ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އެންއައިސީން ބަލަނީ

20 މާރިޗު 2023 ވަނަ ދުވަހުގެ ރޭ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑް އާއްމުންގެ ބަޔަކު ހުރަސް އަޅައި ހުއްޓުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.
އެންއައިސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރައީސް ޞާލިހު ގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާއަށް ސެކިއުރިޓީ ދިނުުމުގައި ފުލުހުންގެ ދައުރެއް އޮވޭތޯއާއި މޮޓޯކޭޑް ހުއްޓުވި ހާދިސާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ބަލަން ނިންމީ ކޮމިޝަނުން އިސްނަގައިގެން، އަމިއްލައަށް ކަމަށް ވެސް އެ ޓްވީޓްގައި ބުންޏެވެ.
Advertisement
ހުޅުމާލޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، ރައީސް ޞާލިހު މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި ސަޕޯޓުންތަކެއް ވަނީ ރައީސް ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފަ އެވެ.
މުޒާހަރާގެ ބައިވެރިން ހުރަސްއެޅުމުން، ރައީސްގެ ކާރުކޮޅު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވި އެވެ. ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށްފަހު ވަޑައިގަތީ އެހެން މަގަކުންނެވެ.
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަަޅަން ފުރުސަތު ލިބުނު މައްސަލައިގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ 241 ކޮމެޓީއަށް ހާޒިރުކުރަންވަނީ ނިންމާފައެވެ.
އޭގެ އިތުރުން ދިފާއީ ބާރުން ވަނީ އެ މައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ. އެ ކޮމިޓީން ވަނީ އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރެސިޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަޤާމުގައި ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށް ދިފާއީ ބާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ