ނުރައްކާތެރި ބަލިތައް އެންޓިބަޔޮޓިކުން ފަސޭހަ ނުވާ މައްސަލަ އާންމުވެއްޖެ

ޖެނީވާ (މެއި 2) - އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ގޮތް ނޫން ގޮތްގޮތަށް ބޭނުންކުރުމުގެ ސަބަބުންނާއި ހޮސްޕިޓަލްތަކުގެ ސާފުތާހިރުކަން ދަށްވުމުން އާންމުވަމުން އަންނަ އެންޓިބަޔޮޓިކަށް ނުގުޑާ ސުޕަ ބަގްސްގެ ސަބަބުން، މީގެ ކުރިން އެންޓިބަޔޮޓިކުން ފަރުވާ ހޯދޭ ބަލިތަކަށް އެއިން ޝިފާ ނުލިބި އާދައިގެ ބަލިތައް ވެސް މަރުބައްޔަށް ބަދަލުވަމުން އަންނަ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދީފި އެވެ. ބަލިތައް ޖައްސާ ބެކްޓީރިއާތައް ނައްތާލުމަށް ދޭ ބޭސްތަކަށް ބެކްޓީރިއާ ހޭނި، ބެކްޓީރިއާ އަކީ ބޭހަށް ނުގުޑާ އެއްޗަކަށް ވުމަށް މެދުވެރިވާ ސަބަބުތަކާ ބެހޭ ގޮތުން ކުރި ދިރާސާގައި ބުނެފައި ވަނީ މި ނުރައްކާ މިހާރު ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ފެތުރިފައި ކަމަށެވެ. އަދި މިއީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ނުރައްކާތެރި މައްސަލައެއް ކަމަށް ވެސް ބުނެފައިވެ އެވެ. "€œކަމާ ބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅައި، ގުޅިގެން މަސައްކަތް ނުކޮށްފި ނަމަ، އެންޓިބަޔޮޓިކް ނެތް ޒަމާނުގައި ދުނިޔެ އޮތް ހާލަތަަށް ބަދަލުވެދާނެ. އޭރުން ބަލިތަކާއި ޒަހަމްތަކަށް އެންޓިބަޔޮޓިކުން ފަރުވާ ނުދެވި، އާދައިގެ ބަލިތައް ވެސް މަރު ބައްޔަށް ވެގެން ހިނގައިދާނެ،"€ ޑަބްލިޔު.އެޗް.އޯގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ފޯ ހެލްތު ސެކިއުރިޓީ ކެއިޖީ ފުކޫޑާ އިންޒާރު ދެއްވި އެވެ. މި އިންޒާރު އައިސްފައި މި ވަނީ ބޭރަށް ހިންގުމާއި ނިއުމޯނިއާ އާއި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކާއި ގޮނޯރިއާ ފަދަ ބަލިތައް ޖައްސާ ހަތް ބެކްޓީރިއާއަކަށް އަމާޒުކޮށް 114 ގައުމެއްގައި އެއްކުރި މައުލޫމާތަށް ފަހުގަ އެވެ. މި ދިރާސާ އަށް ފަހު އެކުލަވާލި ރިޕޯޓްގައި ބުނެފައި ވަނީ އާންމު އެންޓިބަޔޮޓިކުން ފަރުވާ ނުކުރެވި، އެހެން ގޮތެއް ނެތިގެން ބޭނުންކުރާ އެންމެ ވަރުގަދަ އެންޓިބަޔޮޓިކްތަކަށް ވެސް ބެކްޓީރިއާ ނުގުޑުމުގެ މައްސަލަ އަންނަމުން ކަމަށެވެ. މި ދަރަޖަ އަށް ކަންތައް ގޮސްފައިވާ ގައުމުތަކުގައި ބަލި މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މީހުންނަށް އެންޓިބަޔޮޓިކްގެ ފައިދާ އެކަށީގެންވާ ގޮތުގައި ކޮށްފައެއް ނުވެ އެވެ. "€œސީރިއަސް އިންފެކްޝަންތަކަށް ފަރުވާ ކުރުމުގެ ގާބިލްކަން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އަންނަނީ ދަށްވަމުން،" ފުކޫޑާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ ކުރިމަގުގައި ދިމާވެދާނެ މައްސަލައެއް ކަމަށް ކުރިން ހީކުރެވިފައި އޮތް ކަމަށާއި އެކަމަކު މިއީ މިހާރުވެސް ވަރަށް ބޮޑަށް އާންމުވެފައިވާ ބައެއްޔެއް ކަމަށެވެ. އަލަށް އުފަންވާ ކުދިންނާއި އިންޓެންސިވް ކެއާގައި ފަރުވާ ހޯދާ މީހުންނަށް އާންމުކޮށް ޖެހޭ ކޭ.ނިއުމޯނިއޭ އާއި އީ-ކޮލީގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަނަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބަޔޮޓިކްތަކަށް އެ ބަލިތައް ޖައްސާ ބެކްޓީރިއާ ނުގުޑާ މައްސަލަ ވަރަށް ބޮޑު ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެ އެންޓިބަޔޮޓިކްތައް 1980ގެ ތެރޭގައި ތައާރަފްކުރި އިރު އެއީ އުނދަގުލެއް ނެތި އެ ބަލިތައް ފަސޭހަކޮށްލެވޭނެ ކަމުގެ ޔަގީންކަން ބޮޑު އެންޓިބަޔޮޓިކްތައް ކަން ޑަބްލިޔު.އެޗް.އޯ އިން ފާހަގަކޮށްފައިވެ އެވެ. --އޭއެފްޕީ ސިއްހަތު ޖަމިއްޔާގެ އިންޒާރާ ގުޅޭ ރިޕޯޓް، އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ