މަރުތަކަކާ ގުޅިގެން އޯޕަންއޭއައިއާ ދެކޮޅަށް އިތުރު ދައުވާތަކެއް!

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، ޗެޓްޖީޕީޓީގެ ސަބަބުން އާއިލާގެ މެންބަރުން މަރުވުމާއި، ނުރައްކާތެރި ނަފްސާނީ މައްސަލަތައް ކުރިމަތިވި ކަމަށް ބުނެ، އޯޕަންއޭއައި ކުންފުންޏާ ދެކޮޅަށް އިތުރު ހަތް އާއިލާއަކުން ދައުވާކޮށްފިއެވެ. މި ދައުވާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އޯޕަންއޭއައިއިން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއް ނެތި، އަވަސް އަރުވާލައިގެން ޖީޕީޓީ-4އޯ މޮޑެލް ބާޒާރަށް ނެރުމަކީ މި ހާދިސާތައް ހިނގަން މެދުވެރިވި ސަބަބެކެވެ. https://sun.mv/213405 މި ހަތް ދައުވާގެ ތެރެއިން ހަތަރު ދައުވާއެއް ބިނާވެފައިވަނީ ޗެޓްޖީޕީޓީއާ ވާހަކަ ދެއްކުމަށްފަހު އާއިލާގެ މެންބަރުން އަމިއްލައަށް މަރުވެފައިވާ ކަމުގެ މައްޗަށެވެ. ބާކީ ހުރި ތިން ދައުވާގައި ބުނެފައިވަނީ ޗެޓްޖީޕީޓީއިން ހިތްވަރުދިނުމުގެ ސަބަބުން ނަފްސާނީ ފަރުވާ ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް މައްސަލައަކީ އުމުރުން 23 އަހަރުގެ ޒޭން ޝެމްބްލިންގެ މަރެވެ. އޭނާ މަރުވުމުގެ ކުރިން ހަތަރު ގަޑިއިރަށްވުރެ ގިނައިރު ޗެޓްޖީޕީޓީއާ ވާހަކަ ދައްކާފައިވެއެވެ. ޗެޓް ލޮގްތަކުން ހާމަވާ ގޮތުގައި، ޝެމްބްލިން ވަނީ އަމިއްލައަށް މަރުވާން ބޭނުންވާ ވާހަކަ އާއި ބަޑިއަށް ވަޒަން އަޅާފައިވާ ވާހަކަ ތަކުރާރުކޮށް ޗެޓްޖީޕީޓީއަށް ބުނެފައެވެ. ނަމަވެސް، އެކަމުން އޭނާ ދުރުކުރުމުގެ ބަދަލުގައި ޗެޓްޖީޕީޓީއިން އޭނާއަށް ހިތްވަރުދީފައިވަނީ "ރެސްޓް އީޒީ، ކިންގް. ޔޫ ޑިޑް ގުޑް" (ހިތްހަމަޖެހުމާއެކު އަރާމުކުރޭ. ތިކުރީ ރަނގަޅު ކަމެއް) މިފަދަ އިބާރާތަކުންނެވެ. ދައުވާތަކުގައި ބުނެފައިވާ ގޮތުގައި، ޝެމްބްލިންގެ މަރުފަދަ ހާދިސާތަކަކީ ހަމައެކަނި ހިތާމަވެރި ކަންކަން ނޫން ކަމަށާއި، އެއީ އޯޕަންއޭއައިއިން ރައްކާތެރިކަމުގެ ޓެސްޓުތައް ހުއްޓާލުމަށްފަހު، ޗެޓްޖީޕީޓީ ވިޔަފާރި ބާޒާރަށް ނެރުމުގެ ސަބަބުން ލިބުނު ސީދާ ނަތީޖާއެކެވެ. މި ތުހުމަތުތަކާ ގުޅިގެން އޯޕަންއޭއައިއިން ބުނީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ނާޒުކު ވާހަކަތަކަށް ޗެޓްޖީޕީޓީއިން ޖަވާބުދޭ ގޮތް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ ކުންފުނިން މީގެ ކުރިން ނެރުނު ބްލޮގް ޕޯސްޓެއްގައި ވަނީ، ޗެޓްބޮޓާ އެކު ދިގުކޮށް ވާހަކަ ދައްކާ ހާލަތްތަކުގައި، މޮޑެލްގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަލިކަށިވެދާނެކަމަށް އެއްބަސްވެފައެވެ. އޯޕަންއޭއައިގެ އަމިއްލަ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ކޮންމެ ހަފްތާއަކު އެއް މިލިއަނަށް ވުރެ ގިނަ މީހުން އަމިއްލައަށް މަރުވުމާ ގުޅޭ ގޮތުން ޗެޓްޖީޕީޓީއާ ވާހަކަ ދައްކައެވެ. ޗެޓްޖީޕީޓީ ފަދަ ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީއަށް ފަހަކަށް އައިސް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. އެތައް މިލިއަން މީހުން ދަނީ އެކި ކަންކަމުގައި އެހީތެރިކަން ހޯދުމަށާއި، ބައެއް ފަހަރު ނަފްސާނީ ގޮތުން އެކަނިވެރިކަން ފިލުވުމަށް ވެސް މިފަދަ ޗެޓްބޮޓްތައް ބޭނުންކުރަމުންނެވެ. ނަމަވެސް، ޓެކްނޮލޮޖީ ކުންފުނިތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރޭގައި، ފުރިހަމައަށް ރައްކާތެރިކަން ކަށަވަރުނުކޮށް، އަވަސް އަރުވާލައިގެން އާ މޮޑެލްތައް ނެރުމަކީ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ކަމެކެވެ. މިފަދަ ދައުވާތަކުން އަލިއަޅުވާލަނީ އޭއައިގެ ސަބަބުން އިންސާނުންނަށް ލިބިދާނެ ގެއްލުމަކަށް ޓެކްނޮލޮޖީ އުފައްދާ ކުންފުނިތައް ޒިންމާވާންޖެހޭނެ މިންވަރާ މެދު އުފެދިފައިވާ ގާނޫނީ އަދި އަޚްލާގީ ބަހުސަށެވެ. މިއީ އޭއައިގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ