ރިޔާސީ އިންތިހާބުގައި ވާދަކުރާނަން، ހިތްވަރަކީ ސަޕޯޓަރުން: ޔާމީން

ދެން އަންނަ ރިޔާސީ އިންތިހާބެއްގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަވަސްކޮށްދިނުމަށް، މަޖާޒީ ގޮތަކަށް، އެދިވަޑައިގެންފަ އެވެ.
ތަފްސީލް - ޕާޓީގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެކަން އިއުލާނުކުރައްވާ ޔާމީން ވިދާޅުވީ އެ ދަތުރުގައި މާފުއްޓަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ރަށު ބަނދަރަށް ފައިބައިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވާ ޔާމީންް ވިދާޅުވީ އެމަނިކުފާނުގެ ވަކީލުންނަށް ވެސް އެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ސަރުކާރުގެ އެތެރެއިން ކަންކަން ހިނގާ ގޮތް. ރައްޔިތުންގެ މަޖިލީހުގައި ހިނގާ ގޮތް އެބަ އެނގޭ ހަމަ ކަށަވަރު ބަސް ދެމުން ދެމުން އެ އަންނަނީ ރައީސް ޔާމީންގެ ނަމެއް ވޯޓު ކަރުދާހުގައި ނޯންނާނެޔޭ،" ޔާމީން ވިދާޅުވި އެވެ.
"އެހެން ވެއްޖެއްޔާ އެ ވޯޓު ކަރުދާސް ރާއްޖެއަކު ނޫން ޗާޕުކުރާނީ. ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ."
އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުއްމީދު ކުރެއްވީ އެމަނިކުފާނު ޖަލުގައި ބައިންދައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށް ސަޕޯޓަރުން ދައްކާ ވާހަކައަށް ރޭ އެމަނިކުފާނު ބާރުދެއްވި އެވެ. އަދި 2013ގައި ޔާމީން ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފޮޓޯ ދައްކައިގެން ކަމަށް ބުނާ ވާހަކަ ދޮގު ވެސް ކުރެއްވި އެވެ. މައުމޫނުގެ ނަން ނުގެނެސް ޔާމީން ވިދާޅުވީ މައުމޫން މަސައްކަތްކުރެއްވީ އެހެން މީހަކަށް ވެރިކަން ހޯދައިދެއްވަން ކަމަށެވެ.
"އަޅުގަނޑު މިއީ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން ވެރިކަމަށް އައި މީހެއް ނޫން. އަދި އަޅުގަނޑާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެ ރެފާކުރައްވާ ބޭފުޅަކު މަސައްކަތް ކުރެއްވީ އަޅުގަނޑަކަށް ނޫން. އެހެން ބޭފުޅަކަށް މަސައްކަތް ކުރެއްވީ. އެކަމަކު އެއާ ހިލާފަށް މިހާރުގެ ރައީސް އަދި މިހާރުގެ ނައިބު ރައީސްއަށް ވުރެ ޕޯސްޓަރުގައި ބޮޑުވާނީ އަޅުގަނޑުގެ ފޮޓޯ. އެއީ ފޮޓޯ ދައްކައިގެން ވެރިކަމަށް އައުމަކީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިތްވަރަކީ ރައްޔިތުން ކަމަށެވެ.
ޔާމީން ވިދާޅުވީ ޕީއެންއެފްއަކީ ވަރުގަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވާނީ ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ މަސްލަހަތާއި ރައްޔިތުންގެ ހައްގު އެންމެ މަތީ ދަރަޖައަށް ހިމާޔަތްކޮށްދޭނެ ޕާޓީއަށް ކަމަށެވެ.
ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދަވާނެކަން އިއުލާނު ކުރައްވާ ވިދާޅުވީ އެ ޕާޓީގެ ފަޅުވެރިންނަކީ ކެޕްޓަނަށް ވުރެ ވަރުގަދަ ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ހައްގުގައި މިއަދު ހައްޕު ވެސް ބުނަން ނުކެރި މަންމަނުވެފައި ތިބި އެތައް ސިޔާސީ މީހުންނަކާއި ރައްޔިތުން ހޮވާފައި ތިބި، ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުންނާއި މުވައްސަސާތަކާ މި ހުރިހާ އެންމެން ފެއިލްވެފައި ތިބި ވަގުތެއްގައި ރައްޔިތުންގެ ހައްގުގައި ބަހެއް ބުނުމަށް އަޅުގަނޑުމެން ހަމައެކަނި މި ފުރުސަތުގެ ބޭނުން މި ހިފަނީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީއެއްގެ މުހިއްމު ގުނަވަނެއް ކަމަށާއި އެއީ އެތައް ބަޔަކު ހިމެނޭ ރަސްމީ ޕްލެޓްފޯމެއް ކަމަށެވެ. ޕާޓީގައި މީހުން ގިނަވުމަށް ވުރެ މުހިއްމީ އިހުލާސްތެރި، ކަމަށް ކަމޭހިތާ މީހުން ތިބުން ކަމަށް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ ޕާޓީގައި ތިބި ބަޔެއް ކަމަށް ގަބޫލުކުރަން،" ޔާމީން ވިދާޅުވި އެވެ.
ޕީއެންއެފްއަށް ބޭނުންވަނީ، ޔާމީން ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭނެ ބައެކެވެ.
"ކުޑަޔަސް އަޅުގަނޑު ބޭނުންވަނީ މިދަންނަވާ ފަދަ ސިފަތަކެއް އަޅުގަނޑުމެން ޕާޓީގެ ހުރިހާ މެންބަރުންގެ ވެސް ހުންނަން. އަޅުގަނޑުމެންނަށް ހެޔޮއެދިގެން [ޕާޓީން] ބޭރުން ބަޔަކު ނާންނާނެ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ބުރަކަށިތަކުގައި، އަޅުގަނޑުމެންގެ ބޮލުގައި އެއްވެސް ކަހަލަ ލޭބަލެއް އަޅުވައިގެން ވަކި އަދަދަކަށް ފައިސާއަށް ގުޑާނެ ބަޔަކު ނޫންކަން އަޅުގަނޑުމެންގެ ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުންނަށް އެނގޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ