އެމްއެޗް17 ވައްޓާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރަނީ

ނެދަލޭންޑްސް (ޖޫން 20) - މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 ވައްޓާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރަން ނިންމައިފި އެވެ.
ޖުލައި 2014 ގައި އެމްއެޗް17 ވައްޓާލީ އިރުމަތީ ޔުކްރޭނުގެ މަތިން މިސައިލް ހަމަލާދީފަ އެވެ. އެ ބޯޓުން 298 މީހުން ދަތުރުކުރި އެވެ. ބޯޓު ދަތުރު ކުރަމުން ދިޔައީ އެމްސްޓެޑަމް އިން ކުއާލަ ލަމްޕޫރަށެވެ.
ބޯޓު ވައްޓާލި މައްސަލާގައި ދައުވާ ކުރަން ނިންމީ ރަޝިޔާގެ ތިން މީހުންނާއި ޔުކްރޭން މީހެއްގެ މައްޗަށެވެ. އެ މީހުން ހައްޔަރު ކުރަން ބައިނަލްއަގުވާމީ އެރެސްޓް ވޮރެންޓް ވަނީ ނެރެފަ އެވެ. ހަތަރު މީހުންގެ ޝަރީއަތް ފަށާނީ އަންނަ އަހަރުގެ މާޗް މަހު ނެދަލޭންޑްސްގަ އެވެ.
ދައުވާ ކުރާ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ރަޝިޔާގެ އެފްއެސްބީ އިންޓަލިޖެންސް ސާވިސްގެ ކުރީގެ ކާނަލްއެއް ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ.
އެމްއެޗް17 އިން ދަތުރު ކުރި މީހުންގެ ތެރޭގައި ހޮލެންޑުގެ 193 މީހުންނާއި މެލޭޝިއާގެ 43 މީހުންނާއި އޮސްޓްރޭލިއާގެ 27 މީހުން، އިންޑޮނީޝިއާގެ 12 މީހުން، އިނގިރޭސި ވިލާތުގެ 10 މީހުން، ބެލްޖިއަމްގެ ހަތަރު މީހުން، ޖަރުމަނުގެ ހަތަރު މީހުން ފިލިޕީންސްގެ ތިން މީހުން އަދި ނިއު ޒީލެންޑާއި ކެނެޑާ އިން ކޮންމެ ގައުމަކުން މީހަކު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ