ހަރަދުތައް ކުޑަކުރުމަށް މަޖުބޫރުވެ، މުވައްޒަފުން މަދުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑުން ކުންފުނީގެ އާ އޮނިގަނޑެއް ފާސްކޮށް، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކަކާއެކު އެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
އެޗްޑީސީން މި ފިޔަވަޅު މި އެޅީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އެންގި އެންގުމާއި، ހަރަދު ކުޑަކުރުމަށް އެންގި އެހެން ސާކިއުލާތަކާ ހަވާލާ ދިނުމަށް ފަހު އެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލްތަކުގެ އިންތިހާބާއި ރިފަރެންޑަމް ވޯޓާ ދިމާކޮށް ވެސް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވެ އެވެ. އޭރު އިދިކޮޅު ފަރާތްތަކުންނާއި އިގްތިސާދީ މާހިރުން ދިޔައީ، އިންތިހާބުގެ ކުރިން ހަރަދު ކުޑަކުރަން އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން ނާޅާތީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ނަމަވެސް، އެ އިންތިހާބުން ރައީސް މުހައްމަދު މުއިއްޒަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގަތުމާއެކު، ކުންފުނިތަކުގެ ހަރަދު ކުޑަކޮށް، މުވައްޒަފުން މަދުކުރަން ސަރުކާރުން މިއަދު މިވަނީ މަޖުބޫރުވެފަ އެވެ.
އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ، ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ރިޓަޔަރމަންޓް ޕޮލިސީއާއި، ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް މުހިންމު އިސްލާހުތަކެއް ކުންފުނީގެ ބޯޑުން ގެނެސްފައިވާ ކަމަށެވެ.
މެމޯގައި ބަޔާންކޮށްފައިވާ ގޮތުގައި އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ފުރުސަތު ލިބިގެންދާ ދެ ގޮތަކީ؛
މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި، ޝަރުތުތައް އަދި އެދި ހުށަހަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް މެމޯގައި ބުނެފައިވެ އެވެ.
އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މީގެ ކުރިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި އެއް ކުންފުންޏެވެ. ނަމަވެސް، 2024 ގައި އެ ކުންފުންޏަށް ވަނީ 109 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. މިއީ އެ އެޗްޑީސީގެ ތާރީހުގައި ވެސް އެ ކުންފުންޏަށް ގެއްލުންވި ފުރަތަމަ ފަހަރެވެ.
މުވައްޒަފުން މަދުކުރަން އެޗްޑީސީން ރިޑަންޑަންސީ ޕެކޭޖުތަކެއް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ