ޕްރެޝަރު އޮތީ އިންޑިއާ އަށް، ރާއްޖެ އަށް މިއީ ޗެލެންޖެއް: އަލީ އުމަރު

ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގައި މިއަދު ދިވެހިރާއްޖެ އާއި އިންޑިއާ ކުޅޭއިރު ޕްރެޝަރު އޮތީ އިންޑިއާ އަށް ކަމަށާއި މިއީ ރާއްޖެ އަށް ޗެލެންޖިން މެޗެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި މިހާރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަލީ އުމަރު ބުނެފި އެވެ. އިންޑިއާގެ ސީނިއާ ޓީމު އަތުން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ މޮޅުވި ހަމައެކަނި ފަހަރު ކަމަށްވާ 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު އައްޔަ ބުނީ އިންޑިއާއާ ދެކޮޅަށް ކުޅޭއިރު ބިރު ގަންނަ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. "އަބަދުވެސް ބަލިކުރަން އެންމެ އުނދަގޫ ޓީމަކީ އިންޑިއާ. އެހެންވެ އެގޮތަށް ކިޔަނީ. ވަކި ބިރެއް ނީދޭ އިންޑިއާ ވެގެން. އިންޑިއާގެ އެންމެ ވަރުގަދަ ޓީމު 2008 ގެ ފައިނަލުގައި ރާއްޖޭން ބަލިކުރީ ވެސް." ޒުވާން ކުޅުންތެރިންތަކެއް ހިމެނުނު އިންޑިއާ ޓީމު އަތުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތުގައި ރާއްޖެ 1-0 އިން މޮޅުވިއިރު ވެސް ޓީމުގައި ހިމެނުނު އައްޔަ ބުންޏެވެ. އައްޔަ ބުނީ މިހާތަނަށް ސަހަރައްދުގެ އެންމެ ވަރުގަދަ ދެ ޓީމަކީ ރާއްޖެ އާއި އިންޑިއާ ކަމަށާއި އެހެންކަމުން އަބަދުވެސް އިންޑިއާއާ ދެކޮޅަށް ކުޅޭއިރު، މި ކުޅެވެނީ ސަހަރަހައްދުގެ އެންމެ ވަރުގަދަ ޓީމަކާކަން ސިކުނޑީގައި އިންނަ ކަމަށެވެ. "އެކަމަކު މި ފަހަރު ތަފާތު ވާނެ. މިހާރު އެންމެ ވަރުގަދަ ޓީމަކީ އަފްގާނިސްތާން. އިންޑިއާއާ އަކީ ފެންވަރުގެ ގޮތުން ބަލާއިރު މި ވަގުތު ރާއްޖެއާ އެއްވަރުގެ ޓީމެއް. ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ރާއްޖެ ކުޅުނު ޓީމުތަކަށް ވުރެ ދަށް ޓީމުތަކާ ކުޅެ އާދައިގެ ނަތީޖާތަކެއް އިންޑިއާ އިން ނެރެވުނީ،" އައްޔަ ބުންޏެވެ. އޭނާ ބުނީ މިދިޔަ ދެ މުބާރާތުގެ ސެމީ ފައިނަލުން އިންޑިއާ އަތުން ބަލިވެފައި ވުމުން ތިން ބަލިނުވާން ރާއްޖޭގެ ކުޅުންތެރިން ޗެލެންޖަކަށް ނަގާނެ ކަމަށެވެ. "ޗެލެންޖަކަށް ނަގާނީ ތިން ބަލިނުވާން. އެއީ އެޑްވާންޓޭޖެއް. ރާއްޖޭގެ ކުޅުންތެރިންގެ ބޮޑު އަމާޒެއް އެބައޮތް. އަނެއްކާ އަބަދުވެސް ރާއްޖެ ބަލިވާތީ ރާއްޖެ އަށް އޮންނަ ޕްރެޝަރަށް ވުރެ އިންޑިއާ އަށް ޕްރެޝަރު ބޮޑުވާނީ. އެއީ އިންޑިއާ ބަލިވުން އެއީ އެ ޓީމަށް ބޮޑު މައްސަލައަކަށް ވާނެތީ. އެކަމަކު ރާއްޖެ މޮޅުވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނީ. އެގޮތުން ބަލާއިރު ޕްރެޝަރު ބޮޑީ އިންޑިއާއަށް،" އައްޔަ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ