އައްޑޫގެ ކަރަންޓް މައްސަލަ ހުށަނޭޅި ކޮމިޓީގެ ބައްދަލުވުން ނިންމާލައިފި
އައްޑޫގެ ކަރަންޓްގެ މައްސަލާގައި މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އެ މައްސަލަ ހުށަނޭޅި ބައްދަލުވުން ނިންމާލައިފި އެވެ. ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ އެދިވަޑައިގަތުމަށް ބޭއްވި މި ބައްދަލުވުމުގައި އައްޑޫގައި ކަރަންޓް ކެނޑޭ މައްސަލަ ކުރިއަށް ނުގެންދެވުނީ އެ ޕާޓީގެ މެމްބަރުން ވަޑައިނުގެންނެވުމުން ކަމަށެވެ. އަދި ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް، އެ މައްސަލަ ހުށަހަޅުއްވަން ބޭނުން ނުވުމުން ކަމަށް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް ފަލާހު ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވި ކަމަށާއި "ރިޔާސަތުން އެ ފުރުސަތު ނުދެއްވި" ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި މިއަދުގެ ކޮމިޓީ ބޭއްވީ ވެސް ގަވާއިދާ ހިލާފަށެވެ. ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީގެ މެމްބަރުން މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވިއިރު، އެންމެ ލަސްވެގެން އެ ބައްދަލުވުން އިއްޔެ ބާއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ރޯދަ މަހު ކުއްލި އަކަށް ކޮމިޓީ ބޭއްވުމުން އެމްޑީޕީގެ އެހެން މެމްބަރުންނަށް ވަޑައިނުގެންނެވުނީ. އަދި ކޮމިޓީ ބާއްވާކަން ކުރިން ގުޅާފައި ވިދާޅުވޭ. ނަމަވެސް މިއަދު ނުގުޅުއްވާ،" އޭނާ ވިދާޅުވި އެވެ. އެއީ އެމްޑީޕީން ދައްކާ ބަހަނާ ކަމަށާއި އައްޑޫގެ ކަރަންޓްގެ މައްސަލަ ކޮމިޓީގައި ކުރިއަށް ނުގެންދިއުގެ އެއްވެސް ވިސްނުމެއް ޕީޕީއެމްގެ މެމްބަރުންގެ ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ. "މިހާރު އެމްޑީޕީގެ މެމްބަރުން އެ ދައްކަނީ ބަހަނާ. އެ ބޭފުޅުންނަށް ކޮމިޓީއަށް ވަޑައިނުގެންނެވުމުން ބަހަނާ ދައްކަނީ،" ރިޔާޒު ވިދާޅުވި އެވެ. "ކޮމިޓީ ބާއްވައި ދިނުމަށް އެދި ހުށަހެޅި ލިޔުން ލިބިފައިވަނީ ބުރާސްފަތި ދުވަހު. އެހެންވެ މިއަދު ބައްދަލުވުން ބޭއްވޭނެ. އަދި ބައްދަލުވުން ބޭއްވޭނެ ކަން ރޭ ވެސް މިއަދު ވެސް އެސްއެމްއެސް އިން ކޮމިޓީގެ މެމްބަރުންނަށް އޮތީ އަންގާފައި." އައްޑޫގެ ކަރަންޓްގެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްނުވުމުން އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ