ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނައިރު، އެންމެ ރަނގަޅު ގޮތަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކޮމިޝަނުގެ ރައީސްކަން ކުރެއްވުންކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށްޓަކައި، ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭކަމަށް އެންމެން ވެސް އިއްތިފާގުވެއެވެ. އެހެން ނަމަވެސް ކޮމިޝަނަށް ބަދަލު ގެންނާނެ ގޮތާއި ގުޅޭގޮތުން އޮތީ، ހިޔާލުތަފާތުވެފަ އެވެ.
މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލު ކުރުމަށް ރޭ އޮތް ޖަލްސާގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގެންނަން ފެންނަ ބަދަލުތައް ހުށަހެޅުއްވީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.
ރޭގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ގިނަ އިސްލާހުތަކެއްގެ މަސައްކަތް ހުށަހަޅައި ކުރިޔަށް ގެންދާއިރު ޖޭއެއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ހުށަނަޅާ ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ވަކީން އެފަދަ ގޮތަކަށް ލިޔެފައި ނެތް ނަމަވެސް ޖޭއެސްސީގެ ރައީސްކަން ކުރައްވަން ޖެހޭނީ ސުޕްރީމް ކޯޓުން ކޮމިޝަނަށް އަންނަ ފަނޑިޔާރު ކަމަށެވެ. އެހެން ނަމަވެސް ފެންނަނީ އޭރަކު އޮންނަ ސަރުކާރެއްގެ ބާރުން ކޮމިޝަނަށް އަންނަ މެމްބަރަކު ރައީސްކަމުގެ މަގާމު އަދާކުރާތަންކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިއީ އެމްޑީޕީގެ ސަރުކާރު ވެސް ހިމެނޭ ގޮތަށް، ކޮންމެ ވެރިކަމެއްގައި ކަން ހިނގާ ގޮތްކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ހުށަހެޅުއްވީ ޖޭއެސްސީ މިހާރު އޮތް ގޮތަށް އޮތް ނަމަވެސް، ކޮމިޝަނުގެ ރައީސަކީ ސުޕްރީމް ކޯޓުން އިންތިހާބުވެގެން އަންނަ ފަނޑިޔާރަކަށް ހެއްދެވުމަށެވެ.
މީގެއިތުރުން މުއިއްޒު ވަނީ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އަލަށް އެޅި ކޮމްޕްލެކްސްގެ މަސައްކަތަކަށް ތައުރީފް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޝަރުއީ ދާއިރާއަށް ބަޖެޓުން ގްރާންޓެއް ދޭން ނިންމި، ނިންމުމަށް ޝުކުރު އަދާކުރާކަމަށެވެ.
ސިޔާސީ މީހެއްގެ ބަދަލުގައި، އެންމެ ރަނގަޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ޖޭއެސްސީގެ ރައީސަކަށް އައުން: ކުރީގެ ޕީޖީ މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ