ރޭ އެކަނިވެސް 400 އަށް ގިނަ މީހުން ޝަހީދު ކޮށްލައިފި

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ރޭގައި ދިން ވައިގެ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 400 އަށް ވުރެ ގިނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ރެއަކީ އޮކްޓޯބަރު 7 ގެ ފަހުން، އެންމެ ގިނަ އަދި ވަރުގަދަ ހަމަލާތަކެއް ދިން ރެޔެވެ. ޣައްޒާ އަށް ރޭގައި ދިން ހަމަލާތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، ގިނައީ ސީރިއަސް ހާލަތުގައި ގެނެވުނު މީހުންނެވެ.
އިސްރާއީލުން މިވަގުތު ވެސް ޣައްޒާ އަށް ބޮން އަޅަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނި ގޮތުގައި ރޭގެ ހަމަލާތަކުގައި އެކަނި ވެސް 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ތިބީ އިމާރާތްތަކުގެ ދަށުގައި ކަމަށް ވެސް އެ ނިއުސް އެޖެންސީން ބުނެފައިވެއެވެ.
އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެއެވެ.
ހައްދުފަހަނައަޅާފައިވާ އިސްރާއީލް އަސްކަރިއްޔާގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 5،000 އާ ގާތް ކުރާނެ ކަމަށް މިހާރު ބެލެވެއެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް 15،000 އާ ގާތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހާމަކުރާ ގޮތުގައި ފަލަސްތީނުގެ ޣައްޒާގައި ހަމާސް އިން ރޮކެޓް ހަމަލާތައް ފޮނުވާލާ ތަންތަން ހުރީ ހޮސްޕިޓަލާއި ސްކޫލްތައް ފަދަ ތަންތަނުގެ ކައިރީގައެވެ. ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް އައިއިރު އިސްރާއީލަށް ދެއްކިފައެއް ނުވެއެވެ.
އިސްރާއީލްގެ އެ ތުހުމަތާ އެކުގައި ވެސް އެ ގައުމުން ދަނީ ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅަމުންނެވެ. އޭގެ ތެރޭގައި އެންމެ ގިނަ އިން ހަމަލާދޭ އެއް ދިމާލަކީ ހޮސްޕިޓަލްތައް ކައިރި އާއި ސްކޫލްތައް ކައިރިއެވެ.
އަލް ޖަޒީރާ އަރަބިކް އިން އެންމެ ފަހުން ހާމަކުރި ވީޑިއޯއެއްގައި ފެންނަނީ ޣައްޒާގެ އަލް ގުދުސް ހޮސްޕިޓަލް ކައިރި އަށް އިސްރާއީލުން ބޮން އަޅާ މަންޒަރެވެ. ބާރުގަދަ އަޑުފައްގަނޑަކާއެކު، ހޮސްޕިޓަލްގެ ބިއްލޫރިތައް ތަޅައިގެން ދިއުމުން، މެޑިކަލް ޔުނިފޯމްގައި ތިބި މީހުންނާއި އާންމުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާ މަންޒަރު މި ވީޑިއޯ އިން ފެނެއެވެ.
މީގެކުރިން އިސްރާއީލުން ވަނީ އަލް ގުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
އަލް ގުދުސް ހޮސްޕިޓަލްގެ ކުރިން އަލް ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރި އަށް ވެސް ރޭ ހަމަލާތަކެއް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ