މަސްވެރިކަމުގެ މޫސުން ތަކަށް ބަދަލުތަކެއް އައުމުގެ ފެށުން

ކުރިން ރަނގަޅަށް މަސް ބާނާ މޫސުން ތަކުގައި މިހާޜު މަހެއް ނުބޭނޭ އިސްމާއިލް ނަސީރު ބައެއް ތަޖުރިބާކާރުން މި ކަމަށް ކިޔަނީ "އެލް ނީނޯ" އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ މަސްވެރިކަމަށް މިހާރު ގޮތް ނޭނގޭ ބަދަލުތަކެއް އަންނަމުންދާ ކަމެވެ. ކުރިން އެންމެ ރަނގަޅަށް މަސްވެރިކަން ކުރަމުން އައި ދުވަސްތައް މިހާރު ވަނީ ބަދަލުވެފަ އެވެ. އެ ދުވަސްތައް މިހާރު ގިނަ ފަހަރަށް ފެންނަނީ މަސްވެރިން ހުސްއަތާއަންނަނިކޮށެވެ. "މަސްވެރިކަމަށް މިހާރު ގޮތް ނޭނގޭ ބަދަލުތަކެއް ވަނީ އަންނަން ފަށައިފައި،" މަސް ބޭރުކުރާ ކުންފުންޏެއްގެ އިސް ވެރިޔަކުމިދިޔަ ހަފުތާގައި ވިދާޅުވި އެވެ. އުތުރުގެ މަސްވެރިއަކު ބުނީ ކުރިން އަހަރުގެ މެދުތެރޭގައިކުރަމުން އައި މަސްވެރިކަން މިހާރު ވަނީ އަރަތަކަށް ވެފައި ކަމަށެވެ. "އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގޭ މިހާރު މި ވާގޮތެއް،" އޭނާ ބުންޏެވެ. މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު ދާދި ފަހަކަށް އައިސް ވަނީ އާދަޔާޚިލާފު މަސްވެރިކަމެއް ކޮށްފަ އެވެ. ހަމަ އެހެންމެ، އެއްގޮތަކަށް މަސްވެރިކަން ނެތް ދެ ތިން މަސް ދުވަސް ވެސްވޭތުވެގެން ހިނގައިދާނެ އެވެ. "އަހަރެންގެ ހަނދާނުގައި އެއްގޮތަކަށް ވެސް މަސްވެރިކަމެއް ނެތް ދުވަސްވަރެއް ނުދޭ. ކޮންމެވެސް ވަރަކަށް މަސްވެރިކަން އޮންނާނެ ކުރީގައި. އެކަމަކު މިހާރު ހަމަ މަސްވެރިކަން އެއްގޮތަކަށް ވެސް ނެތް ދުވަސްވަރު ދޭ،" އުމުރުން 50 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ކުޅުދުއްފުށީ މަސްވެރިޔަކު ބުންޏެވެ. "އެވާ ގޮތެއް އެނގޭނީ ހަމަ ތިޔަ ކުދިންނަށް!" މަސްވެރިކަމަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި އަދި މާ ބޮޑު ދިރާސާތަކެއް ހެދިފައެއް ނެތެވެ. މުޅިން ވެސް ކުރެވެނީ ހީތަކެވެ. އޭގެ ތެރެއިން އެއް ތަޖުރިބާކާރަކު ގަބޫލު ކުރައްވަނީ މި ގޮތަށެވެ: "އަޅުގަނޑަށް ހީވަނީ މިއީ ހަމައެކަނި ރާއްޖެ އަށް ދިމާވެފައިވާ ކަމެއް ނޫންހެން. މުޅި ދުނިޔެ އަށް ވެސް މި ކަންތައް ވަނީ ކުރިމަތިވެފައި. މަސްވެރިކަމަކީ މޫސުމީ ކަމަކަށް ވާތީމޫސުމަށް އަންނަ ބަދަލުތަކަކީ ވެސް ބަލަން ޖެހޭ އެއްޗެއް." ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ސައިންސްވެރިން ބުނަމުން ދެ އެވެ. އެ ކަމަށް އަހަރެމެންގެ ތެރެއިން ވެސް ނެގިދާނެ ހެކިތައް އެބަ ހުއްޓެވެ. ނަކަތްތައް ދިމާ ނުވުމާއި ކުރިން ވާރޭ ވެހޭ ނަކަތްތަކުގައި މިހާރު ވާރޭ ނުވެހުމެވެ. އަދި ކަނޑު ގަދަވާ މޫސުންތަކުގައި މިހާރު ކަނޑު މަޑުވެފައި އޮންނަ އޮތުމަކީވެސް އޭގެ ތެރެއިން ރަނގަޅު މިސާލެކެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ރާއްޖެ އަށް ކުރި މަސްވެރިކަމަކީ ދުނިޔެ އަށް އައި އެލް ނީނޯ އެއްގެ ސަބަބުން ކުރި މަސްވެރިކަމެކެވެ. އެއީ އާދަޔާޚިލާފަށް ކުރި މަސްވެރިކަމެއް ކަމަށް އަދިވެސް ގަބޫލު ކުރެވެ އެވެ. ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެއްވެސް ދޯންޏެއް މަސް ނުބާނާ ވަރަށް، އެ އަހަރުގެ ތެރޭގައި މަސް ބޭނި އެވެ. މުޅި ރާއްޖެ އަށް ވެސް އެ އަހަރު އެހެންއަހަރުތަކާ ޚިލާފަށް ވަރަށް ބޮޑު އަދަދަކަށް މަސް ބޭނި އެވެ. ރާއްޖޭގެ މަސްވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު މަސްވެރިކަން ކުރަމުންދާ މޫސުންތަކުގައި ބާނާ މަހާއި މީގެ ކުރިން އެ މޫސުންތައް، ނުވަތަ ނަކަތްތަކުގައި ބާނާ މަހާ އަޅާބަލާއިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ފެންނަން އެބަ ހުއްޓެވެ. ބައެއް މޫސުންތަކުގައި، އޭގެ އެހެން އަހަރުތަކުގެ އެ މޫސުންތަކާ އަޅާބަލައިރު، 50 ޕަސެންޓް އިތުރުވެ، އަނެއްބައި އަހަރު 50ޕަސެންޓް މަދުވެފައި އެބަ ހުއްޓެވެ. "މަސްވެރިކަން ނެތޭ ކިޔަނީ ހަމަ ނެތިގެން. އެއްގޮތަށް ވެސް މަހަށް ނުފުރައިގެންނެއް ނޫން،" ދ. އަތޮޅު ރަށެއްގެ ރަށުއޮފީހުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ. ދ. އަތޮޅު ހިމެނޭ ޒޯނަކީ މީގެ ކުރިން ވަރަށް ރަނގަޅަށް މަސްވެރިކަން ކުރަމުން އައި ހިސާބެކެވެ. އެ ހިސާބުން ރިހާކުރު އުފެއްދުމަށް މަޝްހޫރު މ. ދިއްގަރު ފަދަ ރަށްރަށުގެ މަސްވެރިކަން މިހާރު ވަނީ އުވުމަކާ ގާތްވެފަ އެވެ. ސަބަބަކީ މަސްވެރިކަން ނެތުމުންމަހަށް ފުރާ މީހުން މާޔޫސްވެ، އެހެން މަސައްކަތްތައް ފެށުމެވެ. ތަޖުރިބާކާރުންނާއި މަސްވެރިންނަށް ވެސް އެނގޭ އެއް ކަމަކީ "ބަދަލުތަކެއް"ގެ ކޮޅުމަތި ފެނިފައިވާ ކަމެވެ. މިހާ ހިސާބުން މަސްވެރިކަމަށް ދެން އަންނާނީ ކޮން ކަހަލަ ބަދަލުތަކެއްބާވައޭ ސުވާލު ނުއުފެދި ނުދާނެ އެވެ! ފަހަރެއްގައި ކަނޑުން މަސް ހުސްވަނީ ނޫންބާ އެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ