ސިއްހީ ދާއިރާގެ ވަޒީފާތައް 55 ޕްރޮޕެޝަނަށް ބަހާލައި އެފަރާތްތަކަށް މުސާރައިގެ އޮނިގަނޑު ކަނޑައަޅާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
މިއަދު ކުރިއަށްގެންދިިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ، ސިއްހީ ދާއިރާގެ މުސާރަތައް ކަނޑައަޅާފައިވާ ކަމަށާއި އެކަމަށްޓަކައި ވޭތުވެދިޔަ އެއް އަހަރު ތެރޭ، އެ ދާއިރާގެ ޖަމިއްޔާ ޖަމާއަތްތަކާއި ހެލްތް މިނިސްޓްރީއާ އެކު މުހިއްމު ގިނަ ބައްދަލުވުންތަކެއް ބާއްވައި ގިނަ މަޝްވަރާތަކެއް ކުރި ކަމަށެވެ.
“55 ޕްރޮފެޝަން އެބައޮތް ސިއްހީ ދާއިރާގައި. މި ހުރިހާ ޕްރޮފެޝަންގައި މީހުން ތިބީކީއެއް ނޫން. ދިވެހިން ވެސް ނެތް. އެކަމަކު ރަނގަޅު މުސާރަތަކެއް އާންމު ކުރުމުގެ ބޭނުމަކީ ވެސް މި ދާއިރާއަށް ދިވެހިން ކުރިމަތިލުން،” އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ޕޭ ކޮމިޝަނުން ކުރިއަށްގެންދަނީ ދައުލަތުގެ ޕޭ ފްރޭމްވޯކް އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި އަންނަ މެއި މަހު ޔުނިވާސިޓީ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކުރިން ހުރި އުސޫލުތަކަށް ބޮޑެތި ބަދަލު އަންނާނެ ކަމަށާއި މުސާރައިގެ އޮނިގަނޑު، ހުރިހާ ފަންނަކަށް ހަމަ ހަމަ އުސޫލުތަކެއް ކަނޑައެޅުމަކީ އެ ކޮމިޝަނުގެ އެންމެ ބޮޑު ބޭނުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ މީހުންގެ މުސާރަ މި އަހަރުގެ މޭ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް މިއަހަރުގެ ބަޖެޓުގައި 493 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. އަދި މިއަހަރަށް ސިއްހީ ދާއިރާއަށް އިތުރު 1،000 މުވައްޒަފުން އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވާ އިރު، އެކަމަށް 40.3 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ސިއްހީ ދާއިރާގެ ވަޒީފާތައް 55 ޕްރޮޕެޝަނަށް ބަހާލައި މުސާރަ ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ