މަޖިލީހުގެ ރައީސް، ހުޅުމާލެ ދާއިރާގެ މެންބަރަށް އިންޒާރު

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒަށް އިންޒާރު ދެއްވައިފިއެވެ.
ނަޝީދު، ޢަލީ ނިޔާޒަށް އިންޒާރު ދެއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މަޖިލީހުގެ މެންބަރަކު މި ނޫހާއި މިއަދު ހިއްސާކޮށްފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އެކަން ހިނގާފައި ވަނީ ރައްޔިތުންގެ މަޖިލިސްގެ ކުޑަދޮށުގައެވެ.
ވީޑިއޯއިން ފެންނަނީ ނަޝީދު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލްމުޣުނީގެ ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށެވެ. މުޣުނީ ވަޑައިގަތީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލާއި އަދި އިތުރު ބައެއް މެންބަރުން އިށީދެ ވަޑައިގެން ތިއްބެވި ކުޑަދޮށަށެވެ.
މުޣުނީގެ ފަހަތްޕުޅުން ނަޝީދު ވަޑައިގެން މުޣުނީއަށް އިޝާރާތް ކުރައްވައި މުޣުނީ ވަނީ އެމަނިކުފާނުގެ ''ގަޔަށް އަރާފައި'' ކަމަށް ވިދާޅުވާ އަޑު ވީޑިއޯއިން އިވެއެވެ. އަދި ނަޝީދު ދެން ދެއްކެވި ވާހަކަފުޅު އެއްކޮށް ސާފު ނުވިނަމަވެސް ''... އަރުވާލާނަމޭ'' ވިދާޅުވެ، ވަރަށް ކޯފާވެ ވާހަކަދައްކަވާ އަޑު ވީޑިއޯއިން އިވެއެވެ.
އެވަގުތު އެތަނުގައި އިންނެވި މެންބަރަކު ވިދާޅުވީ، ނަޝީދު ''ހޭއަރުވާލާނެކަމަށް ވިދާޅުވެ'' ދެއްވީ އިންޒާރެއް ކަމަށެވެ. އަދި އެ އިންޒާރު އަމާޒު ކުރެއްވީ މެންބަރު އަލީ ނިޔާޒަށް ކަމަށް ވެސް ވިދާޅުވިއެވެ. އެއަށްފަހު ނަޝީދު ވަނީ ކުޑަދޮށް ދޫކޮށް އެތަނުން ވަޑައިގެންފައެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލްމުޣުނީ ވަނީ އެމަނިކުފާނުގެ ''ގަޔަށް އަރާފަ'' ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު، އިއްޔެ މަޖިލީހުގެ ތަޅުމުގައި ހިނގާދިޔަ ކަންތަކުގެ ތެރެއިން ރައީސް ނަޝީދުގެ ފަހަތްޕުޅުން ވަޑައިގެން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލްމުޣުނީ އަޑުގަދަކުރައްވާ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ. ''ހޭބަލިވެފައޭ ތިހިރީ'' ވިދާޅުވެ މުޣުނީ ނަޝީދުގެ ފަހަތްޕުޅުން އަތް އުއްކަވަމުން ވަޑައިގަންނަވަނިކޮށް، އެ ދެބޭފުޅުން ދެމެދަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަންނަވާތަން ވީޑިއޯއިން ފެނެއެވެ.
އިދިކޮޅުން ހުށަހަޅާފައިވާ ބަންޑާރަނައިބުގެ އިބްރާޙީމް ރިފްއަތުގެ އިތުބާރުގެ މައްސަލާގައި މަޖިލިސްގެ ތަޅުން ވަރަށް ބޮޑަށް ގަޑުބަޑުވެފައިވާއިރު، އިއްޔެއާއި މިއަދު ވެސް މަޖިލިސް ތަޅުން ފެންނަނީ ވަރަށް ހަލަބޮލި ދުވަސްތަކެއް ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ