މަރުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން މީހަކު މަރަން ޙުކުމް ކުރާތާ އެންމެ ގިނަ ވެގެން 30 ދުވަސް ތެރެގައި އެމީހަކު ދަން ޖައްސައިގެން މަރުގެ ޙުކުމް ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"އަލް ކައުން" ޓީވީ ޗެނަލް އިން ގެނެސްދޭ "ރަންދޫލަ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ މަރުގެ އަދަބު ދީގެން ވެސް ކުށްކުރުން ނުހުއްޓުވޭނެ ކަމެއް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި ހުރިހައި ގައުމެއްގައި ވެސް ކުށް ކުރާނެ ކަމަށާއި ނަމަވެސް މަރުގެ އަދަބު ދީގެން ކުށްކުރުން މަދު ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އަޒުމު ކަނޑައަޅައިގެން މަރަށް މަރު ހިފަން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ "މަރަށް މަރު ހިފުމަކީ އަޅުގަނޑު ސިޔާސީ ދާއިރާ އަށް އައި ދުވަހުން ސުރެ އަޅުގަނޑު އެކަމަކަށް ވަކާލާތު ކުރަމުން އައި ކަމެއް" ކަމަށެވެ.
އިސްލާމް ދީނުގައި އޮތް ގޮތައް މަރަށް މަރު ހިފައިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ގައުމުގެ އަމަން އަމާންކަން ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމަށްޓަކައި ގާއިމް ކުރަން ޖެހޭ ވަސީލަތްތައް ވެސް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން ނިންމީ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ޙުކުމް ތަންފީޒު ކުރުމަށް. ނަމަވެސް ފަހުން އަޅުގަނޑުމެން ތަޖުރިބާކާރުންނާއި އެހެން ގައުމުތަކާއި ވާހަކަދެއްކީމަ އެފަރާތްތަކުން ބުނެފައި ވަނީ އެންމެ ރަނގަޅީ ދަން ޖައްސައިގެން މަރުގެ އަދަބު ދިނުމޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބައެއް ގައުމުތަކުން މިހާރު ވެސް މަރުގެ ޙުކުމް އަލުން ތަންފީޒު ކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ އަމަންއަމާން ކަމަށް އެންމެ ބޮޑަށް އަސަރު ކުރުވާ އެއްޗަކީ މަސްތުވާތަކެތި ކަމަށެވެ. "މަސްތުވާތަކެތި ވިއްކާ މަސްތުވާތަކެތި ބޭނުންކޮށްގެން މީހުން ރަށުތެރޭގައި އުޅެން ފެށީމަ އެމީހުންގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ވަރަށް ބޮޑަށް ގެއްލޭ." މިނިސްޓަރ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މަރުގެ މައްސަލަ ނިމޭތާ 30 ދުވަސް ތެރޭ ދަން ޖައްސައިގެން ޙުކުމް ތަންފީޒު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ