ލޭ ހަދިޔާ ކުރުމާ ގުޅޭ ޑޭޓާބޭސް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރާނަން: އަމީން

ލޭ ހަދިޔާ ކުރާ ފަރާތްތަކާއި ލޭބޭނުންވާ ފަަރާތްތަކަށް ލުއިފަސޭހަ މަގުތަށް ހޯދައިދިނުމަށް އެކަމާ ގުޅޭ ޑޭޓާބޭސް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ލޭހަދިޔާ ކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ބުލަޑް ސާވިސް އާއި އެލިޔާ އިންވެސްޓްމަންޓް ގުޅިގެން މިއަދު ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕޮރޮގްރާމް ފަށްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ލޭހަދިޔާ ކުރުމަކީ ކޮންމެ މީހަކު ވެސް އަމިއްލަ އިސްނެގުމުގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ވަސީލަތްތައް ގާއިމުކޮށް ބޮޑެތި އިމާރާތްތަކާއި ވިސްނުންތައް ތަަރައްގީ ކުރާއިރު ހަގީގަތުގައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ލޭ ހަދިޔާ ކުރުން ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އަމިއްލަ އިސްނެގުމުގައި ލޭހަދިޔާ ކުރާ ފަރާތްތަކަކީ އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމުގައި އެންމެ ބޮޑު ހޭދައެއް ކުރާ މީހުން ކަމަށާއި އެހެންކަމުން އަމިއްލައަށް އިސްނަގައިގެން އެތައް ފަހަރަކު ލޭހަދިޔާ ކުރަމުން ގެންދަވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެހެންނަމަވެސް ލޭ ހަދިޔާކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ގާއިމުކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމުގައި ވިދާޅުވި އެވެ.
"ލޭހަދިޔާ ކުރުމުގައި ކުރަން ޖެހޭ ކަންކަން ވަރަށްވެސް ގިނަ. މިގޮތުން ހާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަ ކޮށްލާ ހިތްވަނީ ލޭހަދިޔާ ކުރާ ބޭފުޅުންނަށް
މިކަމާއި ގުޅޭ ޑޭޓާބޭސް ގާއިމް ކުރުމުގެ ވާހަކަ ދެކެވެ. މިކަމުގެ ވިސްނުން ގެންގުޅޭތާ ވަރަށްވެސް ދުވަސް ވެއްޖެ. އެހެން ނަމަވެސް މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ޑޭޓާބޭސް ގާއިމުކޮށް ވުޖޫދު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މަަސައްކަތް ކުރާނަން" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ލޭހަދިޔާ ކުރާ ފަރާތްތަކާއި ހާއްސަކޮށް އަމިއްލައަށް އިސްނަގައިގެން ލޭހަދިޔާ ކުރާ ފަރާތްތަކާއި އަދި ކޮންމެހެން ލޭ ބޭނުންވެގެން ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ މައުލޫމާތާއި އެ މީހުން އެކުރާ ކަންކަން އާމުންނަށް އިތުރަށް ހާމަކޮށް ދިނުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. ބޭނުމަކީ ލޭހަދިޔާ ކުރުމުގެ މަުހިއްމުކަމާއި އަދި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާ ކުރުމަށް މީހުން ހޭލުންތެރިކުރުވުން ކަމަށްވެސް ވިދާޅުވި އެވެ.
ނެޝަނަލް އާޓްގެލެރީގައި މިއަދު ކުރިއަށް ގެންދާ އަމިއްލައަށް އިސްނަގައިގެން ލޭހަދިޔާ ކުރުމުގެ ޕޮރޮގްރާމަކީ މޯލްޑިވިއަން ބުލަޑް ބޭންކާއި، އެލިޔާ އިންވެސްޓްމެންޓް ގުޅިގެން ކުރިއަށް ގެންދާ މިފަދަ ފަސްވަނަ ޕޮރޮގްރާމެވެ.
އެލިޔާގެ އޮފިޝަލަކު ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމުގެ ދަށުން މިއަދު އާޓްގެލަރީގައި ބްލަޑް ބޭންކު ކުރެވޭނީ 200 މީހުންގެ ހަށިގަނޑުން ނަގާ ލޭ ކަމަށެވެ. ނަމަވެސް އެއަށްވުރެ ގިނަ މީހުން ލޭ ހަދިޔާކުރުމަށް ބޭނުންވާނަ ރަޖިސްޓްރި ކުރުމަށް ފަހު ނެޝަނަލް ބްލަޑް ބޭންކަށް ގޮސް ލޭހަދިޔާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ