ކޯލިޝަނާ ގުޅޭގޮތުން ގާސިމް ގޮތެއް ނިންމާނީ ރައްޔިތުންގެ މަސްލަހަތަށް ބަލާފައި: އިމްރާން

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބާ މެދު ގާސިމް ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށް އޭނާ ޝައްކު ނުކުރައްވާ ކަމަށެވެ.
ގާސިމަށް ތައުރީފުކުރައްވައި އިމްރާން ޓްވީޓުކުރެއްވިއިރު، އަދާލަތު ޕާޓީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް ކޯލިޝަން ހެދުމަށް ނިންމައިފަ އެވެ. އެމްޑީޕީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ގާސިމާ މަޝްވަރާކުރިޔަސް އޭނާ އަދި އެއްވެސް ގޮތެއް ނުނިންމަވަ އެވެ.
Jumhooree party @Jumhooree_MV ge leader Qasim ibrahim riyasee inthikhaba medhu gotheh ninmavaanee qaumuge hama jehuma rayyithunge maslahathah v bodah visnaavadaigenfai kamaa medhu alhugadu shahkeh nukuran.
އެހެންވެ، މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ ޖޭޕީގެ ލީޑަރާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދަނީ ދެކެވެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ، ގާސިމް ކުރިމަތިލައްވައި އޭނާގެ ރަނިން-މޭޓަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖެއްސެވުމެވެ. ނަމަވެސް، މި ވާހަކަތައް ގާސިމް ދޮގުކުރައްވަ އެވެ.
ކޯލިޝަނާ ގުޅޭގޮތުން މިދިޔަ ހަފުތާގައި ރައީސާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ އަކީ ވެސް ޕާޓީއެއްގެ ލީޑަރެއް ކަމަށާއި ކުރިއަށް ދާނީ ޕާޓީން ނިންމާ ނިންމުންތަކާ އެއްގޮތަށް ކަމަށެވެ. ކޯލިޝަނާ ގުޅޭގޮތުން ރައީސަށް ހުށަހެޅުއްވި ކަންތައްތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެއިން އެއްވެސް ކަމަށް ޖަވާބެއް ނުދެއްވަ އެވެ.
"ސިޔާސީ ވާހަކައެއްގެ ތެރޭގައި އަޅުގަނޑުމެންގެ ކޯލިޝަނެއް އޮންނާނެތޯ ނޯންނާނެތޯ، މިކަމާ ބެހޭގޮތުން ވާހަކަދެއްކި. އޭގައި ދެން އިތުރަކަށް އަޅުގަނޑުމެން މިވެނިހެންނޭ ނިންމީ، އެވެނިހެންނޭ ނެތް އަޅުގަނޑަށް ހާމަކުރެވޭކަށް." ގާސިމް ވިދާޅުވި އެވެ.
ޖޭޕީން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ކޮންގްރެސް އިން ވަނީ ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރަން ގޮވާލައި ހުށަހެޅި ގަރާރު ފާސްކޮށްފަ އެވެ. ނަމަވެސް، އެއީ އަމަލުކުރުން ލާޒިމް ގަރާރެއް ނޫނެވެ. އެކަމާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުންނެވެ. އެ ކައުންސިލްގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެކަމަކު، އިންތިހާބާ ގުޅޭ ކަމެއް އެ އެޖެންޑާގައި ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ