ވިދުޔުތުގެ ހޮލީވުޑް ފިލްމުގައި ކުޅޭ ކެރެކްޓާ ދައްކާލައިފި
އިންޑިއާގެ އެކްޓަރު ވިދުޔުތު ޖަމްވާލްގެ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓް "ސްޓްރީޓް ފައިޓާ"ގައި އެކްޓަރު ކުޅޭ ކެރެކްޓާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މިދިޔަ ހުކުރު ދުވަހު "ސްޓްރީޓް ފައިޓާ" ފިލްމުގެ ޓީމުން އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯގައި ވިދުޔަތު ފެންނަނީ މީގެކުރިން ބެލުންތެރިންނަށް އޭނާ ފެނިފައިނުވާ ވަރަށް ތަފާތު ލުކްއެއްގައެވެ. އެ ފިލްމުގައި ވިދުޔަތު ކުޅޭ ކެރެކްޓާގެ ނަމަކީ "ދަލްސިމް" ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އެ ފޮޓޯގައި ވިދުޔަތު ފެންނަނީ ވަރަށް ބަރުހެލި ރިހި ގަހަނާތަކެއް އަޅައިގެން ހުއްޓައެވެ. މި މާޝަލް އާޓްސް ފިލްމުގައި ވިދުޔަތު ފެންނާނީ ބޯ ތަލަ ވަރަށް ވަރުގަދަ ބިޔަ ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައެވެ. ބެލެވޭގޮތުގައި މި ކެރެކްޓާއަށް ތައްޔާރުވުމަށް ވިދުޔަތު ވަނީ ވަރަށް ހާއްސަ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ. ވިދުޔުތު ފިލްމު "ސްޓްރީޓް ފައިޓާ"ގެ ކާސްޓުންނާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ ފިލްމު "ސްޓްރީޓް ފައިޓާ" އަކީ އެ ނަމުގައި އުފައްދާފައިވާ ގޭމަކަށް ބިނާކޮށް ސްޓޫޑިއޯ ލެޖެންޑަރީއިން އުފައްދާ ފިލްމެކެވެ. "ސްޓްރީޓް ފައިޓާ" ގޭމަކީ 1987 ވަނަ އަހަރު ޖަޕާނުގެ ވީޑިއޯ ގޭމް ކުންފުނި ކެޕްކޮމްއިން ވުޖޫދަށް ނެރުނު ގޭމެކެވެ. އޭގައި މުޅިން ވެސް ހިމަނާފައި ވަނީ މާޝަލް އާޓްސްއާ ގުޅުންހުރި ގޭމްތަކެކެވެ. ފިލްމުގައި ވިދުޔަތު ކުޅޭ ކެރެކްޓާ އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ 1991ވަނަ އަހަރެވެ. "ދަލްސިމް" ނަމަކަށް ކިޔާ އެ ކެރެކްޓާ ގޭމްގައި ކުޅެނީ ވެސް އޭނާގެ އާއިލާއަށް އެހީތެރިވެދިނުމުގެ ބޭނުމުގައެވެ. އެމެރިކާގެ މެގަޒިންއެއް ކަމަށްވާ ޑެޑްލައިންގައި ބުނެފައިވާ ގޮތުން "ސްޓްރީޓް ފައިޓާ" ގޭމް ތައާރަފް ކުރުމަށްފަހު މިހާތަނަށް އޭގެ 55 މިލިއަނަށްވުރެ ގިނަ ކޮޕީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވަނީ ވިކިފައެވެ. އޭގެ އެންމެފަހުގެ ވާޝަނެއް ނެރެފައި ވަނީ 2023ގައެވެ. ކިޓާއީ ސަކްރާއީ ޑައިރެކްޓްކޮށް ގެނެސްދޭ "ސްޓްރީޓް ފައިޓާ" ފިލްމުން ވިދުޔަތުއާ އެކު ދެން ފެންނާނެ ތަރިންގެތެރޭ އެންޑްރޯ ކޯޖީ، ނޯއާ ސެންޓިނިއޯ، ޖޭސަން މޮމޯއާ، ކޮޑީ ރޯޑްސް، އެންޑްރޫ ޝުލްޒް، ކާޓިސް ޖެކްސަން އަދި ކަލީނާ ލިއަންގް ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ