ރާއްޖޭގެ އެންމެ "ރަހްމަތްތެރި" ދުޝްމަން

ދުނިޔޭގައި ކޮންމެ މީހަކަށް ވެސް އެކުވެރިންނާއި ރަހުމަތްތެރިން ބޭނުންވެ އެވެ. މި މޭރުމުން ކޮންމެ ގައުމެއްގެ ވެސް ރަހުމަތްތެރިން ތިބެ އެވެ. އޭގެ ތެރޭގައި ރަހުމަތްތެރި ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ވެސް ހިމެނެ އެވެ. އެ ގޮތުން ރާއްޖެ އަށް ވެސް އެތައް ބައިވަރު ރަހުމަތްތެރިންތަކެއް ލިބިފައިވެ އެވެ. އިނގިރޭސި މުހާވަރާއެއްގައި އޮވެ އެވެ. ހަގީގީ ރަހްމަތްތެރިއަކީ، ކަމަކަށް ބޭނުން ޖެހިފައިވާ ހިނދުގައި، އެ ރަހްމަތްތެރިކަމުގެ ޒަރީއާ އިން އެހީތެރިކަން ފޯރުކޮށްދޭ ރަހްމަތްތެރިޔާ އެވެ. ރާއްޖެ މިހާރު އޮތީ ހަގީގަތުގައި ވެސް ވަރަށް ގިނަ އެހީތެރިކަމަށް ބޭނުންވެފަ އެވެ. މީގެ ތިން ހަތަރު އަހަރެއް ކުރިން ފެށިގެން ދުނިޔެ އަށް ކުރިމަތިވި އިގްތިސާދީ މައްސަލަތަކުގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވި އެވެ. އެ ފުން ވަޅުގަނޑުން އަރައިނުގަނެވިގެން އުޅެނިކޮށް، މިހާރު މިވަނީ ސިޔާސީ ބޮޑު ކިލަނބު ކަމެއް ކުރިމަތިވެފަ އެވެ. ހަގީގަތުގައި ވެސް މިއީ ދިވެހިންނަށް ހަގީގީ ރަހްމަތްތެރިން ފެނިގެންދާނެ ދުވަސްކޮޅެކެވެ. ހަގީގީ ރަހްމަތްތެރިންނަށް ބޭނުންޖެހިފައިވާ ދުވަސްވަރެކެވެ. ނަމަވެސް ރަހްމަތްތެރިންގެ ނަމުގައި އުޅޭ ބައެއް ފަރާތްތަކުން މިއަދު ރާއްޖެ އަށް ދައްކަމުން ދަނީ ދުޝްމަންކަމާއި އަދާވާތްތެރިކަމެވެ. އޭގެ ތެރެއިން އެއް ބަޔަކީ ފްރެންޑްސް އޮފް މޯލްޑިވްސްގެ ނަމުގައި އިނގިރޭސި ވިލާތުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތެވެ. ނަމުގައި އެއީ ދިވެހީން ނުވަތަ ދިވެހި ރާއްޖޭގެ ރަހްމަތްތެރީންނެވެ. ނަމަވެސް ހަގީގަތުގައި އެއީ ދިވެހީންނާއި ދިވެހި ރާއްޖޭގެ އެންމެ ބޮޑު ދުޝްމަނުން ކަމަށް ސިފަކުރެވޭ ފަހަރު ގިނަ އެވެ. މި ޖަމާއަތް އުފަންވީ ސެޕްޓެމްބަރު ،19 2003 ގައި، މާފުށީ ޖަލުގައި އޭރުގެ ސިފައިން ތަޅައި މަރައިލި، ހަސަން އީވާން ނަސީމުގެ މަރުގެ މައްސަލައިގައި ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ އޮއިވަރުގެ ތެރޭގައި އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. އިސްވެ ހުރީ އިނގިރޭސިއެއް ކަމަށްވާ ޑޭވިޑް ހާޑިންހަމެވެ. މިއީ މިހާރުގެ އިދިކޮޅު ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މަތީ ސާނަވީ އަށް ކިޔަވާވިދާޅުވި، އިނގިރޭސި ވިލާތުގެ ޑައުންޓްސޭގެ ސްކޫލުން ބައްދަލުވެ ނަޝީދާ ގާތް ގުޅުމެއް އުފެދިފައިވާ އެ މަނިކުފާނުގެ ޚާއްސަ ރަހުމަތްތެރިއެކެވެ. ފްރެންޑްސް އޮފް މޯލްޑިވްސްގެ "ރަހްމަތްތެރިކަން" އެންމެ ފުރަތަމަ ދިވެހީންނަށް ލިބެން ފެށީ، 2004 ވަނަ އަހަރު އެވެ. އޭރުގެ ވެރިކަމާ ގުޅުން ހުރި ފަރާތްތަކުގެ ރިސޯޓްތަކަށް ޓޫރިސްޓުން ދަތުރުނުކުރުމަށް އެދި އެ ޖަމާއަތުން، ބައިނަލްއަގުވާމީ މީޑިއާގައި (ޚާއްސަކޮށް އިލެކްޓްރޯނިކް މީޑިއާގައި) ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭރުގެ ވެރިކަމާ ދެކޮޅަށް، ނަޝީދާ ގުޅިގެން އެންމެ ބޮޑަށް ހަރަކާތްތެރިވަމުން ދިޔައީ ހާޑިންހަމްގެ އެ ޖަމާއަތެވެ. ދިވެހި ރާއްޖޭގެ ރަހްމަތްތެރިންގެ ނަމުގައި ތިބެ، ރާއްޖޭގެ އިގްތިސާދު ހަފުސްކުރަން، އެ ޖަމާއަތުން ކުރި މަސައްކަތަށް އޭރު ވެސް ރުހިގެން ތިބީ، މިހާރުގެ އެމްޑީޕީ އަށް ނިސްބަތްވާ އިސް ފަރާތްތަކެވެ. މިއަދު ވެސް ހަމަ އެކަންތައް އޮތީ އެ ގޮތުގަ އެވެ. ނޮވެމްބަރު 2008 ގައި ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، ރާއްޖޭގެ ހުރިހާ ރިސޯޓްތަކެއް، އެ ޖަމާއަތަށް ރަނގަޅުވި އެވެ. ރާއްޖެ އަކީ ޓޫރިސްޓުންނަށް އަމާން ތަނަކަށްވި އެވެ. އޭގެ ތިން އަހަރާއި ދެ މަސް ފަހުން، ފެބްރުއަރީ ،7 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އަނެއްކާވެސް ދިވެހީންގެ ރަހްމަތްތެރިންނަށް ހޭލެވިއްޖެ އެވެ. މިހާރު އަނެއްކާވެސް އެ ޖަމާއަތުން ގޮވާލަމުން އެ ދަނީ، ރާއްޖޭގެ ބައެއް ރިސޯޓްތައް ބޮއިކޮޓްކުރުމަށެވެ. ބައެއް ރިސޯޓްތަކަކީ ޓޫރިސްޓުންނަށް އަމާން ތަންތަން ނޫން ކަމަށް ބުނަމުންނެވެ. ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކެއް ހެން ހާޑިންހަމްގެ އެ އަމަލު ކުށްވެރިކޮށްފައިވާ އިރު އެމްޑީޕީން މިކަމާ މެދު އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. ނަމަވެސް އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ގެއްލުމެއް ލިބޭނެ އެއްވެސް އަމަލަކަށް އެމްޑީޕީން ތާއީދުނުކުރާ ކަމަށެވެ. "އަޅުގަނޑުމެން އެއް އިރެއްގައި ވެސް ހިތްވަރުދޭ ކަމެއް ނޫން، ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާ ފަދަ ކަމެއް އެއްވެސް ބަޔަކު ކުރުމަކީ. އެއީ ކޮންމެ ބަޔަކު ކުރި ކަމެއް ކަމުގައި ވިޔަސް، ރާއްޖޭގެ ޓޫރިޒަމަށް ގެއްލުން ދިނުމަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން،" "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ބައެއް ރިސޯޓްތައް ބޮއިކޮޓްކުރުމަށް ފްރެންޑްސް އޮފް މޯލްޑިވްސް އިން މިހާރު ކުރަމުންދާ މަސައްކަތްތައް އެމްޑީޕީން ކުށްވެރިކޮށްފައެއް ނުވެ އެވެ. އަދި ނަޝީދުގެ ގާތް އެކުވެރިއަކު ހިންގާ ޖަމާއަތަކަށްވާ އިރު، ނަޝީދު ވެސް އެކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންހެން، ފްރެންޑްސް އޮފް މޯލްޑިވްސްގެ އެ އަމަލު ކުށްވެރިކުރާ އިރު އެމްޑީޕީން އެކަން ކުށްވެރި ނުކުރަނީ ކީއްވެތޯ ދެންނެވުމުން ޑރ. ޑީޑީ ވިދާޅުވީ އެފަދަ ކަމެއް ނުކުރެވިގެން އުޅެނީ ހިޔަނި ކެބިނެޓެއް ނެތުމުން ކަމަށެވެ. "އަޅުގަނޑުމެން އިދިކޮޅު ޕާޓީއަކަށް ވީ ދުވަހުން ފެށިގެން އަޅުގަނޑު މި އަންނަނީ ހިޔަނި ކެބިނެޓެއް އެކުލަވައިލުމަށް މަސައްކަތްކުރަމުން. އެކަން އަދި ނުކުރެވިގެން އުޅެނީ ޕާޓީގެ މިހާރުގެ ސްޓޭންޑް ހުރި ގޮތުން. ޕާޓީގެ އެތެރޭގެ ބައެއް ކަންތައް ހަމައަކަށް އެޅި ހިޔަނި ކެބިނެޓެއް އެކުލަވައިލުމުން އެކަންކަން ހިނގައިގަންނާނީ. އިރާދަކުރެއްވިއްޔާ މި ހަފުތާގެ ތެރޭގައި ހިޔަނި ކެބިނެޓެއް އެކުލަވައިލެވޭތޯ އަޅުގަނޑު މި ބަލަނީ،" ޑރ. ޑީޑީ ވިދާޅުވި އެވެ. ހިޔަނި ކެބިނެޓެއް ނެތުމުން، ފްރެންޑްސް އޮފް މޯލްޑިވްސްގެ އަމަލުތައް ކުށްވެރިނުކުރެވިގެން އުޅުނު ނަމަވެސް، އެހެން ހުރިހާ ކަމެއް ޕާޓީގެ ފެންވަރުގައި ދަނީ ކުރެވެމުންނެވެ. ރާއްޖޭގެ އިގްތިސާދަށް ގެއްލުން ހުރި ކަންކަން އެ ޖަމާއަތުން ކުރަމުންދާއިރު، އެ ޖަމާއަތުގެ ފަހަތުގައި ވެސް ދިވެހިންގެ ބަޔަކު ފާޅުގައި ތެދުވެގެން އުޅެ އެވެ. އެ މީހުން އެފަދަ ކަންކަމަށް ހިތްވަރު އެ ދެނީ، ކަމުގެ ހަގީގަތް ނުއެނގި ތިބެ ކަމަށްވުމުގެ ފުރުސަތު ކުޑަ އެވެ. ރާއްޖޭގެ ބައެއް ރިސޯޓްތައް ބޮއިކޮޓްކުރުމަށް ގޮވާލުމުން ހަގީގަތުގައި މި ކުރެނީ ކޮން ކަމެއްތޯ ވިސްނާލަން ޖެހެ އެވެ. އެ ގޮވާލުން އަމާޒުވަނީ ދިވެހީންގެ އެތައް ސަތޭކަ އާއިލާއަކަށެވެ. އެތައް ހާސް ދިވެހި ފަރުދުންނަށެވެ. ފަހަރެއްގައި ވެސް އެ ގޮވާލުމުގެ ހަގީގީ ގެއްލުން ވާނީ، ހަމައެކަނި އެ ރިސޯޓްތަކުގެ ވެރިންނަކަށް ނޫނެވެ. ނުވަތަ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދަށާއި އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބެވި 15 ވަރަކަށް ވަޒީރުންނަކަށް ވެސް ނޫނެވެ. ހާޑިންހަމްގެ މި ގޮވާލުމުގެ ގެއްލުން ކުރިމަތިވާނީ، އެ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށެވެ. އެ މުވައްޒަފުންގެ އާއިލާތަކަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކިތަންމެ މެމްބަރުންނެއް ވެސް ހިމެނޭނެ އެވެ. އެ މެމްބަރުންގެ ކިތަންމެ އާއިލާއެއް ހިމެނޭނެ އެވެ. ހަމަ އެހެންމެ، އެ ރިސޯޓްތަކުގެ ކުލިންނާއި ޓެކުހުން އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ އާމްދަނީ އަށް ވެސް ވަންނާނެ އެވެ. މި ހަގީގަތްތައް މިހެން ހުރި އިރު، ހަގީގީ ރަހްމަތްތެރިއަކު ނަމަ، ރާއްޖެ އަށް ކުރިމަތިވެފައި މިވާ، ޒަރޫރީ ދަނޑިވަޅުގައި، މަސައްކަތްކުރާނީ ރާއްޖޭގެ އިގްތިސާދު އިނދަޖައްސާލުމަށް ހެއްޔެވެ؟ މިއީ ބޮޑު ސުވާލެކެވެ. އެކަމުން އެމްޑީޕީ އަށް ވަކި ލިބޭނީ ކޮން ފައިދާއެއް ކަމެއް ނޭނގެ އެވެ. އިދިކޮޅު ޕާޓީ އަށް ވެސް ރަނގަޅުވާނީ ރާއްޖޭގެ އިގުތިސާދު ހަމަޖެހި، ވެރިކަމަށް އަންނަ އިރު، ސިއްހަތު ރަނގަޅު ގޮތަކަށް ގައުމު ކުރިއަށް ދާ ނަމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ