އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކަށް ޑރ. އަޝްރަފަށް

ރ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް ތޫނުއެއްޗަކުން ހަމަލާދީ މިމަހު އެއްވަނަ ދުވަހުގެ ރޭ ދަންވަރު އަވަހާރަ ކޮށްލުމުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނީ ޑރ. އަހުމަދު އަޝްރަފް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބު އަހުމަދު އަކުރަމް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެމްޑީޕީން އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާނެ ކެޑިޑޭޓެއް ހޮވުމަށް އިއުލާނުކޮށް މުއްދަތު ހަމަވިއިރު ކުރިމަތި ލާފައިވަނީ ހަމައެކަނި ޑރ. އަޝްރަފް ކަމަށެވެ. އަދި ޑރ. އަޝްރަފަކީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ބޭފުޅެއް ކަމުން އެ ޕާޓީގެ ފަރާތުން އަންނަ ބައި އިލެކްޝަނުގައި ވާދަކުރާ ކެޑިޑޭޓަކީ ޑރ. އަޝްރަފް ކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ނިންމާފައިވާކަމަށެވެ.
އެމްޑީޕީންގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތައް އެކަމަށް އެދި އެޕްލިކޭޝަން ފޯމް ހުށައެޅުމަށް ފުރުސަތު ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ 11 ވަނަ ދުވަހުގެ 16:00ގަ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަނުން ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަނީ ބުރާސްފަތި ދުވަހު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ