ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާ ކުރައްވާ ދާރިސުން މިއަދު އިއްތިފާގުވާ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، އީރާނުގެ ދައުލަތަކީ ބޭރުގެ ފިއްތުންތަކުން ފަސޭހައިން ގުޑުވައިނުލެވޭނެ ފަދަ ވަރުގަދަ، ހަރުދަނާ އަދި ސާބިތު ނިޒާމެއް ކަމެވެ. ރަޝިޔާގެ ޕްރިމަކޮފް އިންސްޓިޓިއުޓްގެ އިސް ދާރިސެއް ކަމުގައިވާ ޔިވްދަކީއަ ދޮބްރެވާ ވިދާޅުވީ، މިއީ އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ޝަހީދުކޮށްލި އީރާނުގެ އިސް މުރުޝިދު އާޔަތުالله ޢަލީ ޚާމަނާއީގެ އެންމެ ބޮޑު ތަރިކަ ކަމުގައެވެ. "އަޅުގަނޑުގެ ނަޒަރުގައި، އާޔަތުالله ޢަލީ ޚާމަނާއީގެ އިސްތިރާޖީ ތަރިކައިގެ އެންމެ މުހިންމު އެއް ބަޔަކީ އެންމެ ފަރުދަކަށް ބަރޯސާނުވެ ހިފަހައްޓައިލެވޭ ފަދަ ހަރުދަނާ ނިޒާމެއް ބިނާކުރެއްވުން،" މި ކަން ސާފުކޮށްދެއްވަމުން ދޮބްރެވާ ވިދާޅުވިއެވެ.
މި ހަރުދަނާ ނިޒާމުގެ ދަށުން އީރާނުން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ދޮބްރެވާ ވިދާޅުވީ، "ވޭތުވެދިޔަ ދަހަރުތަކުގައި އީރާނުން ހަމައެކަނި އަސްކަރީ ޤާބިލުކަން ތަރައްޤީކުރީކީ ނޫން،" ކަމުގައެވެ. އަދި، "ކާރިސާގެ ޙާލަތްތަކުގައި ވެސް ދައުލަތް ހިންގޭނެ ފުޅާ އިދާރީ އޮނިގަނޑެއް އެ ޤައުމުން ޤާއިމުކޮށްފައިވާ،" ކަމުގައެވެ. ދައުލަތުގެ ބާރުތައް އެކި މުއައްސަސާތަކަށް ބެހިފައި އޮތުމުގެ ސަބަބުން، ދައުލަތާއި ސަރުކާރާއި އަސްކަރިއްޔާގެ އިސްވާރުން ޝަހީދުކޮށްލި ނަމަވެސް، ވެރިކަމާއި ދިފާޢީ ނިޒާމަށް އަންނަ ލޮޅުންތައް ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ، ބޭރުގެ އިސްތިޢުރާމީ ބާރުތަކަށް އީރާނުގެ މައްޗަށް ގަދަވެގަންނަން އޮތް އެންމެ ބޮޑު އެއް ހުރަހުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޚާމަނާއީ ގެންގުޅުއްވި "ލުކް އީސްޓް" ނުވަތަ އިރުމަތީގެ ބާރުތައް އިސްކުރުމުގެ ސިޔާސަތުގެ ސަބަބުން ރަޝިޔާ ފަދަ ޤައުމުތަކާ ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. "ދަހަރުތަކެއް ވަންދެން އެޅި [ދަތިކުރުމުގެ] ފިޔަވަޅުތަކާއެކު، އިޤުތިޞާދީ، ލޮޖިސްޓިކްސް އަދި ސިނާއީ ދާއިރާތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޒާމުތައް އީރާނުން ތަރައްޤީކޮށްފި. މި ފިޔަވަޅުތަކުން ގެއްލުންތަކެއް ލިބުނަސް، މީގެ ސަބަބުން ބޭރުގެ ފިއްތުންތަކާ ދެކޮޅަށް ދައުލަތުގެ ސާބިތުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" އެމެރިކާއާއި ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އަރައިގަތުމަށް އީރާނުގެ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ތަފުސީލު ކޮށްދެއްވަމުން ދޮބްރެވާ ވިދާޅުވިއެވެ.
ފެބުރުވަރީ 28 ގައި ފެށި ހަނގުރާމައިގައި އެމެރިކާއާއި ޔަހޫދީންގެ މަޤްޞަދުތައް ނާކާމިޔާބުވުމުގެ އަނެއް ސިއްރަކީ އީރާނުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ޤައުމީ އެއްބައިވަންތަކަމެވެ. "ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ބޭރުގެ އަސްކަރީ ފިއްތުންތަކަކީ ޤައުމީ ސިޔާދަތަށް އަރައިގަތުން،" ކަމުގައި ގިނަ ރައްޔިތުން ދެކޭ ކަމުގައި ދޮބްރެވާ ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނަށް ބޭނުންވާ ކާބޯތަކެތީގެ %90 އަކީ އަމިއްލައަށް އުފައްދާ ތަކެއްޗެވެ. އެމެރިކާއިން އީރާނުގެ ފައިސާގެ އަގު ވައްޓައިލަން މަސައްކަތްކުރި ނަމަވެސް، އީރާނަކީ ބޭރުގެ މާލީ އިދާރާތަކުގެ ދަރަންޏެއް ނެތް ޤައުމަކަށްވުމުން އެ ރޭވުން ވެސް ވަނީ ނާކާމިޔާބުވެފައެވެ.
އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި އެމެރިކާގެ މައިގަނޑު އަމާޒަކަށްވީ އީރާނުގެ ވެރިކަން ބަދަލުކުރުމާއި، އެމެރިކާގެ ބާރުވެރިކަން ދައްކައިލުމެވެ. ނަމަވެސް، ހަ ހަފުތާގެ ހަނގުރާމައަށްފަހު އެޕްރީލު މަހު އިޢުލާނުކުރި ވަގުތީ ޞުލްޙަ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އީރާނުން ވަނީ ޞުލްޙަވުމަށް 10 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ލުބްނާނަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާއި، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ހިމެނެއެވެ. ނަމަވެސް، ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށް އިންކާރުކޮށް މެދުކެނޑުމެއްނެތި ލުބްނާނަށް ބޮންއަޅަމުންނެވެ.
މި ހަނގުރާމައިގައި އެމެރިކާއިން ދުވާލަކު 1 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރި ނަމަވެސް، ގަލްފުގައި އޮތް އެ މީހުންގެ ބައިވެރިންނަށް އެކަށީގެންވާ ސަލާމަތްތެރިކަމެއް ނުދެވުނެވެ. އަނެއްކޮޅުން ޔަހޫދީންގެ އަމާޒަކީ ލުބްނާނުގެ އަލް-ލަޔިޠާނީ ކޯރާ ހަމައަށް އޮތް ބިންތައް ފޭރިގަނެ، ޔަހޫދީ ދައުލަތުގެ ބިން ބޮޑުކުރުމެވެ. ނަމަވެސް، 2000 ވަނަ އަހަރު ޔަހޫދީން އެ ޤައުމުން ބޭރުކޮށްލި ޙިޒްބުالله މުޖާހިދުންގެ ޖަމާޢަތުން ދަނީ ވަރުގަދަ ރައްދު ޙަމަލާތަކެއް ދެމުންނެވެ. މީގެ ސަބަބުން އެމެރިކާއާއި ޔަހޫދީންގެ އަސްކަރީ މަޤުޞަދުތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.
އީރާނުގެ އަސްކަރީ ސާބިތުކަމުގެ މައިގަނޑު އަސާސަކީ 31 ޕްރޮވިންސެއްގައި އިސްތިރާޖީ ގޮތުން ފަތުރައިލާފައިވާ އެ ޤައުމުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރެވެ. މީގެ އިތުރުން، އީރާނުން ވަނީ ލުބްނާނުގެ ޙިޒްބުالله، ޔަމަނުގެ ޙޫޘީން، އަދި ފަލަސްޠީނުގެ ޙަމާސް ފަދަ ޖަމާޢަތްތަކާއެކު ބޮޑު ސަރަޙައްދީ އިއްތިޙާދެއް އުފައްދާފައެވެ. މި ކަމުގެ ސަބަބުން އީރާނަށް އިސްތިރާޖީ ގޮތުން ބޮޑު ނުފޫޒެއް ލިބިފައިވާއިރު، ދުނިޔޭގެ ތެލުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލު ތެހްރާނަށް އޮތުމަކީ ބޭރުގެ އިސްތިޢުމާރީ ބާރުތަކަށް އޮތް ވަރަށް ބޮޑު ބިރެކެވެ. ހަނގުރާމައިގެ ތެރެއިން ތެލުގެ އަގު 120 ޑޮލަރަށް އުފުލިގެން ދިޔުމަކީ މި ބާރުގެ ހެއްކެކެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން ދެކޭގޮތުގައި، މި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަކީ މުޅި ދުނިޔޭގެ މަޞްލަޙަތާ ގުޅިފައިވާ ކަމެކެވެ. އެމެރިކާއިން އެ މީހުންގެ ބާރުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާއިރު، ޔަހޫދީން އުޅެނީ ޔަހޫދީ ދައުލަތް ފުޅާކުރުމުގެ ހުވަފެން ޙާޞިލުކުރުމަށެވެ. ނަމަވެސް، އީރާނުން ދިފާޢުކުރަމުން ދަނީ އެ ޤައުމުގެ ސިޔާދަތާއި، އިސްތިޤުލާލާއި މިނިވަން ކަމެވެ. އަދި، އީރާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ބައިތަކަށް ބެހިފައިވާ ބައިނަލްއަޤުވާމީ ސިޔާސީ ނިޒާމެވެ. އެހެންކަމުން، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާއި ޢުދުވާންތައް ހުއްޓުވައި، އީރާނުގެ ޝަރުޠުތަކަށް އެއްބަސްވެގެން މެނުވީ މި ނާޒުކު މަސްރަޙަށް ދާއިމީ ޞުލްޙައެއް ނުލިބޭނެ ކަމުގައި ބައިނަލްއަޤުވާމީ މަސްރަޙު ދިރާސާކުރައްވާ ދާރިސުން ޤަބޫލުކުރައްވައެވެ.
ސާބިތުކަންމަތީ ދެމިއޮތް އީރާނަކީ ޚާމަނާއީ ދޫކުރެއްވި އެންމެ މުހިންމު ތަރިކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ