގިލާބަކުން ނޫނީ ރައްޔިތުންގެ އުތުރި އެރުމަކުން ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ވައްޓާލައި އެއަށްފަހު އެމެރިކާ މަސްލަހަތަށް ރިއާޔަތް ކުރާނެ ފަރާތެއް ވެނެޒުއެލާގެ ވެރިކަމަށް ގެނެވޭނެކަމުގެ އުންމީދު އެމެރިކާއަށް އެބައޮތްކަމަށް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވެފައިވާ ގޮތުން ދެމަސްދުވަހަށް ކަނޑާއި ވައިގެ ހިސާރު ދަންމާލެވިއްޖެނަމަ ވެނެޒުއެލާގެ އިގްތިސާދު އިނދަޖައްސާލެވޭނެކަމަށް އެމެރިކާ ގަބޫލުކުރެއެވެ. މުހައްލިލުން ދެކޭގޮތުގައި އެމެރިކާގެ ލަނޑުދަނޑިއަކީ ވެނެޒުއެލާގެ ތެލާއި ގުދްރަތީ ވަސީލަތްތަކުގެ ނާޖާއިރު ފައިދާ އެމެރިކާގެ ކުންފުނިތަކަށް ލިބޭނެ ގޮތްހެދުމެވެ. އަދި ވެނެޒުއެލާގައި އިންވެސްޓް ކުރުމުގެ ފުރުސަތުން ޗައިނާއާއި ރަޝިއާ މަހުރޫމް ކުރުމެވެ. ޗައިނާ އާއި ރަޝިއާއިންވަނީ ވެނެޒުއެލާ ހިސާރު ކުރުމަށް އެމެރިކާ ހިންގަނީ ޣައިރުގާނޫނީ އަމަލުތަކެއްކަމަށް ސިފަކޮށް އދ. އަށް ގޮންޖެހުމާއި ވެނެޒުއެލާއަށް ބިރުދެއްކުން ހުއްޓާލުމަށް މިކަމާބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި އެމެރިކާއަށް ގޮވާލާފައެވެ. އެޖަލްސާގައި ވެނެޒުއެލާ ވަނީ އެމެރިކާއަކީ ދުނިޔޭގެ ގާނޫނުތަކަށް ބޯނުލަނބާ ނުކިޔަމަންތެރި ރޯގް ސްޓޭޓެއްކަމަށް ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ