އިންޑިއަން ފާމަކޯޕީއަ ކޮމިޝަނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުކުރުމަށާއި، ރެގިއުލޭޓަރީ ބުރަތައް ކުޑަކުރުމުގެ މަޤްޞަދުގައި އިންޑިއަން ފާމަކޯޕީއަ ކޮމިޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޝްރީ ޖީ. ބާލާސުބްރަމަނިއަންއެވެ.
ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން އިންޑިއަން ފާމަކޯޕީއަ ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައެވެ. މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭހުގެ ފެންވަރު ކަށަވަރުވެ، ރެގިއުލޭޓަރީ މަރުޙަލާތައް އަވަސްވެގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ކަމަކީ، އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމެއް ޤާއިމުވެގެންދިއުމެވެ. މިކަމުގެ ސަބަބުން ބޭސް އެތެރެކުރުމުގެ މަރުޙަލާތައް އަވަސްވެ، ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.
މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް އޮތްތަނުގައި ސިއްޙީ ދާއިރާއިން އިތުރު ގުޅުންތައް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ އެއްބަސްވުމެއް ކަމުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ