މީޑިއާ ވިލެޖް އަންނަ މަހަށް ނިމޭނެ: ތަރުޖަމާނު

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގާއިމު ކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށް އޮތް ޖޫން މަހު ނިމޭނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
މުންދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް މިނިސްޓްރީ ބަދަލުވި ނަމަވެސް މަސައްކަތަށް ބުރުލެއް ނާރާ ކަމަށެވެ.
"އެންމެ ލަސްވެގެން ވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް މައުލޫމާތު ދީފައި އޮތީ." ތަރުޖަމާނު ވިދާޅުވި އެވެ.
މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯ އިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތުގަ އެވެ. އެތަން ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް، ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.
"މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާ އިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ހާއްސަ ކުރަނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު 4 ވައުދެއް ފުއްދައި ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖަކާއި، ތަރިކަ ކޮލެޖު އެ އިމާރާތުގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ.
މީޑިއާ ވިލެޖަކީ މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މިދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ ގޮތަށް އިމާރާތް ކުރާ ތަނެކެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ