އާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް މުއިއްޒު: ޝަރީފް އާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް މުއިއްޒު: ޝަރީފް

އަންނަ މަހު ހުޅުވަން ތައްޔާރަވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ޝަރީފު ވިދާޅުވީ މިހާރު ކުރެވެމުން ދަނީ ޓާމިނަލް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި މި ހުރިހާ ކަމެއް ކުރިއަށްދަނީ ރައީސްގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަމާއެކު ކަމަށެވެ.
"ހަގީގަތުގައި މިކަން ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އަޅުގަނޑުމެން އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު. އެކަމަށްޓަކައި އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން އެމަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވަން،" ޝަރީފު ވިދާޅުވި އެވެ.
އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ މިނިވަން ދުވަހު އެވެ. ޓާމިނަލް ހުޅުވުމުގައި މަސައްކަތް ކުރަމުންދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލައި އުސޫލުތަކުގެ ތެރެއިން ކަމަށާއި އެ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ ބޭރުގެ ކުންފުންޏެއްގެ އެހީތެރިކަމާއެކު ކަމަށް ޝަރީފު މިއަދު ވިދާޅުވި އެވެ.
މިހާރު ހިދުމަތްދޭ ޓާމިނަލުން އާ ޓާމިނަލަށް ހިދުމަތް ބަދަލުކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އެކަމަށް އެމްއޭސީއެލް އިން އަދި އެއާޕޯޓުގައި ހިދުމަތްދޭ ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހު ހުޅުވަނީ ޓާމިނަލުގެ އެއްބަޔެވެ. މުޅި ޓާމިނަލް އޮޕަރޭޝަނެއް ގެނެވޭނެ ކަމަށް ސަރުކާރުން ލަފާކުރަނީ މި އަހަރުގެ ޓޫރިޒަމް ހައި ސީޒަނަށެވެ. މި ޓާމިނަލާއެކު މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް ގުނައަކުން ކުރިއެރުން ލިބޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ.
ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.
ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ