ވޯޓާ ޕާކަށް ގިނަ އަދަދެއްގެ ފުލުހުން ވަދެ، ގެންދިޔައީ ވެއްޓިފައި އޮތް ޒުވާން އަންހެނެއް
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ވޯޓާ ތީމް ޕާކަށް ރޭ ގިނަ އަދަދެއްގެ ފުލުހުން ވަދެގެން، އެ ތަނުން ގެންދިޔަ ވެއްޓިފައި އޮތް މީހާއަކީ ޒުވާން އަންހެނެއް ކަމަށް ފުލުހުން ބުނެފިއެވެ. ރޭ 21:45 ހާއިރު އެ ސަރަހައްދުގައި ހުރި 'ސަން'ގެ ނޫސްވެރިއަކަށް ވަނީ ހަތަރު ސައިކަލުގައި ފުލުހުން އެ ސަރަހައްދަށް ދިޔަ މަންޒަރު ފެނިފައެވެ. އޭގެ ފަހުން، ފުލުހުންގެ ކާރެއް ގޮސް، އެއް ފަހަރާ ވޯޓާ ތީމް ޕާކަށް ވަންނަ މަންޒަރު ވަނީ ފެނިފައެވެ. މި ކަމާ ގުޅޭގޮތުން މިއަދު "ސަން" އަށް މައުލޫމާތުދެމުން ފުލުހުން ބުނީ، ރޭ އެޕާކުން ބޮލަށް އަނިޔާވެފައިވާ އަންހެނަކު ފެނުނުކަމުގެ މައުލޫމާތު، އެ މުއައްސަސާއަށް ލިބުނީ ރޭ 21:31 އެހާކަށްހާއިރުގައި ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވުމަށް ފަހު ނުކުތްއިރު، ވެއްޓިފައި އޮތް މީހަކު އަތްދަނޑި މައްޗަށް ލާފައި އޮތެވެ. އަދި، އޭނާ ގޮވައިގެން ފުލުހުންގެ ކާރުގައި ދިޔަ މަންޒަރު ވެސް 'ސަން'ގެ ނޫސްވެރިޔާއަށް ވަނީ ފެނިފައެވެ. އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދިނެވެ. އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި، މިހާތަނަށް ބެލިބެލުމުން އަންހެންމީހާގެ ބޮލަށް ލިބިފައިވާ އަނިޔާއަކީ އެހެން މީހެއްގެ ފަރާތުން ލިބިފައިވާ އަނިޔާއެއް ނޫންކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. https://sun.mv/214676 މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ވޯޓާ ތީމް ޕާކް ސަރަހައްދަކީ މަސްތުވާތަކެެއްޗާއި ފޭރުމުގެ ކަންކަން ބޮޑު ހިސާބެކެވެ. މީގެ ކުރިން މިދިޔަ އޮގަސްޓު 25ގައި އެ ސަރަހައްދުން ވަނީ މަރުވެ، ކުނިވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައެވެ. ފުލުހުން ވަނީ އެއީ ނޭޕާލަށް ނިސްބަތްވާ، ރުޕަން ތަޕާ މަގަރު ކިޔާ 29 އަހަރުގެ މީހެއް ކަމަށް ބުނެފައެވެ. އެ މަރުގައި ތުހުމަތުކުރެވޭ ކަމެއް ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ވޯޓާ ތީމް ޕާކް ހެދުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާ 2017 ވަނަ އަހަރު ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ނުނިމި، މިހާރު އެ ސަރަހައްދު އޮންނަނީ ބޭނުންނުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ