ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި އަމުރު މުރާޖައާކުރުމަށް ހައި ކޯޓަށް ހުށަހެޅުމަށް، އެ ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އެންގުން ބާތިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް އެމްއާރުއެމުން ހުށަހެޅި މައްސަލައިގައި، އެ ޕާޓީން ބުނީ، ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަވެފައި ވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެމްއާރުއެމުން ވަނީ އެދިފައެވެ.
އެމްއާރްއެމް އުވާލުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީސީ އަށް އަމުރުކޮށް އެ ކޮމިޝަންގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ކުރި އަމުރުގައި ބުނީ، އެ އަމުރު ނެރޭ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އެމްއާރްއެމުން ދައުވާ ހުށަހަޅަން ވާނެ ކަމަށާއި، އެ މުއްދަތުގައި ދައުވާ ހުށަނާޅައިފި ނަމަ، އެ އަމުރު ބާތިލް ވާނެ ކަމަށެވެ.
އެ އަމުރު މުރާޖައާކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް، ހުށަހަޅާނެ ސީދާ ތާރީހެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.
ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، އެމްއާރުއެމް އުވާލަން އީސީން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އެ ދުވަހު ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނީ، އީސީގެ ނިންމުމަކީ ގަވައިދާ ހިލާފަށް ނިންމި ނިންމުމެއްކަން ސާބިތުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ދާނެ ކަމަށެވެ.
ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކޮށްދިނުމަށް އީސީން އެދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ