ޕީޖީން ސުޕްރީމް ކޯޓަށް ދިޔައީ އިސްތިއުނާފުގެ ހައްގު ނަޝީދަށް ނުދޭންވެގެން: ނަޝީދުގެ އޮފީސް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ އިސްތިއުނާފް ކުރުމުގެ ހައްގު ހިފެހެއްޓުމުގެ ގޮތުން ކަމަށް ނަޝީދުގެ ފަރާތުން ބުނެފި އެވެ. ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ. އެހެންވެ ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ޕީޖީގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ނަޝީދަށް ލިބިދޭ އިސްތިއުނާފްގެ ހައްގު ހިފެހެއްޓުމަށް ފަހު އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދަން މަސައްކަތްކުރާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 60 ދުވަހުގެ މުއްދަތެއް ލިބޭއިރު ކުރު މުއްދަތެއްގެ ތެރޭގައި ޕީޖީން އެ މައްސަލަ ހުށަހެޅުމަކީ ނަޝީދުގެ ކަންބޮޑުވުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ނުދިނުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ހައި ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމުގެ ނަޝީދުގެ ފަރާތުން އެއްބާރުލުން ނުދޭ ކަމަށް ޕީޖީން ބުނެފައި ވާތީ އެކަމަށް ރައްދު ދީ، ނަޝީދުގެ އޮފީހުން ބުނެފައި ވަނީ އެ މައްސަލާހައި ހައި ކޯޓުން ނަޝީދަށް އެންގި ހުރިހާ އެންގުންތަކަށް ނަޝީދާއި އެމަނިކުފާނުގެ ވަކީލުން ތަބާވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތީ ނަޝީދުގެ ސަބަބުން ނޫން ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން ހައި ކޯޓުން މައްސަލަ ބަލައިނުގަތުމަށް މިމަހުގެ 10 ވަނަ ދުވަހު ނިންމުމުން އެކަމާ މެދު މަޝްވަރާ ކުރަން ނަޝީދާ ބައްދަލުކުރަން އެމަނިކުފާނުގެ ވަކީލުން އެދުމުން އެ ފުރުސަތު ކަރެކްޝަނަލް ސާވިސް އިން ދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ހައި ކޯޓުގެ ނިންމުން އިސްތިއުނާފް ކުރަން ހުށަހެޅުމަށް ފަހު ޕީޖީން ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލަ އިސްތިއުނާފް ކުރަނީ ހައި ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި އެ ކޯޓުން ގާނޫނު އެޕްލައިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި މައުޟޫއާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަށް ދިނުމެއް ނެތި މައުޟޫއީ ގޮތުން ބައެއް ނުކުތާތަކާ މެދު ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ