އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކުރެވޭކަށް ނެތް: ހައި ކޯޓް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ މެދު ފިޔަވަޅު ނޭޅުމަށް، ސިވިލް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް ނެރުނު ވަގުތީ އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން މި ގޮތަށް ހުކުމްކުރީ، އަބްދުﷲ ގާޒީގެ މައްޗަށް ސާބިތުވި ސުލޫކީ މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅުން ފަސްކޮށްލުމަށް ސިވިލް ކޯޓުން ކުރި ވަގުތީ އަމުރު، ޖޭއެސްސީން ހައި ކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެންނެވެ. އޭރު ސިވިލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، ޖޭއެސްސީން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅަން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި، އޭނާ ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާއާ މެދު ފިޔަވަޅެއް ނޭޅުމަށެވެ. ހައި ކޯޓުގައި މިއަދު ހުކުމް އިއްވަމުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވީ ސިވިލް ކޯޓުގެ ވަގުތީ އަމުރު ނެރެފައިވަނީ ސިވިލް ކޯޓުން އެ މައްސަލައިގައި ހުކުމެއްކުރުމުގެ ކުރިން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅެއް އަޅައިފި ނަމަ އަބްދުﷲ ގާޒީ އަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެތީ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓުގެ އެ އަމުރަކީ ގާނޫނީ ގޮތުން ޖޭއެސްސީ އަށް ލިބިދީފައިވާ ބާރުތަކަށް އުނިކަން އަންނާނެ ކަމެއް ނޫން ކަމަށް ޝަރީއަތަށް ގަބޫލުކުރެވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. މީގެ އިތުރުން ފަނޑިޔާރު ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ފިޔަވަޅެއް ނާޅަނީސް، އަބްދުﷲ ގާޒީ އަށް ދައުވާކުރުމުގެ ހައްގު ލިބިގެންނުވާ ކަމަށް ބުނާ ނުކުތާގައި އެއީ އެކަމާ މެދު ދަށު ކޯޓުން އަދި މިހާތަނަށް ގޮތެއް ކަނޑައަޅާފައިނުވާ މައްސަލައެއް ކަމުން އެއާ މެދު ހައި ކޯޓުން ގޮތެއް ކަނޑައަޅައިފި ނަމަ އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކުރެވޭ ކަމެއް ކަމަށެވެ. އެހެން ކަމުން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ބަދަލުގެންނަންނުޖެހޭ ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރައްވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ. ހައި ކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުއްރައޫފްގެ އަދި ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އަލީ ސަމީރެވެ. އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ އަބްދުﷲ ގާޒީ ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ