ރައީސް މައުމޫން މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ރައީސް މައުމޫން އަބްދުލް ގައްޔޫމް، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މައުމޫން މެލޭޝިޔާ އަށް ވަޑައިގެންނެވީ އިއްޔެ އެވެ. އަދި ރައީސް މައުމޫން މިއަދު ބޮޑުވަޒީރާ ބައްދަލުކުރެއްވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ބައެއް ކަންކަން ހުށަހަޅުއްވައި، އެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ވެސް ކުރައްވާފަ އެވެ.
އެގޮތުން ރައީސް ސޯލިހުގެ ހާއްސަ ސިޓީފުޅެއް، ރައީސް މައުމޫން ބޮޑުވަޒީރަށް ރައްދުކޮށްދެއްވި އެވެ. އޭގެ އިތުރުން މެލޭޝިޔާ އަށް ދާން ދިވެހިންނަށް ވިސާގެ ދަތިކަން ކުރިމަތިވަމުން އަންނާތީ އެކަން ހައްލު ކުރެއްވުމަށް ވެސް ރައީސް މައުމޫން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ރައީސް މައުމޫނާ ވަރަށް ގާތް ގުޅުމެއް އޮންނަ މަހާތީރު އެ ގައުމުގެ ބޮޑުވަޒީރުކަމާ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހަވާލުވެވަޑައިގެންނެވި ފަހުން، މިއީ އެމަނިކުފާނާ ރައީސް މައުމޫން ރަސްމީކޮށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
އުމުރުފުޅުން 92 އަހަރުގައި މަހާތީރު މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ރައީސް މައުމޫން ހުންނެވީ ކުރީގެ ރައީސް އަދި ކޮއްކޯފުޅު އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ގިނަ ތުހުމަތުތަކަކާއި އެކު ޖަލު ބަންދުގަ އެވެ.
ރައީސް މައުމޫނުގެ ދަތުރުފުޅުގައި އެމަނިކުފާނާ އެކު އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ އަށް ވަޑައިގަންނަވާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ