ގާޒީ ހައްޔަރުކުރުމުގެ އަވަސް ޝަރީއަތްތަކަށް ކުއްލި ހުއްޓުމެއް!؟

ގާޒީ އަބްދުﷲ މުހައްމަދު، ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ހައްޔަރުކޮށް، ގިރިފުށީގައި ގެންގުޅުމުގެ ކުށުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ނިންމާލީ އެހާ އަވަހަށެވެ. އެކަމަކު އެމަނިކުފާނުގެ ޝަރީއަތާ އެކުއެކީގައި އަދި އެހާމެ އަވަހަށް ފަށައިގެން ކުރިއަށް ގެންދިޔަ އެހެން ބޭފުޅުންގެ ޝަރީއަތްތައް ކުއްލިއަކަށް މަޑުޖެހިއްޖެ އެވެ. ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ޕްރޮސެކިއުޓްކުރުމުގެ ދާއިރާގައި ފެނުނު އެންމެ އަވަސް ޝަރީއަތްތައް، ޖިނާއީ ކޯޓުން ޖެނުއަރީގައި ފަށައިގެން ގެންދިޔަ ގޮތުން ހީވީ، ބައެއް މީހުންގެ ނަޒަރުގައި، އެވަރުގެ ކުށެއް ރާއްޖޭގައި މިހާތަނަށް ކޮށްފައި ނެތް ހެންނެވެ. ސިޔާސީ މަގުސަދުތަކާއި ޝަރުއީ ނިޒާމާ ދޭތެރޭ އެތައް ބަހުސެއް ހިނގި ޝަރީއަތްތަކުން އާންމުންނަށް ފެނުނީ، އޭގެ ކުރިން ވެސް ލަފާކުރި ނަތީޖާ އެވެ: ނަޝީދުގެ މައްޗަށް ހުކުމްކޮށް، ޖަލަށް ލުމެވެ. އަދި ދެން ހުރި ޝަރީއަތްތައް ލަސްވާނެ ކަމެވެ. އެއީ ހަމައެކަނި އެމްޑީޕީ މެމްބަރުން ވިސްނި އަދި ލަފާކުރި ގޮތެއް ނޫނެވެ. ނަޝީދާ ދެކޮޅު އެތައް ބަޔަކު ވެސް ލަފާކުރި ނަތީޖާ އެވެ. އަދި އެދެމުން އައި ގޮތް ވެސް މެ އެވެ. އެކަމަކު އެ ހުކުމާ އެކު ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ މަލަމަތި މި ވަނީ ބަދަލުވެފަ އެވެ. ޝަރީއަތްތަކުގައި ކުރިން ބޭނުންކުރަމުން އަައި ބައެއް އުސޫލުތަކުގެ ބޭނުން ކެނޑި، މުޅިން އާ ގޮތްތަކެއް ވެސް މި ޝަރީއަތްތަކުން ކަނޑައެޅެމުން ދާ ކަމަށް، ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. ޝަރީއަތް ފެށިތާ 19 ދުވަހުގެ ތެރޭގައި ނަޝީދުގެ މައްޗަށް ހުކުމް އިއްވުމަށް ފަހު ދިވެހިން ދެން ބަލަމުން އައީ، ކޯޓު އަމުރެއް ނެތި، އަދި ގާނޫނުތަކުގައި ފަނޑިޔާރަކާ މެދު އަމަލްކުރަން ޖެހޭ ގޮތް ކަމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ މުޅިން ހިލާފަށް، ސިފައިން އަބްދުﷲ ގާޒީގެ ގެއަށް ވަދެ އޭނާ ހައްޔަރުކުރުމުގައި އެކި ދައުރު އަދާކުރެއްވިކަމުގެ ތުހުމަތުކުރެވޭ އެހެން ބޭފުޅުންނަށް އަންނާނެ ހުކުމަކާ މެދުގަ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ދެކޮޅަށް ކުރަން ފެށި މުޒާހަރާތަކުން ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަސް، ފެބްރުއަރީ 7، 2012 ގައި މޫސާ ޖަލީލް (ކ) އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު (މ) އަދި ބްރިގޭޑިއަ ޖެނެރަލް އިބްރާހިމް ދީދީ ޖުމްހޫރީ މައިދާންގައި: ތިން ބޭފުޅުންގެ ޝަރީއަތް ވެސް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި --ފައިލް ފޮޓޯ: ހުސެން ސިނާން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ ޖަލީލްގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ހުކުމް ކުރަން މާޗު 27 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލް ވެސް ކުރި އެވެ. އެކަމަކު ވީނުވީއެއް ނޭނގި، އެ ޝަރީއަތް ފަސްކުރި ގޮތަށް އަދި ހަބަރެއް ނުވެ އެވެ. ނަޝީދުގެ މައްޗަށް ހުކުމް އިއްވީ، ޚުލާސާ ބަޔާން ނެގި ޝަރީއަތާއި ހުކުމް އިއްވި ޝަރީއަތް އެއް ރޭ ބާއްވައިގެންނެވެ. އެމްޑީޕީގެ ބައެއް މީހުން ބުނާ ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޝަރީއަތްތަކަކީ "ޑްރާމާއެކެ"ވެ. އޭގެ ހަމައެކަނި ބޭނުމަކީ ސިޔާސީ ދާއިރާ އިން ނަޝީދު އެކަހެރިކޮށް، އެމްޑީޕީގެ އަޑު ކަނޑުވާލުމެވެ. ނަޝީދާ ދެކޮޅު މީހުން އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ. އެމީހުން ބުނަނީ ނަޝީދުގެ މައްޗަށް ދައުވާކުރަން ޖެހޭނެ ކަމަށާއި ހުކުމް ވެސް އިއްވަން ޖެހޭނެ ކަމަށެވެ. ސިޔާސީ ދާއިރާ އިން އެމަނިކުފާނު "ގެއްލޭނެ" ވަރުގެ ހުކުމެއް އަންނަ ނަމަ އޭގެ ޒިންމާ ވެސް އުފުއްލަވަން ޖެހޭނީ ސީދާ ނަޝީދު ކަމަށް އެމީހުން ގަބޫލުކުރެ އެވެ. އެކަމަކު ވަކި ކޮޅަކަށް ނުޖެހޭ ބައެއް މީހުން ބުނަނީ ނަޝީދުގެ މައްޗަށް ހުކުމް އިއްވަން ޝަރީއަތްތައް ކުރިއަށް ގެންދިޔަ ސްޕީޑްގައި އެހެން ބޭފުޅުންގެ ޝަރީއަތްތައް ނުގެންދިއުމަކީ މައްސަލައެއް ކަމަށެވެ. އަދި ހުލާސާ ބަޔާން ނެގުމަށް ފަހު ހުކުމްކުރަން ކަނޑައެޅި ތާރީހު ފަހަނައަޅާ ދިޔަތާ ހަފުތާއެއް ވީއިރު އެ ޝަރީއަތްތަކަށް ވާނުވާ ނޭނގުމަކީ، ޝަރުއީ ދާއިރާ އަށް ސިޔާސީ ފަރާތްތަކުގެ ނުފޫޒު ފޯރާކަމަށް ކުރާ ބަހުސަށް ލިބޭ ތާއީދެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ. ގާނޫނީ ދާއިރާގެ ބައެއް މީހުން ބުނާ ގޮތުގައި ހުލާސާ ބަޔާން ނެގިޔަސް، އަދި ހުކުމްކުރާނެ ޝަރީއަތެއް ތާވަލްކުރިޔަސް ކެންސަލްކުރަން ޖެހޭ ސަބަބުތަކެއް ހުރެދާނެ އެވެ. އަދި އެ ސަބަބުތައް ކޯޓުތަކުން ކޮންމެހެން ހާމަކުރަން ނުޖެހޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ. އެކަމަކު އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ބެހޭ ޝަރީއަތްތައް ކުރިއަށް ގެންދިޔަ ގޮތާއި ނަޝީދުގެ މައްޗަށް ހުކުމް ކުރި ގޮތަށް ނަޒަރު ހިންގާލާ އިރު، އެ މައްސަލައިގެ އެހެން ޝަރީއަތްތަކަށް މިހާރު އައި ހުއްޓުމަކީ މައްސަލައެއް ކަމަށް، އެއް ބަޔަކު ބަލަނީ ސަބަބުތަކެއް ހުރެގެންނެވެ. އެއް ކަމަކީ، އެމީހުން ބުނި ގޮތުގައި، ކުރީގެ ރައީސަކާ މެދު އަމަލްކުރި ގޮތެވެ. ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅަކަށް "އެހެން ހަދާލި އިރު"، އެއް ދައުވާއަކާ ކުރިމަތިލައްވާ އެހެން ބޭފުޅުންނާ މެދު ފެންނަނީ ކޯޓުގެ "ހަރުކަށިކަން މާ ކުޑަކޮށް" ކަމަށް އެ މީހުން ބުނެ އެވެ. ނަޝީދުގެ ޝަރީއަތަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އުފެދުނު އެންމެ ބޮޑު އެއް ބަހުސްކަން، ސަރުކާރު ކޯލިޝަންގެ މީހުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު ސަރުކާރުގެ އިސް ވެރިންނަށް އެ ޝަރީއަތުން މައްސަލައެއް ނުފެނެ އެވެ. ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ، އަދި ރައީސް އަބްދުﷲ ޔާމީން ތަކުރާރުކުރައްވާ ވާހަކަ އަކީ، ޝަރުއީ ނިޒާމާ ސަރުކާރުން ނުބެހޭ ކަމެވެ. ޝަރުއީ ނިޒާމާ ސަރުކާރުން ބެހުނަސް ނުބެހުނަސް، އަބްދުﷲ ގާޒީގެ ހައްޔަރާ ގުޅޭ ޝަރީއަތްތައް ކުރިއަށް ދާ ގޮތުން ގައުމުގައި ފެށިފައިވާ ހޫނު ބަހުސްގައި، ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް ފޯރާ ވާހަކަ އެއް ބަޔަކު ދައްކަނީ ސީދާ ފާޅުގަ އެވެ. ނަޝީދަށް އިންސާފު ނުލިބޭނެ ކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވާހަކަ ދައްކަވަނީ، އެމަނިކުފާނުގެ ޝަރީއަތްތަކުގައި ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް ބިނާކުރައްވަ އެވެ. އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެ، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ނުކުރައްވަން ނިންމުމުން، ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ވާހަކަ ގަބޫލުކުރުން އާންމުންނަށް ފަސޭހަވެދާނެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ހަމައެކަނި ނަޝީދު ކުރެއްވި ކަމެއް ނޫނެވެ. އެމަނިކުފާނާ އެކު އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގެ ތުހުމަތުގައި ހަތަރު ބޭފުޅެއްގެ ޝަރީއަތް އެބަ ހިނގަ އެވެ. އެހެންނަމަވެސް ބާރު ސްޕީޑްގައި ކުރިއަށް ދިޔަ ޝަރީއަތްތަކަށް އައި ހުއްޓުމާ އެކު އަނެއް ބަހުސަކަށް އާންމުން މިވަނީ ވަދެފަ އެވެ: ނަޝީދު ޖަލަށް ލުމާ އެކު އެ ޝަރީއަތްތައް، ރާއްޖޭގެ އާންމު ހާލަތަށް ވެއްޓުނީ ހެއްޔެވެ؟ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަމަ ކުރިއެކޭ އެއް ތާވަލަކަށް ބަދަލުވީ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ