ޝަނާއުގެ ހެޓްރިކާއެކު ބިނާރާ ބަލިކޮށް، ކޮންރެޑް ކުއާޓާ ފައިނަލަށް

މިއަހަރުގެ ކިންގްސް ކަޕުގައި މުޅިން އަލަށް ވާދަކުރާ ކޮންރެޑް މޯލްޑިވްސްގެ ފޯވާޑް މުހައްމަދު ޝަނާއު ނަސީރުގެ ހެޓްރިކާއެކު ބިނާރާ 4-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ގްރޫޕް ސީގެ ފޯރިގަދަ ފަހު މެޗުތަކަށްފަހު، އެ ގްރޫޕުން ތިން ޓީމެއް ވަނީ ރޭ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޯރާ ކޯރާ ހަތް ޕޮއިންޓާއެކު ކުރިހޯދިއިރު، އެޓީމު އެއްވަނަ ހާސިލްކުރީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހުއެވެ. ކްލަބް މޯލްޑިވްސް ކިންގްސް ކަޕުގައި ކޯރާ ކޯރާއާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މި ގްރޫޕުގެ ދެވަނަ ހޯދީ ކްލަބް ބިނާރާގެ މައްޗަށް 4-1 ގެ ބޮޑު މޮޅެއް ހޯދި ކޮންރެޑް މޯލްޑިވްސްއެވެ. މީގެއިތުރުން، ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައި ނިންމި ސްޓެލްކޯ ވެސް ވަނީ މުޅި މުބާރާތުގެ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ހޯދި ދެ ޓީމުގެ ތެރޭގައި ހިމެނިގެން ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ކޮންރެޑް މޯލްޑިވްސްއަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވުނީ އެޓީމުގެ ފޯވާޑް މުހައްމަދު ޝަނާއު ނަސީރު އެވެ. އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދައި، ޓީމުގެ މޮޅުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މެޗުގެ ފެށުން ރަނގަޅުކުރި ކޮންރެޑުން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ 9 ވަނަ މިނެޓުގައެވެ. ބިނާރާގެ ގޯލް ކުރިމައްޗަށް ހުސްކޮށް ލިބުނު ބޯޅައެއް ޝަނާއު ވަނީ ވަރަށް ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ކްލަބް މޯލްޑިވްސް ކިންގްސް ކަޕުގައި ކޮންރެޑާއި ބިނާރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ ނަމަވެސް ބިނާރާއިން ވަނީ އިބްރާހިމް އަރުޝާން ނާޝިދު ޖަހައިދިން ހިތްގައިމު ލަނޑުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަރުޝާން ވަނީ ކޮންރެޑްގެ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށްފަހު، ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ރޭގެ އެންމެ ރީތި އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ބިނާރާއިން ނަތީޖާ އެއްވަރުކުރި ނަމަވެސް، ކޮންރެޑްގެ ދުވެލި ހުއްޓުވައެއް ނުލެވުނެވެ. އޭގެ އެންމެ މިނެޓެއް ފަހުން ހުސެއިން ޝިފާހު (ޝިފަޓީ) ވަނީ ލަނޑެއް ޖަހައި އަލުން ކޮންރެޑަށް ކުރިހޯދައިދީ، މެޗުގެ ކޮންޓްރޯލް ހޯދައިދީފައެވެ. އެއަށްފަހު ކޮންރެޑުން މެޗު ކޮންޓްރޯލްކޮށް، ބިނާރާގެ ޑިފެންސަށް ބާރުބޮޑުކުރަމުން ދިޔައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝަނާއު ވަނީ އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެތެރެއިން އޭނާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑުތަކާއެކު ކޮންރެޑުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮޑު ލީޑެއް ކަށަވަރުކުރިއިރު، ދެވަނަ ހާފުގައި އެޓީމުން ބޮޑަށް މަސައްކަތްކުރީ ލީޑު ދަމަހައްޓައިގެން ހަމަޖެހިލައިގެން ކުޅުމަށެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ކޯރާ ކޯރާ އާއި ސްޓެލްކޯ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މެޗުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ކޯރާ ކޯރާއިން ގްރޫޕުގެ އެއްވަނަ މަގާމު ދިފާއުކުރަން މަސައްކަތްކުރިއިރު، ސްޓެލްކޯއިން ނުކުތީ މުބާރާތުގައި ކުރިއަށްދާން ހެޔޮ ނަތީޖާއެއް ބޭނުންވެފައި އޮވެގެންނެވެ. މި މެޗުގައި ސްޓެލްކޯގެ ގޯލްކީޕަރު އަދުހަމް އަހުމަދު ވަނީ މޮޅު ކުޅުމެއް ދައްކައި، ކޯރާ ކޯރާއިން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތައް ދިފާއުކޮށް ޓީމަށް މުހިންމު ޕޮއިންޓެއް ހޯދައިދީފައެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު، ކޯރާ ކޯރާ ހަތް ޕޮއިންޓާއެކު އެއްވަނައިގައި، ކޮންރެޑް ހަ ޕޮއިންޓާއެކު ދެވަނައިގައި އަދި ސްޓެލްކޯ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮވެގެން ކުއާޓާގެ ޖާގަތައް ވަނީ ކަށަވަރުވެފައެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ