އަމިއްލަ ކުންފުންޏަކަށް 2 ލައްކަ އަށް ވުރެ ބޮޑު އަދަދެއް ދައްކަން ފެނަކައަށް ހުކުމްކޮށްފި

އަމިއްލަ ކުންފުންޏެއް ކަމަށްވާ 'އިނޮވިކްސް ޕްރައިވެޓް ލިމިޓެޑު'ން ފެނަކަ
ކޯޕަރޭޝަނަށް ފޯރުކޮށްދީފައިވާ ހިދުމަތަކަށް ފައިސާ ނުދައްކައިގެން ހުށަހެޅި
މައްސަލައިގައި އެ ކުންފުންޏަށް ދެ ލައްކަ އަށް ވުރެ ބޮޑު އަދަދެއް ދިނުމަށް
ފެނަކަ އަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އިންވޮއިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް
ދައުވާ ކުރީ އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިދުމަތަކަށް ދައްކަން ޖެހޭ އަގު
އަދާކޮށްފައިނުވާތީ އެ ހިދުމަތްތަކުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ 5.1 މިލިއަން
ރުފިޔާ އާއި އެ ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ
ގެއްލުމުގެ ބަދަލުގެ ގޮތުގައި 151،190.81 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި
518،368.50 ރުފިޔާ އެކު ޖުމްލަ 5.8 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެ މައްސަލައިގައި ފެނަކަ އިން ވަނީ، އިނޮވިކްސް ގެ އެކައުންޓުގައި މިއަދާ
ހަމަޔަށް ބެހެއްޓުނު ނަމަ ލިބޭނެ ކަމަށް ބެލެވެ 151،190.80 ރުފިޔާ އާއި ޝަރީއަތުގެ
ހަރަދުގެ ގޮތުގައި ދިޔަ 518،368.50 ރުފިޔާ ދައްކަން އުޒުރުވެރިވެފަ އެވެ. އެގޮތަށް
ފެނަކައިން އިންކާރު ކުރީ އެއީ ދެ ފަރާތުން ކުރިން އެއްބަސްވި ޝަރުތަކަށް ނުވާތީ
އެވެ. އެ 5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މީގެކުރިން ވެސް ފެނަކައަށް
ހުކުމްކޮށްފައިވެ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އިނޮވިކްސް އިން ދިން ހިދުމަތަށް ދައްކަން ޖެހޭ
55،832 ރުފިޔާ ދައްކައި، އެ ފައިސާ އެ ކުންފުނީގެ ފިކްސްޑް ޑިޕޮސިޓް
އެކައުންޓުގައި ބެހެއްޓުނު ނަމަ 151،190.80 ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނި
ނަމަވެސް އެ އަދަދު ހިސާބުކޮށްފައިވާ ގޮތުގެ ތަފްސީލެއް ވެސް، އަދި އެކަމަށް ބާރުދޭ
ހެއްކެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ގެއްލުން ކުޑަކުރުމަށްޓަކައި އިނޮވިކްސް
އިން މަސައްކަތް ކޮށްފައިވާކަން ވެސް އެނގެން ނެތުމުން އެއީ އެ ކުންފުންޏަށް
ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ހަމައެއާއެކު ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގާދޭން އެދުނު 5 ލައްކަ ރުފިޔާ
ވެސް އެއީ އެ އަދަދަށް ނަގައިދޭން ޖެހޭ ފައިސާއެއް ކަމަށް ކޯޓުން ގަބޫލެއް
ނުކުރެ އެވެ. ކޯޓުން ބުނީ، އެ ކުންފުނިން 5 ލައްކަ ހޯދުމަށް އެދިފައިވީ ނަމަވެސް
ޝަރީއަތަށް ހަރަދުކޮށްފައިވަނީ އޭގެއިން 5 އިންސައްތަ ފައިސާ ކަމަށެވެ. އެހެންވެ ކޯޓުން
ނިންމީ 5% އަށްވާ 200،000 ރުފިޔާ އެ ކުންފުންޏަށް ފެނަކައިން ދައްކަން ޖެހޭނެ
ކަމަށެވެ.
ޝަރީއަތުގެ ހަރަދަށް ދިޔަ 2 ލައްކަ ރުފިޔާއާއި އިނޮވިކްސްގެ އިންވޮއިސްތަކުގައި
ބުނެފައިވާގޮތަށް 55،832 ރުފިޔާ ދައްކަން
ޖެހޭ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. އެހެންކަމުން އިނޮވިކްސް އަށް ފެނަކައިން
250،000 އަށް ވުރެ ބޮޑު އަދަދެއް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައްކަން
ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ