ޕީޕީއެމް ޓިކެޓަށް އުމަރު ވާދަކުރައްވާނެކަން މައުމޫނަށް ސިޓީއަކުން ދައްނަވައިފި

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް އެދި އެ ޕާޓީ ރައީސަށް ކުރީގެ ހޯމް މިނިސްޓަރު ސިޓީއެއް ފޮނުއްވައިފި އެވެ. ރައީސް މައުމޫންއަށް އުމަރު މިރޭ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާއި އެއްގޮތަށް 2018 ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެ ޕާޓީގެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕުރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ކަމަށެވެ. އުމަރު ވަނީ ސަން އަށް އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އުމަރު އިއުލާން ކުރެއްވުމާއެކު، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލަފާދޭ ކޮމެޓީގެ މެމްބަރުކަމުން އޭނާ ވަނީ ވަކިކުރައްވާފައެވެ. އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެ ކަމަށެވެ. އުމަރު ވިދާޅުވީ ރާއްޖގެ ސީނިއާ ބޭފުޅުން އޭނާއަށް ތާއީދު ކުރައްވާނެ ކަމަށެވެ. މިދަނޑިވަޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޕުރައިމަރީއަކާ ނުލައި ރައީސް ޔާމީންއަށް ދިނުމަށް އެދި އެޕާޓީގެ ކައުންސިލް މެމްބަރުންތަކެއް ޕެޓިޝަނެއް ތައްޔާރުކުރެއްވިކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެކެވެ. އެޕެޓިޝަންގެ ސައްހަކަމާމެދު ރައީސް މައުމޫން ރޭ ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އެމަނިކުފާން ވިދާޅުވީ އެ ޕެޓިޝަންގައި ސޮއި ކުރެއްވި ކައުންސިލްގެ ބައެއް މެމްބަރުން އެކަންކުރެއްވީ "އެ ނޫން ގޮތެއް ނެތިގެން ކަމަށް" ބައެއް ކައުންސިލް މެމްބަރުން ވިދާޅުވި ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނަނީ ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެ ކެނޑިޑޭޓެއް ޕާޓީގެ ފަރާތުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާނީ ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމުގެ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. ޕީޕީއެމް އަސާސީ ގަވައިދުގައި އެކަން ތަފްސީލް ކުރަނީ 61 ވަނަ މާއްދާގެ "ނ" ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ