2008 ވަނަ އަހަރަށް ބަލާއިރު އޭރު އުފެދިގެން އައި ކޯލިޝަނަކީ ވަތަން އެދޭގޮތަށް ކޯލިޝަން އެެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް އެންމެ އިސްދައުރެެއް އަދާކުރި ޕާޓީއަކީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއެވެ. އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ގެނައުމަށް ދެ ވަނަ ބުރާއި ހަމައިން ގާސިމް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެއާއި އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ގާސިމް ހިމެނިވަޑަައިގަންނަވާނެއެވެ.
ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ވާހަކައަކީ ގާސިމް ތަކުރާރުކޮށް ވިދާޅުވާ ވާހަކައެކެވެ. އުފެދޭ ސުވާލަކީ، ބާރުވެފައި ހުރެވެސް، ގާސިމްއަށް ކޮންމެ ސަރުކާރެއްގައި ވެސް މަދުވެގެންދަނީ ކޯޗެއްތޯއެވެ. ހަނދާނަށް ގެންނަވާށެވެ. ވެރިކަމަށް ވަޑައިގަތުމަށްޓަކާ ދެކެމުން އައި ހުވަފެން އެންމެ ފުރަތަމަވެސް ހަގީގަތަކަށް ނުވެ، ދެވަނަ ބުރުގައި ނަޝީދު ފަހަތަށް އެރުއްވުމުން ގާސިމްއަށް ދިނީ ސަރުކާރުގެ ބާރުގަދަ ހޯމް މިނިސްޓަރުކަމެވެ.
ކިހިލީގައި އެތައް ބާރުތަކެއް ޖަހައިގެން ހިންގަވަމުން ގެންދިއުމަށްފަހު، އެއްވެސް ކަމަކާއި ނުލާ ”ކަނޑުލީ“ ކަމަށް ވިދާޅުވެ ވެރިކަމަށް ހަމަސް ދުވަސްވެސް ނުވަނީސް ކޯލިޝަން ރޫޅާލެއްވިއެވެ.
”އަޅުގަނޑު މިވާހަކަ މި ދެންނެވީ. މިހާރު މިހުރީ، ކަނޑުވީމާ މުސްކުޅިން ބުނެ އުޅޭ ދެން ބިރެއް ނުގަންނާނެއޭ. މިހާރު އަޅުގަނޑު ކަނޑުލީއޭ އިނގޭތޯ. އެއްވެސް ކަމަކާ ނުލާ. ބައްލަވާ މީނާއަށް (ރައީސް ނަޝީދު) ވެރިކަން ހޯދައިދިނީމާ ހުރި ހަޔާތްކުޑަ ކަމުގެ މިންވަރަކީ ހުރިހާ ކަމެއް ނިމުނީމާ އަޅުގަނޑު ގެންގޮހޭ ގޮސް ގަޅާލީ. ކޮން ކަމަކާތޯ، އޭނާ (ރައީސް ނަޝީދު) ހީކުރީ.“ ރައީސް ނަޝީދުގެ ވެރިކަމުގެ ކޯލިޝަނުން ވަކިވެވަޑައިގެން އޭރުގެ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެން ގާސިމް ވިދާޅުވިއެވެ.
2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލު ކުރުމަށް ގާސިމް އިބްރާހިމް ފޫގަޅާލުމުގެ ކުރިން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމު އެރުވުނެވެ. އެއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމާއި، ވޯލްޑް ބޭންކަށާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަން ވެސް ލިބިވަޑައިގަތެވެ. ސިޔާސީ ގޮތުން ކެއްސެއް ނުލިބޭނެ ކަމަށް އުންމީދުތަކެއްކޮށް ނަޝީދަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެވުނީތީ ސަހަރޯވެރިވެ ގާސިމް މާފަަށް ވެސް އެދުނެވެ. އެއީ އަބަދުވެސް އެއް ހާލެއްގަ ޖެހޭކަމަށް ބުނެއެވެ.
ސުވާލަކީ އެއް ހާލެއްގައި ޖެހެން ނަޝީދުގެ އަރިހަށްވެސް ވަޑައިގަންނަވަނީ ކީއްވެގެންތޯ އެވެ. މުއުމިނެއްގެ ގަޔަށް، އެއް ހަރަކުން ދެ ފަހަރަކު ކައްޓެއް ނުޖެހޭނެ ކަަމަށް ވިދާޅުވެ ނަޝީދަށް ފުރަގަސްދެއްވުމަށްފަހު ނަޝީދާއި އެކު މަސައްކަތް ކުރައްވަން ފެއްޓެވިތާ އަހަރު ދުވަސްވެސް ނުވަނީސް މިއަދު އަނެއްކާވެސް ހާލަތު ބަދަލުވީއެވެ. އެމްޑީޕީއިން މަހުޖަނުންގެ ވާހަކަ ދައްކަނީ އަލަކަށް، ނޫން އެދުވަހު އޭގެ ރައްދުގައި ގާސިމް ވިދާޅުވީ ތިމާމެންގެ ކަންނެއްކަމުން މުއްސަނދިނުވުމަކީ އެމީހެއްގެ މައްސަލައެއް ކަމަށެވެ.
”ބަލަ، ތިމާމެން މުއްސަނދިންނަށް ނުވީކީ، އަހަރެމެން ކުރިކަމަކުން ނޫނޭ. ބަލަ ކަންނެއް ކަމުންނޭ“ ގާސިމް
ސުވާލަކީ މިއަދު މައްސަަލައަކީ ކޮބައިތޯ އެވެ. 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް 2015 ވަނަ އަހަރުގެ ޖޫން 25 ގައި ގެނައި އިސްލާހާ އެކު ގާސިމަށް ބަންދުވީ ފުރުސަތު މިހާރު އޮތީ ހުޅުވާލަދީފައެވެ. 2018 ވަނަ އަހަރުގެ ތެރޭގައި ރިޔާސީ އިންތހާބަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވުމަށްފަހު އޭގެ ދުވަސްތަކެއް ފަހުން އުފެދުނު ޔުނައިޓެޑް އޮޕޮޒިޝަންއާއި ގާސިމް ގުޅިވަޑައިގަތީ ގައުމު އިސްކުރެއްވުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް، އޭރު ގާސިމް އިންނެވީ ވެރިކަމަށް ކުރިމަތިލެއްވުމުން ކަސްތޮޅު އެޅުވިފައެވެ.
މިއީ އޭރު ވެރިކަން ކުރަމުން އައި ޕާޓީ ޕީޕީއެމުން ގާސިމްއަށް ސިޔާސީ ގޮތުން ކުރިމަތި ކުރުވި ފިއްތުންތަކެކެވެ. މިވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެތައް ފިއްތުންތަކަކާއި އެތައް ވޭނެއް ގާސިމް ތަހައްމަލް ކުރިއެވެ. ވިޔަފާރިއާއި އާއިލާއާއި، އަމިއްލަ ދަރިފުޅުވެސް ހިފާ ހައްޔަރު ވެސް ކުރިއެެވެ.
އެހެން ނަމަވެސް، މިއަދު އެ ހަނދާތައް އެ ފަރާތްކޮށް، ސިޔާސީ މައިދާނުގައި އަބަދަކު ދުޝްމަނުންނެއް ނުތިބޭނެކަމަށް ބުނުމަށް އެވާހަކަތައް ހަޖަމް ކުރުމަށް އަޅުގަނޑަށް ވަރަށް ވެސް ދައްޗެވެ. ޕީޕީއެމްގެ އެންމެ އިސްސަފުގައި ތިބެގެން، ގާސިމްއަށް އަމާޒުކޮށް ނިހާނުއާއި، އާރިފް އަދި ފަލާހުމެން ފަދަ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ އާކައިވްތައް މިހާރުވެސް މީޑިއާތަކުން ފެންނާން ހުންނާނެއެވެ. ރިޔާސީ އިންތިހާބުގެ ބައްޔަށްފަހު ބަލިކަށިވަމުން ދިޔަ، ޕީޕީއެމްއިން މަދުމަދުން މީހުން މަދުވެ ދިޔައީ ޖޭޕީއަށް ދަމުންނެވެ. ހަނދާން ކުރައްވާށެވެ. ގާސިމް އެ ފާރާތްތަކަށް މަޖިލީސް އިންތިހާބުގެ ޓިކެޓުވެސް ދިނެވެ. ޕްރައިމެރީއަކާއި ވެސް ނުލައެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ކުރިން، ޕީޕީއެމްގެ ބޮޑު ވަފުދެއް ޖޭޕީއާއި ގުޅުނެވެ. އެންމެ ފުރަތަމަ ވެސް ނިހާނު ވިދާޅުވީ ”ގާސިމް 2023“ ކަމަށެވެ. ”މިރޭ ކުނޫޒުން ނިކުންނަން ވާނީ، ގާސިމް 2023 ލަވަ“ ގެ ހުރިހާ މަސައްކަތްތަކެއް ވެސް ނިންމުމަށްފަހުގައި ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ގާސިމް ކަމަށެވެ. ނިހާނުގެ ފަހަތުން އަރާ، ފަލާހު އާއި އާރިފް އަދި ކުރީގެ ނައިބް ރައީސް ޖިހާދުވެސް ވިދާޅުވީ އެހެންނެވެ. ކިހާ މޮޅު ހެއްޔެވެ؟ ކަރުގެ ހަންދާވަރަށް ރައީސް ޔާމީނޭ، ރައީސް ޔާމީނޭ ކިޔާ އުޅުނު ބޭފުޅުން ގާސިމްއޭ ބުނެ ވާހަކަ ދައްކަން ފެށީމަ ދެން ބޮލަށް ވެސް އުނދަގުލެވެ.
މިހުރިހާ ވާހަކައެއް ދެއްކިއިރު، ގާސިމް ހުރީ ހެވިފައި އަތް ޖަހަންށެވެ. މިއަދު ޖޭޕީގެ ހަގީގީ ލީޑާޝިޕެއް ނެތެވެ. ސަރުކާރަށް ޖޭޕީގެ ސްލޮޓުގައި ދިޔަ މީހުން ކޮބައި ހެއްޔެވެ؟ އެ ތިއްބެވީ ވަރުގަދަ ޝަހުސިއްޔަތުތަކެކެވެ. ދިވެހި ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް އަކީ ޖޭޕީއަށް ނިސްބަތް ވާ ބޭފުޅެކެވެ. ރަތް ފިޔަ އާއި، ފިޔާތޮށި ފިޔަ އިފްތިތާހު ކުރަމުންދާއިރު ޖޭޕީގެ ސްލޮޓުގައި ސަރުކާރުގެ މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުން ކޮބައި ހެއްޔެވެ؟
ރައީސް ނަޝީދާއި ދެމެދު، ބަހުގެ ހަމަލާތަކަށް މެދުކެނޑުމެއް އައުމަށްފަހު ގާސިމް ވަނީ އަނެއްކާވެސް އެ ވާހަކަަތައް ދައްކަވަން ފައްޓަވާފައެވެ. ރައީސް ނަޝީދު މަޖިލީސް ހިންގަވާ ގޮތާއި ޕޯޑިއަމްތަކުގައި ދައްކަވާ އެތައް ވާހަކައަކަށް ގާސިމް ފާޑުވިދާޅުވެއެވެ. އެކި ޕޯޑިއަމްތަކުގައި، އެކި މުނާސަބާތަކުގައި އެމްޑީޕީގެ ސިޔާސާތުތަކަށް ނުސީދާކަން ބޮޑުގޮތެއެްގައި ފާޑުކިޔަމުން ގެންދަވާ ގާސިމްގެ ފާޑުކިޔުން ރައީސް ނަޝީދު ނޫން އެހެން ބަޔަކަށް އަމާޒު ނުވެއެވެ.
ގާސިމް އެއްވެސް މިންވަރަކަށް މިހާތަނަށް ރައީސް ސޯލިހްއަށް ފާޑުކިޔާފަައެއް ނުވެއެވެ. އެމްޑީޕީގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް ގާސިމް އާއި ދޭތެރޭ ގެންގުޅޭ ސަބަބަކީ، ކުރިން ފާހަގަކުރި ގޮތަށް، ސަލާމަތްވުމަށް ދާ އެކި މީހުންނަށް ”ރައްކާތެރިކަން“ ދޭތީއެވެ. މިހުރިހާ ކަންތަކަށްފަހު، ދެން އޮތް ސުވާލަކީ ގާސިމް ސަރުކާރުގެ ކޯލިޝަނުން ވަކި ވެދާނެތޯއެވެ. ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެދާނެތޯއެވެ. މާޒީއަށް ބަލާއިރު މިއީ ނުވާނެ ކަމެއްގެ ގޮތުގައި ބެލެވެން ނެތެވެ. އެހެން ނަމަވެސް ގާސިމް ފާޅުގައި މީގެ ކުރިންވެސް ކޯލިޝަނުން ”ނަގާ އެއްލާނުލަނީސް“ ވަކި ނުވާނެ ކަމަށް ބުނެފައިވެއެވެ. އެހެން ކަމަށް ވާނަމަ، ގާސިމް ހަމަ ރައީސް ނަޝީދާއި، އެމްޑީޕީގެ ބައެއް ފަރާތްތަކަށް ހަމަ ފާޑުވިދާޅުވެ، ވިދާޅުވެ ހުންނާނީތޯއެވެ. ނުވަތަ، އެމްޑީޕީން ގާސިމްއަށް އެ ފުރުސަތު ދޭނެތޯއެވެ.
ގާސިމް ކިންގަކަށް ވެވޭނީ ކިހިނެއް!؟ އަބަދު ”ސައިވެފަ“!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ