8 އަހަރަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް މިއަހަރު

ސްކޫލް ކުދިންގެ ލަވަ މުބާރާތް 8 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވަން ނިންމައިފިއެވެ.
މިއަހަރު ސްކޫލް ކުދިންގެ ލަވަ މުބާރާތް ބާއްވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްއާއި ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސް އަދި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ.
"އިންޓަރ ސްކޫލް ލަވަ މުބާރާތަކީ" ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރުއެވެ.
8 އަހަރަށްފަހު ލަވަ މުބާރާތް އަލަށް ފެށުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔޫތު މިނިސްޓްރީއާއި ޕީއެސްއެމްގެ އިތުރުން އެންސީއޭއާއެކު ސޮއިކޮށްފައެވެ.
މިއެއްބަސްވުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޢައިޝަތު ޢަލީއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އާޓްސް އެންޑް ކަލްޗަރ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭގެ ފަރާތުން މިނިސްޓަރ ޔުމްނާ މައުމޫން އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ލަވަ މުބާރާތަކީ ހަމައެކަނި ލަވަ ކިޔަން ބޭނުންވާ ކުދިންނަށް ފަހިވާ ފުރުސަތެއް ނޫންކަމަށެވެ. އޭގެއިތުރުން ޅެން ހަދާ ފަރާތްތަކާއި ރާގު ހަދާ މީހުންނަށްވެސް މިއީ ލިބޭ ފުރުސަތެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
"ސްކޫލްއަކީ ކުއްޖާގެ ހުރިހާ ހުނަރެއް ތަރައްޤީކުރާ ތަނެއް. އެކި ކަހަލަ ހުނަރުވެރި އަދި ފަންނީ ކުދިން ސްކޫލްތަކުގައި އެބައުޅޭ. އެހެންވީމަ އެކުދިންނަށް އެބަޖެހޭ ފުރުސަތުތައް ހޯދައިދޭން. އެކުދިންގެ އެހުރި ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ފަންނާނުން އުފެދިގެން އައީ މިމުބާރާތުންކަމަށެވެ. އެހެންކަމުން އުވެމުންދިޔަ މިމުބާރާތް އަލުން ގެނެވުމަކީ ފަންނުވެރިން ބިނާކުރުމަށް މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފަންނުވެރިކަމަށް ބަލާއިރު ކުދިންގެ ހުނަރާއި ފަންނުތައް ކުޑައިރު ތަރައްޤީކުރުމަކީ ވަރަށް މުހިއްމުކަމެއް. މިއުޒިކް ވިޔަސް ލަވަ ހުށެޅުންކަމުގައިވީނަމަވެސް އެކުދިން ކުޑައިރު އެކަން ދެނެގަނެ އެހުނަރެއް ތަރައްޤީކުރުމަކީ މުހިއްމުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތަށްފަހު ޕީއެސްއެމްއާއި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ މިއީ ޒުވާނުންގެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި މުބާރާތެއްކަމަށެވެ. އަދި މިމުބާރާތް ބާއްވައި ދިނުމަށް އެދި ގިނަ ބެލެނިވެރިންނާއި ސްކޫލް ކުދިން އެދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ލަވަ ކިޔަން ބޭނުންވާ ލަވަކިޔުންތެރިން، އެއްވެސް ފުރުސަތެއްނެތިފައި. އެހެންވީމަ އަލުން މި މުބާރާތް ފެށިގެންދާއިރު ޔޫތް މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން މިމަސައްކަތުގައި ދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ." މިނިސްޓަރ ވިދާޅުވިއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ މިފަދަ ކޮންމެ ކަމެއް ކުރިއެރުވުމަށް ޕީއެސްއެމްގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށެވެ. އަދި މިފަހަރުގެ މުބާރާތަކީ އެހެން އަހަރުތަކުގެ މުބާރާތަށްވުރެ ހުރިހާ ގޮތަކުންވެސް ފުރިހަމަ މުބާރާތަކަށް ވެގެންދާނެކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލަނީ ހުރިހާ ފަންނެއްގެ ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި ފުރުސަތުތައް ހުޅުވާލުން. މިފަހަރު އެކި މިނިސްޓްރީތަކާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތްކުރަނީ. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރަނީ އެހެން ފަހަރުތަކަށްވުރެ ފުރިހަމަ މުބާރާތަކަށް މިފަހަރުގެ މުބާރާތްވެގެންދާނެކަމަށް." އެމްޑީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ލަވަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލަކަށްވެސް ހުޅުވާލާފައިވާކަމަށެވެ. އަހަރަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މައިގަނޑު މަޤްސަދަކީ ސްކޫލް ކުދިންގެ މެދުގައި ލަވަކިޔުމާއި މިއުޒިކްގެ ފަންނުވެރިކަން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ މިދާއިރާއިން ފަންނުވެރިން ބިނާކޮށް މުސްތަޤުބަލުގައި ދިވެހި ލަވަކިޔުންތެރިންނާއި މިއުޒިޝަނުން އުފައްދާ މިދާއިރާ އިތުރަށް ކުރިއެރުވުމަށްކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.
މިއަހަރު ބާއްވާ އިންޓަރ ސްކޫލް ލަވަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 16 އިން 24 ގެ ނިޔަލަށެވެ.
އެޑިއުކޭޝަނުން ވިދާޅުވީ މިމުބާރާތުގައި ވަކިވަކި ކުދިންގެ ބައިން ވާދަކުރާނީ ދެބަޔަކަށް ބަހާލައިގެން ޖުމްލަ 6 އުމުރު ފުރާއަކުންނެވެ. އެއީ ޖޫނިއާ ގްރޫޕާއި ސީނިއާ ގްރޫޕެވެ. ޖޫނިއާ ގްރޫޕްގައި ވާދަކުރާނީ 6 އަހަރުން ދަށާއި 9 އަހަރުން ދަށާއި 11 އަހަރުން ދަށުގެ ދަރިވަރުންނެވެ. ސީނިއާ ގްރޫޕްގައި ވާދަކުރާނީ 15 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ ކުދިންނާއި 19 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންނެވެ.
މިފަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ މުބާރާތަކަށް ހެދުމަށް އެޑިއުކޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން މުބާރާތުގައި ކުރާ ހޭދަ އިތުރުކުރުމުގެ ބަދަލުގައި އެޑިއުކޭޝަންގެ ވިސްނުން ހުރީ ކުދިންގެ ކިބައިގައި ހުނަރުވެރިކަން ގެނެސްދިނުމަށްކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ