މުދާ ވިއްކާ އަގު ޖަހަން ލަދުގަންނަނީތަ؟

އެއީ މާލޭގެ އެންމެ މަޝްހޫރު އެއް ސުޕަމާކެޓެވެ. ފިހާރައިގެ ދިގަށާއި ހުރަހަށް ޖަހާފައި ހުރި ހަރުގަނޑުތަކުގެ މަތިން ފެށިގެން ތިރިއަށް ނެތް ބާވަތެއްގެ މުދަލެއް ނެތެވެ. މުދާ އެތުރުމާއި ތަރުތީބު ކުރުމުގެ 'ކޮރިއަގްރަފީ'އަށް ސަތޭކައިން ސަތޭކަ އެވެ.
އެކަމަކު އެ ބޮޑު ފިހާރައިން ވަރަށް މުހިންމު އެއްޗެއް މަދުވެ އެވެ. ތަރި ބުރައިގެންދާހާ އަލިގަދަ ބޮކިތަކުގެ އަލީގައި ވެސް ހަމަ އުޅެއުޅެ ނުފެނުނީ މުދާ ވިއްކާ އަގުތަކެވެ. ހަމަ އެއް ގޮތަކަށް ވެސް އަގު ނުޖަހަނީ އެވެ. ލަދުން، ކަންނެތްކަމުން ނުވަތަ ހަމަ ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި ނުޖަހަނީ ކަމެއް ނޭނގެ އެވެ.
މުދާ ހަރުގަނޑުތަކުގެ 'ކޮރިއޮގްރާފަރުން'ގެ ގާތުގައި އަގު އެހިޔަސް ގިނަ ފަހަރު އެ މީހުންނަށް ވެސް ބުނެދޭކަށް ނޭނގެ އެވެ. ދެން އެ އެއްޗެއް ހިފައިގެން ދާނީ ކައުންޓަރަށެވެ. އޭނާގެ ވަގުތާއި އަހަރެންގެ ވަގުތާއި ކޭޝިއަރާއި ބިލު ދައްކަން ގޮސް ކިއޫގައި ތިބޭ މީހުންގެ ވަގުތު ވެސް ބޭކާރެވެ.
އެކަމަކު އެއީ އަދި އެއް މައްސަލަ އެވެ. ބައެއް ފިހާރަތަކުގެ މުދާ ހަރުގަނޑުތަކުގައި ތަތްކޮށްލާފައި ހުންނަނީ ހުސް ކަރުދާސް ކޮޅެކެވެ. ދެން އޭގައި އަގު ޖަހަންވީ އަހަރެމެން، ކަސްޓަމަރުން ހެއްޔެވެ?
ހުސް ލޭބަލްކޮޅާ ހިސާބުން އަދި މިކަން ނިންމާލެވޭކަށް ނެތެވެ. ދެން މި ހުންނަނީ މުދާ ރެކުގައި ގޯސް ލޭބަލް ޖަހާފައި ހުންނަ ފިހާރަތަކެވެ. އެއްޗެއް ގަންނަ ހިތުން އަގު ބަލައިލާއިރު ޖަހާފައި މި ހުންނަނީ މުޅިން އެހެން މުދަލެއްގެ އަގެވެ. މިކަހަލަ ގޯސް ލޭބަލްތަކުގެ އެތައް މިސާލެއް ދެއްކިދާނެ އެވެ.
ދަތްކޮއްޓި ފުޅިތަކާ ދިމާލުގައި ކަފަބުރުގެ އަގު ޖަހާފައި ހުރި ތަން ފެނުމުން ސިކުނޑި ދަނީ ސުމަކަށެވެ. ވިކްސް ބާމު ފުޅީގެ އަގު ބަލައިލާއިރު އަރައިގެންދަނީ ޓައިގާ ބާމުގެ ދިލަގަނޑެވެ. 'ނިވިއާ މެން' ފުޅިތަކުގެ އަގު ޓެގު، ނިވިއާ ވިމެން ފުޅިތަކުގެ ކައިރީގައި ޖެހުމުން އެ އޮތީ ޖިންސު އޮޅުވާލެވިފަ އެވެ.
ސެންސޮޑައިންގެ 55ރ.ގެ އަގު ޓެގު މަތީގައި، 20 ވަރަކަށް ރުފިޔާއަށް ވިއްކާ ކޮލްގެޓު ފުޅިތައް ފޮނިވެލާފައި ޖައްސާލައިގެން އެ ތިބީ ދަތްޕިލަ އަތަށް ނަގައިގެންނެވެ. އެކަމަކު އެ ލޭބަލަށް ބަލައިފި މީހަކު ހިނިނައިސްފި ނަމަ އަންނާނީ ރުޅި އެވެ.
އެހެން ރެކެއްގައި ހުރީ އެކި ބްރޭންޑްތަކުގެ ކިރު ދަޅާއި ޕެކެޓު ޖަހާފަ އެވެ. އެކަމަކު އެ ހުރިހާ އެއްޗަކާ ދިމާލުގައި ވެސް ޖަހާފައި ހުރި އޯލްޑަންބާގާގެ 'ޔުނިވާސަލް' އަގުކޮޅެކެވެ.
އަނބު ޖޫސް ފުޅީގައި އޮރެންޖު ޖޫހުގެ އަގު ޖެހިޔަސް ހަމަ ހިލާ އޮރެންޖުގެ ހުތް ރަހައެއް ނުލާނެ އެވެ. ހަމަ އެ ގޮތަށް، މާސް ޗޮކުލެޓާ ދިމާލުގައި ސްނިކާސްގެ އަގު ޖެހިޔަސް ހަމަ އެންމެ ބަދަންކޮޅެއް ވެސް އެ ޗޮކުލެޓުން ހަފައެއް ނުލެވޭނެ އެވެ.
މިކަމުގައި އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އަތުރާ މީހަކު ފަރުވާކުޑައީ އެވެ. އެހެން ނޫން ނަމަ އަނެއް ގޮތަކީ، ފިހާރަ ބަންދުކޮށް، ބޮކިތައް ނިވާލުމުން ޖޫސްފުޅިތަކާއި ޗޮކުލެޓުތަކާއި ދެން ހުރި ސާމާނު ވެސް ދެފައި ޖަހާފައި މުޅި ފިހާރައިގައި ދުވެ، ހިތު ހުރި ހަރުގަނޑަކަށް ގޮސް އަރަނީ އެވެ.
އަގު ޓެގު ނެތުމާއި ގޯސް އަދި ހުސް އަގު ޓެގުތަކުގެ ސަބަބުން ނުކުންނަނީ ދާދި އެއް މައްސަލައެކެވެ. ބިލަށް އަރާ ވަރު އަންދާޒާ ކޮށްލަން ދަތިވުމާއި ބިލު ނުހޯދާ ނަމަ، ފައިސާ ދެއްކޭ ނުދެއްކޭ ވަރު ނޭނގުމެވެ. ދެން ހަމަ ކޮންމެ ފަހަރަކު އިންފްލޭޝަނާ އެކު ތަކެތީގެ އަގު ބޮޑީއޭ ކިޔައިގެން ތިބެވިދާނެ އެވެ.
އެކަމަކު ބިލަށް ފާރަވެރިވެ، ބައި ރުފިޔާއަށް ވެސް ދޫނުކުރާ މީހުންނަށް އެހެން އޮޅުވާލަން އުނދަގޫވާނެ އެވެ. އެއީ ހަމަ އެއް ވަނައިގެ މީހުންނެވެ. ވިޔަފާރިވެރިން މަކަރުހަދާ ނަމަ ނުވަތަ އަގު ފޮރުވައިގެން އުޅޭ ނަމަ ދެން ކުރެވެން އޮތް ކަމަކީ އެއީ އެވެ.
މިކަހަލަ، ބިލަށް ފާރަވެރި އެކުވެރިޔަކަށް މިފަހުން ދިމާވި ކަމެކެވެ. ހަމަ ބޮޑު ސުޕަމާކެޓެކެވެ. ކައުންޓަރުގައި ހުރީ މިފަހުން ވެއްދި، ކަންކަން އަދި ދަސްކުރަމުން އަންނަ ނޭޕާލު މުވައްޒަފެކެވެ. އޭނާއަށް ކައުންޓަރަށް އެރުނު ގޮތަކީ އަދި މުޅިން އެހެން ވާހަކައެކެވެ.
އެކުވެރިޔާ އެރޭ ސަލާމަތްވީ ކަސްޓަމަރުންނަށް ފެންނަ ގޮތަށް، އަގު އަރާތީ އެވެ. މުދާ އެންޓާ ކުރާއިރު ފިތްކަނޑައިގެންދާހާ އަގު ބޮޑެވެ. ބައެއް ފަހަރު ގިނައިން ވެސް އެންޓާ ކުރަނީ އެވެ. ކައުންޓަރުގެ ދެ ފަރާތުން ދައްކާ ވާހަކަ އެކަކު އަނެކަކަށް ނޭނގި، ސުލްހަ ކުރަން އަންނަން ޖެހުނީ އެހެން މީހަކަށެވެ. އެއީ ވެސް ދިވެއްސެއް ނޫނެވެ.
އެވަރުން ވެސް ބިލު އޮތީ ގޯސްކޮށެވެ. ބިލުކޮޅު ހޯދައިގެން ބެލިއިރު އިތުރަށް 20ރ. އޮތީ އަތުލާފަ އެވެ. ބައެއް މީހުންނަށް އެއީ ދެން އެންމެ 20ރ. އެވެ.
"އެ 20ރ. ހޯދަން ވެގެން އަހަރެންގެ ހަޔާތުން 30 މިނެޓު ބޭކާރު ވެގެންދިޔައީ. އެ ރޭ ފިހާރައިގެ ސޭލްސް ނިންމީމަ އަނބުރާ ލިބުނީ،" އޭނާ ބުންޏެވެ.
"އެކަމަކު ވެސް ދެން އޯކޭ. މިއަދު އެ 20ރ.ގެ ބޭނުން ޖެހުނު."
އޭނާއަށް 30 މިނެޓު މަޑުކޮށްލެވުނުކަން ނަސީބެކެވެ. ގިނަ މީހުން އުޅެނީ ބިޒީ، ދިރިއުޅުމެކެވެ. އަބަދުހެން ލައިނުގަނެގެން އުޅޭ މީހަކަށް އެންމެ މިނެޓަކު ވެސް އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވާނެ އެވެ. އަނެއްކޮޅުން މުދާ ގަނެފައި ބިލުކޮޅު ހޯދަނީ ކިތައް މީހުން ހެއްޔެވެ? ގޯސް އަގެއް ދެއްކުނަސް ގިނަ ފަހަރަށް މީހުންނަށް ނުވެސް އެނގެ އެވެ.
އެހެން މީހަކަށް ދިމާވި ކަމެކެވެ. އޭނާ ދިޔައީ އަދި އަހަރު ނުފުރޭ އޭނާގެ ދަރިފުޅަށް ކަމުދާ ނެޕީ ބްރޭންޑުގެ ބޮނޑިއެއް ގަތުމަށެވެ. އާންމުކޮށް ގަންނަ ފިހާރައިން ހުސްވެފައި ހުރުމުން އޭނާއަށް ވަންނަން ޖެހުނީ އާ ފިހާރައަކަށެވެ. އެ ތަނުން ފާހަގަވީ ކުރިން ބުނި މައްސަލަ އެވެ. އެއްވެސް މުދަލެއްގައި އަގު ޖަހާފައި ނެތެވެ.
އެ ގަޑީގައި އެކަމާ މާ ބޮޑަށް ނުވިސްނައި  އޭނާ ބެލީ އަވަހަށް ނެޕީބޮނޑި ގަނެވޭތޯ އެވެ. އެކަމަކު ކައުންޓަރަށް ގޮސް އެންޓާ ކޮށްލިއިރު އާންމުކޮށް ގަންނަ އަގަށް ވުރެ 35ރ. އަގުބޮޑެވެ. ދެ ލޯ ބޮޑުވިޔަސް އެ ނުގަނެ ފަރުޖެއްސޭކަށް ނެތެވެ.
މި މައްސަލަ ފާހަގަވަނީ ހަމައެކަނި ސުޕަމާކެޓުތަކުން އެކަންޏެއް ނޫނެވެ. އެކަމަކު ބައެއް ކަންމަތީ ފިހާރަތަކުން ފެންނަ މަންޒަރު މުޅިން ތަފާތެވެ. ގަލަމަކުން ވިޔަސް، މާކަރަކުން ވިޔަސް ސާފުކޮށް، ފެންނަހެން މުދަލުގެ އަގު ޖަހާފައި ހުރެ އެވެ. ކިތަންމެ ކުޑަ އެއްޗެއް ވިޔަސް، ކިލޯ ކިރައިގެން ވިއްކާ މޭވާ އާއި ތަރުކާރީ ވިޔަސް ހަމަ އެގޮތަށެވެ.
މިކަމުގައި ފިހާރަތަކުން ވިސްނަންވީ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އަގުޖެހުމަކީ އެއް ގޮތަކަށް ވެސް އިހުތިޔާރީ ކަމެއް ނޫނެވެ. އެއީ ގާނޫނުން މުދާ ވިއްކާ ފަރާތްތަކަށް ލާޒިމްކޮށްފައި އޮންނަ ކަމެކެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ފުރަތަމަ ދެ އަކުރު ހާއްސަކޮށްފައި ވަނީ މިކަމަށެވެ. އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި "ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ" އެވެ.
މުދަލުގެ އަގު ސާފުކޮށް އެނގޭ ގޮތަށް ހުރިކަމަށް ބެލެވޭނެ ހާލަތްތައް، އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވެ އެވެ. އެއީ:
މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ ޕްރިންޓުކޮށް ނުވަތަ ހަރުކޮށްފައިވުން؛ ނުވަތަ އެ ނޫން ވެސް ގޮތަކަށް އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުން
1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަނެއްގައި އަގު ހަރުކޮށްފައި ވީނަމަވެސް، އެ އަގަކީ އެ މުދަލެއްގެ އަގުކަން އެނގޭ ގޮތަށް ހުރުން
އެ މުދަލަކާ ގުޅޭ ލީފްލެޓް، މަޖައްލާ ނުވަތަ ކެޓަލޮގެއްގައި އެއީ އެ މުދަލުގެ އޭރުގެ އަގުކަން އެނގޭ ގޮތަށް ނުވަތަ އެ އަގަކީ ވަކި މުއްދަތެއް ވަންދެން ހިނގާނެ އަގެއް ކަމަށް ބަޔާންކޮށްފައި ހުރުން
ގާނޫނުގައި އެހެން ލިޔެފައި އޮތް ނަމަވެސް، ބައެއް ފިހާރަތަކުން މުދަލުގައި އަގު ޖަހާފައި ހުންނަ ގޮތުންނާއި އެއް ގޮތަކަށް ވެސް އަގުނުޖަހައި ހުންނާނީ އެ ގާނޫނު ތަންފީޒު ކުރެވޭތޯ ސުވާލު އުފެދެ އެވެ.
އެހެންކަމުން މި ކަމުގައި ދެން ސަމާލުވާންވީ ކަސްޓަމަރުންނެވެ. ބިލަށް ފާރަވެރިވާ އެކުވެރިޔާ ދޭ ނަސޭހަތަކީ، މާ ބޮޑު ކަމަކަށް ނުހަދައި، ބާޒާރުކޮށްފައި ބިލުކޮޅު ނެގުމަށެވެ. އަދި ގަންނަ މުދަލަށް ދެއްކެނީ ރަނގަޅު އަގުތޯ ބަލައި ރަނގަޅަށް ޗެކު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ