ވެއްޓުނު ބޯޓުން ދަތުރުކުރި މީހުންގެ ހަށިތައް ނެގުމަށް މޫސުން ގޯސްވެގެން ހުރަސް އެޅިއްޖެ

ޖަޔަޕޫރު (އޮގަސްޓް 19) - އިންޑޮނީޝިއާގެ ޖަޔަޕޫރާ އިން ފުރައިގެން ފަރުބަދަ މަތީގެ ދުރު ހިސާބަކަށް ދަތުުރު ކުރަނިކޮށް ވެއްޓުނު ޓްރިގާނާ އެއާގެ ބޯޓުން ދަތުރުކުރި 54 މީހުންގެ ހަށިތައް ނެގުމަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހުރަސް އެޅިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. ޖަޔަޕޫރާގެ ވެރިރަށް ޕަޕުއާ އިން މިދިޔަ އާދިއްތަ ދުވަހު ދަތުުރުކުރި ބޯޓު ވެއްޓުނު ކަމަށް ވެސް ބެލެވެނީ އެ ހިސާބުގަނޑުގެ މޫސުން ގޯސްވުމުންނެވެ. ވޯޓު ވެއްޓުނު ތަނުން ބޯޓުގެ ބައިތަކާއި ދަތުރު ކުރި އެންމެންގެ ހަށިތައް ފެނުނު ނަމަވެސް ހަށިތައް ނެގުމަށް ހުރަސް އެޅިފައި ވަނީ ފޮގް ބޯވުމާއި ގަދަ ވިއްސާރައިގެ ސަބަބުންނެވެ. މީހުން ސަލާމަތް ކުރާ ޓީމުން ވަނީ އޭޓީއާރު 42-300 ގެ ބްލެކް ބޮކްސް ވެސް ހޯދައިފަ އެވެ. ޓްރިގާނާ އެއާގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން ބެނި ސުމަރިއަންތޯ ވިދާޅުވީ މަރުވެފައިވާ އެންމެންގެ ހަށިތައް ނަގަން ބޭނުންވާ ކަމަށާއި މޫސުން ތަންދިންހާ އަވަހަކަށް އެ މަސައްކަތް ފަށާނެ ކަމަށެވެ. ވެއްޓުނު ބޯޓުން ދަތުރު ކުރި މީހުންގެ ހަށިތައް ބޮޑީ ބޭގަށް ލާފައި. --ފޮޓޯ:އޭއެފްޕީ މަތިންދާ ބޯޓު އެކްސިޑެންޓްތައް ތަހްގީގު ކުރާ ފްރާންސްގެ ބީއީއޭގެ އިންވެސްޓިގޭޓަރުންގެ ޓީމެއް އިންޑޮނީޝިއާ އަށް ދަތުރުކުރަން ވަނީ ހަަމަޖެހިފަ އެވެ. އަދި ވެއްޓުނު ބޯޓު އުފެއްދި ކުންފުނި، އޭޓީއާރުގެ ހަތަރު ޓެކްނިކަލް އެޑްވައިޒަރުން ވެސް އިންޑޮނީޝި އަށް ދަތުރު ކުރަން ވަނީ ހަމަޖެހިފަ އެވެ. ވެއްޓުނު ބޯޓުން ފަގީރުންނަށް ބެހުމަށް 6.5 ބިލިއަން ރުޕިއާ (479،000 ޑޮލަރު) ގެންދިޔަ އެވެ. މީގެ ތެރޭން ބައެއް ފައިސާ މިހާރު ވަނީ ހޯދައިފަ އެވެ. އަނެއް ބައި ވަނީ އަނދައިފަ އެވެ. ޖަޔަޕޫރާ އިން ފުރައިގެން 45 މިނިޓުން ދެވޭ އޮކްސިބިލް އަށް ދަތުރު ކުރި ބޯޓާ ގުޅުން ކެނޑުނީ ބޯޓު ޖައްސަން 10 މިނިޓަށްވެފައި ވަނިކޮށެވެ. ޓްރިގާނާ އެއާ އަށް މީގެ ކުރިން ވަނީ ވައިގެ ހިތާމަވެރި ހާދިސާތައް މެދުވެރިވެފަ އެވެ. މި އެއާލައިން ޔޫރަޕުގައި ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ