ޔޫރޭނިޔަމް އެކުލެވޭ ހަތިޔާރު ޔޫކްރެއިންއަށް ދޭންނިންމުމުން ރަޝިއާގެ އިންޒާރު އިނގިރޭސިވިލާތަށް!

މޮސްކޯ (22 މާޗް 2023): އިނގިރޭސިވިލާތުން ޔޫކްރެއިނަށް ޑިޕްލީޓެޑް ޔޫރޭނިޔަމް އެކުލެވޭ އުންޑަ ދޭތީ ރަޝިއާއިން އިންޒާރުކޮށްފައިވާއިރު އެފަދަ ނުރައްކާތެރި ހަތިޔާރު ޔޫކްރޭނަށް ނުދޭނެކަމަށް އެމެރިކާ ބުނެފިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާން ޕެޓްރިކް ރައިޑާ ވިދާޅުވީ ނިއުކްލިޔާ (ރޭޑިއޯ އެކްޓިވް) އެއްވެސް މާއްދާއެއް އެކުލެވޭ ހަތިޔާރެއް ޔޫކްރެއިނަށް ދޭން އެމެރިކާ ގަސްދު ނުކުރާ ކަމުގައެވެ. ޑިޕްލީޓެޑް ޔޫރޭނިޔަމް އެކުލެވޭ އުންޑައަކީ ވަރަށް ބާރުގަދަ އަދި އޭގެ ގެއްލުންތައް ވަރަށްބޮޑު އެއްޗެކެވެ. ބައިނަލްއަގްވާމީ މުޖްތަމައާއި އދ. އާއި އަދި ބައިނަލްއަގްވާމީ މުޅި ނިޒާމަށް ގޮންޖެހުމަށްފަހު އެމެރިކާއިން އިރާގަށް އަރައިގަނެ ކުރި ހަނގުރާމައިގައި އެމެރިކާ ސިފައިންވަނީ ޑިޕްލީޓެޑް ޔޫރޭނިޔަމް ހިމެނޭ އުންޑަތައް ގިނަ އަދަދަކަށް އިރާގުގައި ބޭނުންކޮށްފައެވެ. ޑިޕްލީޓެޑް ޔޫރޭނިޔަމް އެކުލެވޭ އުންޑަތަކަކީ ބޮޑުބަޑީގެ އުންޑައިގެ ގޮތުގައިވެސް ބޭނުންކުރެވޭ އުންޑަތަކެކެވެ. މިތަކެއްޗަކީ ތަންތަން ހަލާކުކޮށްލައި ފަނާކޮށްލުމުގައާ އަދި ގިނަ ބަޔަކު ފަސޭހައިން މަރާލުމަށާއި ނަސްލު ނައްތާލުމަށް ބޭނުންކުރާ ލީތަލް ހަތިޔާރެކެވެ. އެމެރިކާ އިރާގުގައި ޑިޕްލީޓެޑް ޔޫރޭނިޔަމް އެކުލެވޭ އުންޑަ ބޭނުންކުރުމުގެ ސަބަބުން އިރާގުގެ އާންމުންގެ މެދުގައި ކެންސަރު ގިނަވެ އިރާގުގައި އުފަންވާ ކުދިންގެ ގުނަވަންތައް ހަލާކުވެ އައިބުތައް ހުންނަކުދިން އުފަންވާމިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައިވެއެވެ. އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރުގެ ނައިބު އެނަބެލް ގޯލްޑީ ވަނީ ޑިޕްލީޓެޑް ޔޫރޭނިޔަމް އެކުލެވޭ އުންޑަ ޔޫކްރެއިނަށް ދޭން އިނގިރޭސި ސަރުކާރުން ނިންމިކަން އިއްޔެ އިއުލާނު ކުރައްވާފައެވެ. އިނގިރޭސިވިލާތުގެ މިނިންމުމާ ގުޅިގެން ރަޝިއާވަނީ އިނގިރޭސި ސަރުކާރަށް ހަރުކަށި އިންޒާރެއްދީފައެވެ. އިނގިރޭސި ސަރުކާރަށް އިންޒާރު ދެއްވަމުން ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ ޑިޕްލީޓެޑް ޔޫރޭނިޔަމް އެކުލެވޭ އުންޑައާއި ހަތިޔާރު ޔޫކްރެއިނަށް ދީފިނަމަ އިނގިރޭސިވިލާތަށް ވޭނެދެނިވި ރައްދެއް ދޭނެކަމަށް ވިދާޅުވެފައެވެ. އިރާގާ ދެެކޮޅަށް އެމެރިކާ ބޭނުންކުރި ބާވަތުގެ ޑިޕްލީޓެޑް ޔޫރޭނިޔަމް ހަތިޔާރު ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވަނީ އިނގިރޭސިވިލާތުން މިފަދަ ކަމެއްކޮށްފިނަމަ އޭގެރައްދުގައި ރަޝިއާ ހިންގަފާނެ އަމަލަކަށް އިނގިރޭސިވިލާތަށް ކެތްކުރެވޭނެތޯ ސުވާލު ކުރައްވާފައެވެ. އިނގިރޭސިވިލާތަކީ ޔޫކްރެއިންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެކޮޅުހަދާ ގައުމެއްގެ އިތުރުން އެއީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީ ޔޫކްރެއިން ހަނގުރާމައަށް އެންމެ ބޮޑަށް ދަރުއަޅާ އެއްގައުމެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައާއެކު އެމެރިކާއާ ގުޅިގެން އިނގިރޭސިވިލާތުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިނގިރޭސި އިގްތިސާދަށްވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެތެރޭގައި އިނގިރޭސިވިލާތުން އުފައްދާ ތަކެއްޗަށް ރަޝިއާގެ ބާޒާރު ގެއްލި އެތަކެތި ވިއްކާނެ ބާޒާރު ނުލިބުމާއި ހަކަތައިގެ އަގުބޮޑުވުމުގެ ސަބަބުން އިނގިރޭސި އިގްތިސާދު އަޑިއަޅާލުމާ އަދި ޔޫކްރެއިނަށް އަސްކަރީގޮތުން އެހީތެރިވުމަށް އެތަށް ބިލިޔަންޑޮލަރެއް ޚަރަދުކުރަންޖެހުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން އިނގިރޭސިވިލާތުގައި ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވެ ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. މިކަން ހައްލުކުރުމަށްޓަކައި ޔޫރަޕްގެ އެހެންގައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތުންވެސް ގެންދަނީ ފަރުދާގެ ފުރަގަހުން ތިންވަނަ ގައުމެއް މެދުވެރިކޮށް އިނގިރޭސި އުފެއްދުންތައް ރަޝިއާއަށް ވިއްކަމުންނެވެ. އަދި ޔޫރަޕްގެ އެހެންގައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތުން ގެންދަނީ ތިންވަނަ ފަރާތްތައް މެދުވެރިކޮށް ފަރުދާގެ ފުރަގަހުން ރަޝިއާގެ ގޭހާއި ގަސްކާނާފަދަ ތަކެތި ގަންނަމުންނެވެ. ސިއްރުން ހިންގާ މިމުއާމަލާތްތަކުގެ ސަބަބުން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާއަކަށް ނުކުރެއެވެ. އޭގެ ނޭދެވޭ އަސަރުތައް ރަޝިއާއަށްވުރެ ބޮޑަށް ކުރަނީ ޔޫރަޕްގެ ގައުމުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ