މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ގާޒީ ޙަސަން ނަޖީބު 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ނަޖީބަށް މަޤާމުގެ މުސާރައާއި، އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މި ގޮތަށް ނިންމާފައިވަނީ، އެ ކޮމިޝަނުން މި އަހަރު ބޭއްވި 30 ވަނަ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ނިންމެވި ކަންތައްތައް ބަޔާންކޮށް، ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާއި ގާޒީ ޙަސަން ނަޖީބު ޚިލާފުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނީ، މިކަން ސާބިތުވާކަމަށް، ބައްދަލުވުމުގައި ނިންމިކަމަށާއި، ސުލޫކީ ފިޔަވަޅެއްގެ ގޮތުން، މުސާރައާއި އިނާޔާތްތައް ލިބިވަޑއިނުގަންނަވާ ގޮތަށް ސަސްޕެންޑްކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ، ނަޖީބާއިމެދު މި ފިޔަވަޅުތައް އަޅަން ނިންމީ، އޭނާ އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައި ދޮގު މަޢުލޫމާތު ދެއްވާފައިވާކަމަށް ސާބިތުވުމުންކަމަށެވެ.
ޖޭއެސްސީން ބުނީ، ގާޒީ ނަޖީބުު ފަނޑިޔާރެއްގެގޮތުގައި ހުންނަވާ ދަޢުލަތުގެ އިދާރާއަކަށް ދޮގު މަޢުލޫމާތު ދެއްވާފައިވާ މައްސަލަ ތަޙުޤީޤުކުރަން، ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ގާޒީ ޙަސަން ނަޖީބް ސަސްޕެންޑްކުރަން ނިންމާފައިވާއިރު، ޖޭއެސްސީންވަނީ މީގެކުރިން ވެސް، ބައެއް ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަތައް ސާބިތުވާކަމަށް ނިންމާފައެވެ. އަދި ފަނޑިޔާރުންގެ މައްޗަށް، މިފަދަ މައްސަލަތައް ސާބިތުވާކަމަށް ނިންމުމަށްފަހު، އެ ފަދަ ބޭފުޅުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް އެ ކޮމިޝަނުންވަނީ ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ