ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން ކުރި އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގައި އޭނާއަށް އިނގިރޭސިވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި އެ ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ސުޕްރީމް ކޯޓަށް މިއަދު މެންދުރު ފަހު 1 ޖަހާއިރަށް ހާޒިރުވާން އަލީ ވަހީދަށް އެންގީ އެ މައްސަލައިގެ އަޑުއެހުމަކަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ ކޯޓަށް ހާޒިރުވާން ކުރި އަމުރު އަލީ ވަހީދަށް ލިބިފައިވީ ނަމަވެސް އެ އަމުރާ އެއްގޮތަށް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ. ކޯޓުން ޗިޓު ފޮނުވީ އީމެއިލް މެދުވެރިކޮށެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ފޮނުވަން މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން މަސައްކަތްކުރި ކަމަށާއި ނަމަވެސް އޭރު އޭނާ ދިރިއުޅުއްވާ ތަނެއް ނޭނގޭތީ އަމުރު ރައްދުކުރެވިފައިނުވާކަން ސުޕްރީމް ކޯޓުން ފާހަގަ ކުރި އެވެ.
އެނގުން މުހިއްމު - އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ އޭނާގެ މައްޗަށް ދައުވާތަކެއް އުފުލާފައި ވަނިކޮށް، ވަޑައިގަންނަވާ ތަނެއް އަދި ގުޅޭނެ ގޮތެއް ވެސް އެއްވެސް ފަރާތަކާ ހިއްސާނުކޮށެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓާއި ހައި ކޯޓު އަދި ސުޕްރީމް ކޯޓުގައި ވެސް އަލީ ވަހީދުގެ މައްސަލަތައް ހުރީ މަޑުޖެހިފަ އެވެ.
އަލީ ވަހީދުގެ ބަދަލުގައި ކޯޓަށް ޖާމިނުވާނެ ކަމަށް އެއްބަސްވި އޭނާގެ އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ވެސް ވިދާޅުވެފައިވަނީ އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ އަލީ ވަހީދު ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވި އަމުރު އޭނާއަށް ލިބިފައިވާ ކަމަށާއި އަމުރަށް ކިޔަމަންނުވާ ހާލަތުގައި ފިޔަވަޅެއް ނާޅައި ދޫކޮށްލައިފި ނަމަ ރާއްޖޭގެ ކޯޓުތަކުގެ ބާރުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.
އެހެންކަމުން އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާލީ ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެވަޑައިގެންފަ އެވެ. އަދި އަދަބެއްގެ ގޮތުން އޭނާ 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ކޯޓުން ހުކުމްކުރީ އެވެ. އެ ހުކުމް ތަންފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ފެށުނު ގޮތް - ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރީ ޖުލައި 2020ގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް މިދިޔަ ނޮވެމްބަރުގައި ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށި ފަހުން، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީ ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައިފަ އެވެ. ކޯޓުން ދިން ހަތަރު މަހުގެ މުއްދަތު ހަމަވެ އެތައް ދުވަހެއް ވީ އިރުވެސް އަލީ ވަހީދު އަނބުރާ ރާއްޖެ ވަޑައެއްނުގެންނެވި އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
ޖިންސީ އަނިޔާކުރުމުގެ ދައުވާ
ޖިންސީ ގޯނާކުރުމުގެ ދައުވާ
ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ
ރޭޕް ކުރަން އުޅުމުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދު ވަނީ ހުރިހާ ދައުވާތަކަށް ވެސް އިންކާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެ ތުހުމަތުތަކުގެ ފަހަތުގައި ވަނީ ސިޔާސީ ބަޔަކު ކަމަށާއި އޭނާ "ފްރޭމް" ކޮށްފައިވާ ކަމަށެވެ.
ކޯޓަށް ހާޒިރު ނުވުމުން ސުޕްރީމް ކޯޓުން އަލީ ވަހީދަށް ދެ މަހުގެ ޖަލު ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ