ކްރިމިނަލް ކޯޓުގެ އިސް ގާޒީ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު ޗިޓް ފޮނުވައިފި އެވެ. ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 8:30 އަށް ކަމަށެވެ. ފުލުހުން ފޮނުވާފައިވާ ޗިޓާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު ވިދާޅުވީ، އަބްދުﷲ ހުންނެވީ މިރޭ ފުލުސް އޮފީހަށް ވަޑައިގަންނަވާ ގޮތަށް ކަމަށެވެ. "އަބްދުﷲ ގާޒީ ވިދާޅުވީ ތިމަންނަ ބޭނުންފުޅޭ ކޮންމެހެން ވެސް ފުލުސް އޮފީހަށް ވަޑައިގަންނަވަން. އެކަމަކު އަބްދުﷲ ގާޒީއަށް އެނގިވަޑައެއް ނުގަންނަވާ އެ ބޭފުޅާގެ އެއްވެސް މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަކަށް. އެހެންވެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނުމުން އަބްދުﷲ ގާޒީ އަށް ލިބިވަޑައިގަތީ ބޮޑު ޝޮކެއް،" ރިޒާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރާއިރު ހަމަ އެ ގަޑިއަށް ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މިރޭ 8:30 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ވަނީ ފޮނުވައިފަ އެވެ. ޑރ. ޖަމީލް ހާޒިރުކުރަނީ ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ފުލުހުން ކުރާ ތަހުގީގަށެވެ. ރޭ ޑރ. ޖަމީލް ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރު ނެރުއްވީ ވެސް އަބްދުﷲ ގާޒީ އެވެ. އަބްދުﷲ ގާޒީ ހާޒިރުކުރާ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ