ކެމޮމައިލް 63

"ދުނިޔެއަކީ އެއްވެސް އިންސާނަކަށް ދާއިމީ އުފާތައް ލިބޭނެތަނެއްނޫނެވެ. ވަގުތީ އުފަލާއި ހިތްހަމަޖެހުމެވެ. އެ އުފާތަކަށްޓަކާ އާޚިރަތް ގުރުބާން ނުކުރާށެވެ." *** ހަފްތާއެއްހާ ދުވަސްފަހުން ހަމްޒާގެ މަންމަ ރުމައިސާގެ ދައުވަތު މިރިއަމްއަށް ލިބުނެވެ. އެއީ ހައިރާންކުރުވަނިވި ބަދަލެކެވެ. ހީނަރުވެފައިވާ ގުޅުން ބަދަހިކުރަން ކުރިއަށް އެޅުނު ފިޔަވަޅެކެވެ. މިރިއަމްއަށް ހަމްޒާގެ މަންމަގެ ފަތަރާސީކަމާއި ކިބުރުވެރިކަން ތަޖުރިބާކުރެވިފައިވާތީ އެގެއަށްދާން ޖެހިލުންވެ ހިތް ބިރުގަތެވެ. ނަމަވެސް މަރްވާ ހުރުމުން އަމިއްލަ ނަފުސަށް އޮތް އިތުބާރުބޮޑުވިއެވެ. އޭނަ އެގެއަށް ދިޔައީ ފަހަރެއްގައިވެސް ދިމާވެދާނެ ހާލަތަކަށް ތައްޔާރު ވެގެނެއްނޫނެވެ. *** މިރިއަމްއަށް އެގެއަށް ފޯރިއިރު މެންދުރުވަނީއެވެ. ރާއްޖެއިންވެސް އެފަދަ ރީތި ގެއެއް ފެނުން ނާދިރުހާ ރީތި އިމާރާތެކެވެ. ގަނޑުވަރެއްފަދައެވެ. ހިޔާދޭ ގަސްތަކާއި ފެހިކަން ގަދަ ވިނަތަކެވެ. އެގޭގެ ދޮރުތަކުން އިރުގެ އަލިކަން ފުރޭނިގެން ސިޓިންރޫމް އަލިކޮށްލާފައިވާއިރު ހުރިހާތަނެއް ފެންނަނީ ހުދު ޖަވާހިރުގެން ވިދާ ބަބުޅާތަނެވެ. ވައިވެސް އެހާ ފިނިވެފައި ސިކުނޑިއާއި ރޫހު ތާޒާވާހާ މީރުވަހެކެވެ. ދޮރު ހުޅުވައިލުމާއެކު މިރިއަމްގެ މޫނުގައި ބީހުނު ރޯޅިވެސް ފިނި މަރުހަބާއެއް ކީއެވެ. ނުތަނަވަސް އިހުސާސެއް ހިތުގައި އުފެދިގަތެވެ. ދޮރުމަތީގައި ރުމައިސާ ހުރީ ޝާހީ އިއްޒަތުގައެވެ. އަގުބޮޑުހެދުމާއެކު ގަހަނާއިން ޖަރީވެފައިވާއިރު ހަމައެކަނި އިސްތަށިގަނޑުގައި ތާޖެއް ނެތްކަމެވެ. އެރީތިކަމާއި ޝާހީކަމުން ރާނީއެއްގެ ލަގަބުވެސް ހައްގުކަމަށް ދެކޭ ކަނބަލެކެވެ. ހަށިގަނޑު ސީދާކޮށްލައިގެން ހުރިއިރު ތުންފަތުގައިވީ ކުޑަ ހިނިތުންވުމެކެވެ. "އާނ.......އެންމެ ފަހުން އައީ ދޯ.."އޭނަގެ ނަޒަރު މިރިއަމްގެ މޫނަށް ހުއްޓުނީ އެއްވެސް ކަހަލަ އައިބެއް ހުރިތޯ ބަލާހާ ފުން ނަޒަރަކުންނެވެ."އެތެރެއަށް ވަދޭ.." މަރްވާ އޭނަގެ މަންމަގެ އިނގިލީގައި ހިފަހައްޓައިގެން ހުރީ ޑޭޒީ އަންނަންދެނެވެ. ޑޭޒީއަކީ ހިތްހެޔޮ ލޮލެއް ލިބިފައިވާ މަޑުން ވާހަކަދައްކާ އަންހެންކެވެ. މަރްވާއަށް ޚާއްސަކޮށްފައިވާ ޚާދިމާއެކެވެ. "މަރްވާ.."މާމަދަރިފުޅު ފެނުމާއެކު ރުމައިސާގެ އަޑުގައިވި ހަރުކަށިކަން ކުޑަވިއެވެ."ޑޭޒީ އާންޓަށް ފެވެރިޓް ޓޯއި ދައްކަބަލަ....ޑޭޒީ ސަޕްރައިޒެއް ދޭނެ އިނގޭ..." "ރިއަލީ؟"މަރްވާގެ ލޯ ދިއްލުނެވެ. އެއާއެކުވެސް މަންމަގެ މޫނަށް ބަަލައިލީ ހުއްދަ ހޯދުމަށެވެ. "އަވަހަށް ދޭ ސްވީޓްހާޓް..."މިރިއަމް ބުނެލިއެވެ. މަރްވާ ސަންގުމަރުމަރު ހިލައިން ވިދާ ކޮރިޑޯއިންގޮސް ކުޅޭ ކޮޓަރިއަށް ވަދެ ލޯމަތިން ގެއްލެންދެން އޭނައަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނަ އެނބުރުނުއިރު ރުމައިސާގެ މޫނުމަތީގައިވި ހިނިތުންވުން ފޭދުނެވެ. މިހާރު އެމޫނުން ފެންނަނީ މިރިއަމްއަށް ޚާއްސަ ފިނި ނަޒަރެކެވެ. އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހައިލިއެވެ. ރުމައިސާފެނުމުން ރޫހަށް ނުތަނަވަސްކަން ވެރިވެގެން ދަނީ ކީއްވެކަމެއް ނޭގެއެވެ. "އިށީދޭ..."ރުމައިސާ އަމުރުކުރިއެވެ. އޭނަ ކިޔަމަންތެރިކަމާއެކު ސޯފާއަށް ތިރިވީ އެއްފަރާތުގައި އަތް ދަބަސް ބަހައްޓާފައެވެ. އޭނަ ދިފާައުކުރަން ހަމްޒާ ހުރިނަމަޢ ހިތަށް އެރިއެވެ. "މިރިއަމް...އެމްއާރްއައި ސްކޭންއެއް ހަދައިފިންތަ؟" ހަރުކަށި ސުވާލެކެވެ. "ޢެމްއާރްއައި؟ ކީއްކުރާ ސްކޭނެއް؟"އޭނައަށް ހައިރާންވެ ލޯ ބޮޑުކޮށްލެވުނެވެ. ހިތަށްވެސް ނާރާފަދަ ސުވާލެކެވެ. "އަހަރެން މިބުނި އެއްޗެއް ނޭގޭކަމަށް ނެހެދިބަލަ..ރަގަޅަށް އެނގޭނެ ހަނދާން ނެތެން ފަށައިފިކަން...މުހިއްމު އެއްޗެހިި ބަހައްޓާތަން ނޭގުން، އެހެން މީހުންނަށް ނުބައި ނަންތަކުން ގޮވުން. ހޮސްޕިޓަލުގައި ތިބޭ ނަރުހުން އެވާހަކަދައްކަން ފަށައިފި...." ކޮންކަމެއްގެ ވާހަކަ؟" އޭނަގެ ހިތުގެ ވިންދު ބާރުވެ ހަށިގަނޑަށް ވާންކަމެއް ވެރިވިއެވެ. ޝަރީއަތަށް ގެނެސްފައި އިން ކުށްވެރިއަކަށްވެސް ވާނީ އެވަރެވެ. "އުމުރުން ދުވަސްވީ މީހަކަށް މަންމައޭ ކިޔާފައި ގޮވީ......ބާރަށް...ތަކުރާރުކޮށް...."ރުމައިސާގެ ރާގަށް ބަދަލެއްނައެވެ."ހަމަ ބުނީ މަންމައާއި ތަފާތެއްނެތޭ..މަންމަކަމަށް ހީކޮށް އެމީހާއާއިހެދި އުޅުނީ......." :ޢެއީ ދިގު ޑިއުޓީއެއް. އަޅުގަނޑު ހުރީ ވަރުބަލިވެފައި...." ":ވާހަކަ ތިހިރީ ހަމަ ޖަމީލާވެސް ކުރީކޮޅު ދައްކިގޮތަށް.." "ޕްލީޒް........ތިހެން ނުބުނޭ...." މިރިއަމްގެ މޫނުމަތީގައި ތަފާލެއްޖެހިފަދައެވެ. މަންމަގެ ނަން އިވުމުން ހިތަށް އަސަރުކުރިއެވެ. "އެއީ ހަގީގަތް..." ރުމައިސާ އިށީނީ އަތްތިލަ ފައިމަތީގައި ބާއްވައިގެންނެވެ."އަހަރެން ދެކުނިން ޖަމީލާއަށް ވީވަރު........ހަނދާން ނެތުން. ބައެއްފަހަރު އޮޅުން އެރުން.. އެހެން ހުރެފައި ހަމަކުއްލިއަކަށް އަޑިއަޅައިލީ..ހަމަ އޭތި މިހާރު މި ޖެހުނީ..." " ނޫން..ހަމަ އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް...." އޭނަ ބޯ ހޫރައިގަތެވެ. "ޓެސްޓް ހަދަން ބޭނުމިއްޔާ ބުނޭ...އެކަމަކު ހަނދާންކުރަންވާނެ ތިއީ ޒިންމާތަކެއްހުރި އަންހެނެއްކަން. ފިރިއަކާއި ދަރިއަކު ހުރިކަން...ހަމްޒާއަށް ބޭނުންވަނީ ހަރުދަނާ ދިރިއުޅުމެއް..އަނެއްކާ ބޮޑު ބުރައެއްނޫން......." މިރިއަމް ހީކުރިވަރަށްވުރެ އެ ލަފުޒުތަކުން އޭނަގެ ހިތް ޒަޚަމްވިއެވެ. ތޫނު ޚަންޖަރެއްފަދަ ލަފުޒުތަކުން ފޫ އަޅުވައިލީއެވެ. އޭނައަށް ރުމައިސާއާއި ދިމާލަށް ބަލަން އުދަގޫވެގެން އަނެއްފަރާތަށް ނަޒަރު ހުއްޓައިލިއެވެ. ރެކްގައި ހުރި ފްރޭމްގައި ހަމްޒާގެ ކުޑައިރުގެ ފޮޓޯއެކެވެ. މައިންބަފައިންގެ ގާތުގައި އުފަލުން ފުރިފައެވެ. އޭނައަށް އެކަމުންވެސް އިހުސާސްވީ އޭނައަށް ހައްގުނޫން ފަސާނާއަކަށް ވަން ބީރައްޓެއްސެއްފަދައިންނެވެ. "އަޅުގަނޑު އޯކޭ...ކަމެއްނުވޭ.."އޭނަ ތަކުރާރުކޮށް ބުނެލިއެވެ. ރުމައިސާއަށް ޔަގީންކަމެއް ނުލިބުނެވެ. ނަޒަރު ދަތުރުކުރީ ހުނުމުގެ އަޑު އަންނަ ކުޅޭ ކޮޓަރިއާއި ދިމާލަށެވެ."މިއަދު ހަނާންވެސް މިގޭގައި ހުރި ދުވަހެއް.. މަތީގައި ރެސްޓްކުރަން ހުރީ.އަދިވެސް ހަމްޒާއަށް އަޅާލާ..އެކަން ދަންނަތް؟ ހަނާން އަބަދުވެސް މިގެއަށް ގެނައީ ހަމަޖެހުމާއި އަމާންކަން..އެއީ މިގޭގެ ރޫހު.." ރުމައިސާ ވާހަކަ ކުރިއަށް ގެންދިޔައީ މޫސުމްގެ ރިޕޯޓެއް އިއްވާފަދައިންނެވެ. އަނެއް މީހާގެ ހިތަށް ކޮށްފާނެ އަސަރަކާއިމެދު އެއްވެސް ވަރަކަށް ވިސްނާނުލައެވެ. "ހަނާން އެއްވެސް ކަމެއް ހަނދާން ނައްތާނުލާނެ...އަދި ޔަގީނުންވެސް ހޮސްޕިޓަލް ގޮސިޕްގެ އަމާޒަކަށް ނުވާނެ...ހަމްޒާ ވަޒީފާ އަދާކުރާ ތަނެއްގައި އޭނަގެ އަންހެނުންގެ ކަޑަކަމުގެ ވާހަކަދެއްކީމަ އޭނަގެ އަގުވެސް ވެއްޓުންނޫންކަމެއްނުވާނެ. " "ތިހުރިހާ ވާހަކައެއް އަޅުގަނޑު ގާތުގައި ދައްކަނީ ކީއްވެތޯ؟" އޭނައަށް ހިންދިރުވައިލެވުނެވެ. ރުމައިސާގެ ފިނި ދެލޯ ފާލީސްކޮށްފައިވާ ޖަވާހިރެއްފަދައެވެ."ސަބަބަކީ އަހަރެން އޮތީ ޑޮކްޓަރ ލަތީފްއާއި ވާހަކަދައްކާ އެޕޮއިންޓްމެންޓެއް އެރެންޖްކޮށްފައި...އަންނަ ހަފްތާގައި އެމްއާރްއައި ހަދަން ތައްޔާރުވެގެން ހުރޭ..." "ވަޓް؟ ގޮތް ނިންމަންޖެހޭނީ ވާހަކަދައްކާފައެއް ނޫންތަ؟ހަމްޒާއަކަށްވެސް ނޭގޭނެ......."އޭނަގެ ލޯ ބޮޑުވިއެވެ. "ހަމްޒާއަށް އެނގޭކަށް ނުޖެހޭ....ކޮންމެވެސް މީހަކު ޒިންމާ ނަގައިގެން މިކަންވާނީ..ކޮންމެވެސް މީހަކު ހަމްޒާއާއި މަރްވާއާއިމެދު ވިސްނަން ޖެހޭ..މިރިއަމްގެ މައްސަލައެއް ބައްޔެއްހުރިއްޔާ ކުރިން އެނގެން ޖެހޭނެ...ތާރީޚު އަނބުރާ އިއާދަވާން ދޫކޮށެއްނުލެވޭނެ.." އޭނަގެ ހިތް އެތައް އިހުސާސްތަކެއްގެ ދަށުވެ ފިތިގެން ދިޔައެވެ. ބިރުވެރިކަމާއި ނިކަމެތިކަން އަދި މޮޅިވެރިކަމެވެ. "މަރްވާ އުޅޭގޮތެއް ބަލާލާނަން.."އޭނަ ކުއްލިއަކަށް ތެދުވުނެވެ. "ޢާނ...."ރުމައިސާ ބުނެލިއެވެ. މިރިއަމްއަށް އެވަރުކޮށްލެވިދާނެއެވެ. އިތުރު ކަމަކަށް އުއްމީދުކުރެވޭކަށް ނެތެވެ. މިރިަމް ހިނގަމުން ދިޔައިރު އެއްފަރާތުގައި ހުރި ބިއްލޫރި ކެބިނެޓް ދޮރަށް ބަލައިލެވުނެވެ. އޭނަގެ ސޫރަ ފެނުމުން ހައިރާންވިއެވެ. ބިރުގަނެ ހުދުވެފައިވާ މޫނެކެވެ. *** މަރްވާއަށްޓަކާ ތައްޔާރުކޮށްފައިވާ އެ ކުޅޭ ކޮޓަރިއަކީ އެ އުމުރުގެ ކޮންމެ ކުއްޖަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެފަދަ ތަނެކެވެ. ވިދާ އަދި މަޑުކުލައަކުން ލޮލަށްފިނިކަން ގެނެސްދޭތަނެކެވެ. އެކިކަހަލަ ޕަޒުލްތަކާއި ކުޅޭ ބުދުތަކާއި ބޯޅަތައް އަދި ކުދި ސްލައިޑްތަކެވެ. ކުދި ޝެލްފްތަކުގައި އެކިކަހަލަ ފޮތްތަކެވެ. މަރްވާ ޑޭޒީގާތު ރަގްމަތީގައި އިށިދެގެން ފޯރިއާއެކު ކުރަހަން އިނެވެ. "ކޯނޗެއް ކުރަހަނީ ސްވީޓްހާޓް؟"މިރިއަމް އެތެރެއަށްވަނެވެ. "މަލެއް...." މަރްވާގެ ލޯ ވިދައިލީ މަންމަ ފެނުމުންނެވެ. އޭނައަށް ޖަވާބެއް ދިނުމުގެ ކުރިން ބޫޓެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. އެއާއެކު ލުއި ސެންޓެއްގެ ވަހެވެ. އެނބުރި ބަލައިލިއިރު ދާދިގާތުގައި ހުރީ ހަނާން ފިޔަވާ ދެވަނަމީހެއް ނޫނެވެ. ރީތިކަމާއި ފަރިކަމުގެ ދެވަނައެއްނެތެވެ. އެހާ ނަލަހެދިލައިގެންނެވެ. ތާޒާ މަލެއްފަދައިންނެވެ. އަލީގެ ސަބަބުން ފެންނަން ހުރި ހިޔަނިންވެސް ފެންނަނީ ރީތިކަމެވެ. އެ ދިގު ލޫޅާފަތި ހަށިގަނޑާއި ގުޅޭފަދަ ހެޔޮވަރަށް ފަހާފައިވާ އަބާޔާ ރަންކުލައިންވާއިރު އެޅޭ އައްޔާއެކު ވިދަމުން ދިޔައެވެ. ތުންފަތުގައި ޖައްސާފައިވާ ލިޕްސްޓިކްގެ ސަބަބުން މޫނުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. އަމިއްލަ ނަފުސަށްވެސް ތިމާގެ ރީތިކަން އިހުސާސްވާފަދައެވެ. މިރިއަމްއަށް ހިންދިރުވައިލެވުނެވެ. ރުމައިސާ އަޅާކިޔާނެވަރު ވިސްނުނެވެ. އޭނަގެ ކުށަކީ ކޮބާހެއްޔެވެ؟ ރިޒުގު ބައްސަވަނީ ހެއްދެވިފަރާތުންނެވެ. އެކި މީހުންނަށް އެކިވަރަށެވެ. ރިޒުގު ބައްސަވާ ފަރާތާއިމެދު ޝަކުވާކުރުމުގެ ބަދަލުގައި ޝުކުރުކުރަންވީ ނޫންހެއްޔެވެ؟ ރީތިކަންވެސް އެކިމީހުންނަށް އެކިވަރަށެވެ. އެކި ކުލައިގާ އެކި ސޫރައިގާ އެކި ގައުމުތަކުގައި މީހުން ލައްވާފައިވަނީ ސަބަބުތަކަށްޓަކައެވެ. ބައެއްމީހުންނަށް ވެރިކަމާއި އާރާއިބާރު ދެއްވާއިރު އަނެއްބަޔަކަށް އިމްތިހާނުތައް އަންނަނީ ފަގީރުކަމާއި އެކި ވޭންތަކުންނެވެ. އެކަމަކު ކެތްތެރިވާންވީ ނޫންހެއްޔެވެ؟ އެންމެނަކީވެސް އެއް އުއްމަތެވެ. ހަމްޒާގެ މަންމަ އެވަރަށް ތަފާތުކުރަނީ އޭނަ ނަސަބުގެ ގޮތުން ދެރަވީމަހެއްޔެވެ؟ އޭނައަކީވެސް ހުތުރުކުއްޖެއްނޫނެވެ. ނަމަވެސް ހަނާން ފެނުމުން އޭނައަށްވެސް ހަނާންގެ ޚާއްސަ ރީތިކަމުން ހައިރާންވެއެވެ. "މަރްވާގެ އަޑު އިވިގެން މިއައީ...."ހަނާންގެ ނަޒަރު މަރްވާއަށް ހުއްޓުނެވެ. ޑޭޒީ ބުރަކަށި ސީދާކޮށްލިއެވެ. "ބްރޭކެއް ނަގާލިޔަސް އެންމެ ރަގަޅު...އަހަރެން ޕްރިންސެސް އުޅޭގޮތް ބަލާނަން..."ހަނާން އެންގިއެވެ. ޑޭޒީ އަށް ލިބުނު ވަގުތުކޮޅުގެ ބޭނުން ހިފަން އޭނަ އަވަހަށް ހިނގައިގަތެވެ. ހަނާން ރަގްމަތީގައި ފައި ވަށްކޮށްލައިގެން އިށީންގޮތަށް އަބާޔާ އޮމާންކޮށްލިއެވެ. ކުޑަކުއްޖެއްގެ ދޫލައިގާ އިށީނުމަކީވެސް އޭނަގެ އުސޫލުތަކާއި ޚިލާފުކަމެއްފަދައެވެ. "ހަނާން އާންޓީ..."މަރްވާގެ ހިމަ އަޑުގައިވީ ޖޯޝެވެ. "ލައްބަ ރޫހީ.."ހަނާން އެކުދަ ނޭފަތުގައި ކޮށްޓައިލަމުން ވާހަކަދެއްކީ ނިކަން މަޑުން އަދި ލޯތްބާއެކުގައެވެ."މިހާ ރީތިކޮށް ކުލަ ޖައްސަން ދަސްކޮށްދިނީ ކާކު؟" "މަންމަ..."މަރްވާ ފަޚުރުވެރިކަމާއެކު މިރިއަމްއަށް އިޝާރާތްކޮށްލިއެވެ. މިރިއަމްގެ ލޮލުން ދިލަނަގަންފެށިއެވެ. މަރްވާގެ މައުސޫމްކަމުން އެނގޭނީ ކޯނޗެއްހެއްޔެވެ؟ މިގޭ މީހުން އެ ދަރިފުޅުގެ މަންމައާއިމެދު ހިތް ނުބައިކަމާއި އަމަލުކުރާގޮތް އިހާނެތިކަން އެނގޭނަމަ އެމީހުންނާއެކު އެހެން އިންނާނެހެއްޔެވެ؟ އޭނައަށްވެސް އެ ކުއްޖާގެ އުފާތަކާއި ވަތްކެއްނުކުރެވޭނެއެވެ. މިއީ މަރްވާގެ ބައްޕަގެ އާއިލާއެވެ. ހަނާންގެ ނަޒަރު އޭނަގެ މޫނަށް ދަތުރުކުރިއެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔައެވެ. ފާޅުގައި ދެކޮޅުވެރިކަން ނުދެއްކިޔަސް އެލޮލުން ފެނުނީ ވިދުމެކެވެ. އެހިތަށް ލިބިފައިވާ ހަމަޖެހުމެވެ. މިރިއަމްއަށް ވިސްނައިގަންނަން ނޭގެނީ ސަބަބެވެ. ހަނާންގެ ކުރިމަތީގައި އޭނަ ކުޑަވާން ޖެހޭ ސަބަބެއްވެސް މެއެވެ. "އާހް.....ހާދަ ލޯބިއޭ..."ހަނާންގެ އަޑު ނިކަން އޮމާނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ