އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއިއެކު ނިންމާލައިފި

އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، ކަރަންޓު ވިއުގަ އަޕްގްރޭޑުކުރުމުގެ މަޝްރޫއުގެ ދަށުން، ފެރިދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ އެއްކޮށް ބަދަލު ކުރެވިފައިވާކަމަށެވެ. އަދި ފެރިދޫގެ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮޓްރޯލް ޕެނަލެއް ގާއިމުކޮށް، އެ ޕެނަލް ބޭނުންކުރަން ފަށާފައިވާކަމަށް ބުންޏެވެ.
ފެރިދޫގެ ކަރަންޓު ވިއުގައަށް ގެނައި އަޕްގްރޭޑާއިއެކު، މީގެ ކުރިން ފެރިދޫގެ ކަރަންޓަަށް ދިމާވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަތައް ހައްލުވެގެންދާނެ އެވެ. އަދި މުސްތަގްބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑު އިތުރުވަމުންދާއިރު، އެ ޑިމާންޑަށް ކޭޓާރ ކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ.
ސްޓެލްކޯއިން ބުނީ ފެރިދޫގައި ގާއިމު ކުރި ކަރަންޓު ވިއުގަ އަޕްގްރޭޑާއިއެކު، ރަށުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލަ ވީހާވެސް އަވަހަށް ދެނެގަނެ، ހައްލުކުރުމުގެ ގާބިލުކަންވެސް އިތުރުވެގެންދާނެކަމަށެވެ. އަދި ކަރަންޓު ވިއުގައަށް ގެނެވުނު ބަދަލުތަކާއި އެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ހިދުމަތަކަށް ވެގެންދާނެކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖެނެރޭޓަރު ކޮމިޝަންކޮށް، ބޭނުންކުރަން ވަނީ ފަށާފަ އެވެ. އެގޮތުން، 20 ޖެނެރޭޓަރު ސެޓް ވަނީ 19 ރަށްޓަކަށް ފޮނުވައި، ކޮމިޝަންކޮށް ބޭނުންކުރަން ފަށާފަ އެވެ.
މީގެއިތުރުން، މިދިޔަ ރޯދަމަހުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ހުޅުމާލޭގައި 19.2 މެގަވޮޓްގެ ޕަވާހައުސްއެއް ވަނީ ގާއިމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ