ޖަރމަނީ ކަޓުވާލާ، ޕެރަގުއޭ ގަދަ 16 އަށް!

ހަތަރު ފަހަރު ވަރލްޑްކަޕް ކާމިޔާބުކުރި ޖަރމަނީ ކަޓުވާލުމަށްފަހު ޕެރަގުއޭ މުބާރާތުގެ ގަދަ 16 ޓީމްގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
ޕެރަގުއޭ މުބާރާތުގެ ގަދަ ސޯޅަ ޓީމްގެ ބުރަށް ދަތުރުކުރީ ޕެނަލްޓީގައި ޖަރމަނީ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވުުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޖެހި ޕެނަލްޓީގައި ޕެރަގުއޭ ކުރިހޯދީ 4-3 ނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޕެރަގުއޭއަށް ލީޑް ނަގައިދިނީ ހޫލިއޯ އެންސީސޯ އެވެ. ކޯނަރުން ހުރަސްކުރި ބޯޅަ އޭރިޔާ ތެރެއިން ކީޕަރު ނޯޔާ އަތުން ޖައްސާ ފޮނުވާލި ނަމަވެސް ދެވަނަ ފަހަރަށް ތަނަވަސްވި ފުރުޞަތުގައި ހޫލިއޯ އެންސީސޯ ވަނީ އެބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗު ފަށައިގެން ދެވަނަ މިނިޓްގައިވެސް ރަނގަޅު ފުރުޞަތެއް ލިބުނު ޕެރަގުއޭއަށް ލިބުނެވެ., ގޯލްގެ އަރިމަތީ ދަނޑިކައިރިން ލިބުނު ފުރުޞަތު ބޭކާރުވީ ރަނގަޅަށް ބޯޅައިގައި ލައްވާނުލުމުންނެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ޑިފެންޑަރ ކިމިޗްއަށް ހެދުނު ގޯހެއްގައި ބޮކްސް ތެރެއިން އެންސީސޯއަށް ލިބުނު ފުރުޞަތުގެ ހުރަހަކަށްވީ ކީޕަރު ނޯޔާ އެވެ.
54 ވަނަ މިނިޓްގައި ޖަރމަނީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކައި ހާވަޓްޒް އެވެ. ފްލޮރިއަން ރިޓްސް އޭރިޔާ ތެރެއިން ހުރަސްކޮށްލި ބޯޅަ ހާވާޓްޒް ވަނީ ބޮލުން ގޯލުގެ ކަނަށް ފޮނުވާލާފައެވެ. މެޗުގެ އިތުރު ވަގުތުގައި އޭނާ އިތުރު ލަނޑެއް ޖަހާ ޖަރމަނީއަށް ލީޑް ހޯދައިދިނުމުން މެޗުން ޖަރމަނީ މޮޅުވީ ކަމަށް ބެލެވުނަސް، ވީއޭއާރުން އެ ލަނޑު ބަލައި ނުގަތެވެ.
އެނަތީޖާއަށް ބަދަލެއް ނައިސް 90 މިނިޓާއި، އިތުރު ވަގުތުގެ ދެ ހާފްވެސް ނިމުމުން ޖެހި ޕެނަލްޓީގައި ޖަރމަނީގެ ފެށުންވެސް ދިޔައީ ގޯސްކޮށެވެ. މެޗުގެ ތެރެއިން ގޯލް ޖެހި ހާވާޓްޒް ޖެހި ޖަރމަނީގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. އޭގެއިތުރުން ނިކޯ ވޮލްޓަމޭޑް ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ޖޮނަތަން ޖެހި ހަވަނަ ޕެނަލްޓީވެސް ކާމިޔާބެއް ނުވިއެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ކާމިޔާބުވީ ތިން ޕެނަލްޓީއެވެ.
ޕެރަގުއޭގެ ފުރަތަމަ ތިން ޕެނަލްޓީ މައުރީސިއޯ އާއި ގުސްޓާވޯ ގޮމޭޒް އަދި މަޓިއަސް ގަލާޒާ ކާމިޔާބުކުރިއެވެ. އެކަމަކު އެންޓޯނިއޯ ސަނަބުރިއާ ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ފަބިއަން ބަލްބުއެނާ ޖެހި ޕެނަލްޓީ ކާމިޔާބު ނުވެ ހަވަނަ ޕެނަލްޓީއެއް ޖަހަން ޖެހުނެވެ. ޕެރަގުއޭގެ ހަވަނަ ޕެނަލްޓީ ހޯސޭ ކަނާލް ކާމިޔާބުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ