ދިވެހި ރައްޔިތުން އެދުނު ގޮތާއި މި ވެރިކަން ގެނައުމަށްޓަކައި ވޯޓު ދިން ސަބަބާއިވެސް ސަރުކާރުގެ މަސައްކަތްތައް ދިމާ އިދިކޮޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ވެސް ފެނި އިވެމުންދަނީ މި ސަރުކާރާއިމެދު ހިތްހަމަނުޖެހުންތައް އޮތްކަން ރައްޔިތުން ހިއްސާކުރާ އަޑާއި މަންޒަރުކަމަށެވެ.
އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން އެދުނު ކަންކަމާއި މި ވެރިކަން ގެނައުމަށްޓަކައި ވޯޓު ދިން ސަބަބާއި ދިމާ އިދިކޮޅަށް މަސައްކަތްތައް ކުރަމުންދާކަމާއި އެކަމުގެ ނަތީޖާތައްވެސް އެނގި ހާމަވަމުންދާކަމަށެވެ.
އަހުމަަދު ވިދާޅުވީ، މީހަކު އިމްތިހާނެއްގައި ބައިވެރިވުމުން ފެއިލްވަނީ ކޮން ގޮތަކުން ކަން އެނގޭކަމަށާއި ސަރުކާރެއް ހިންގަން އަންނަ ބަޔަކު ފެއިލްވަނީ ކީއްވެގެންކަންވެސް އެނގޭކަމަށެވެ.
އޭނާ ވިދާޅުވީ، އިމްތިހާނެއް ހަދާ މީހަކު އޭގެން ފާސްވުމަށްޓަކައި ހޯދަންޖެހޭ ނަތީޖާތަކެއް ހުންނަކަމަށާއި ދައުލަތެއް ނުވަތަ ސަރުކާރެއް ހިންގިނަމަވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ހޯދަންޖެހޭ ނަތީޖާތައް ހޯދަންޖެހޭނެކަމަށާއި އެ ބޭނުންވާ އަދަދަށް މާކްސް ނުލިބިއްޖެ ނަމަ ފެއިލްވިކަމަށް ބަލާކަމަށެވެ.
އަހުމަދު ވިދާޅުވީ، މި ސަރުކާރު ފެއިލްވެފައިވާ ވަރަށް ބަލާލާއިރު ފެނިގެންދަނީ ބޮޑުތަނުން ފެއިލްވެފައިވާ މަންޒަރުކަމަށެވެ. އަދި އޭނާވަނީ ބައެއް ކަންކަން މި ފުރުސަތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކެމްޕެއިންގެ ތެރޭގައި ދައްކަމުންދިޔަ އެއް ވާހަކައަކީ މަސްވެރިންނަށް މަންފާތަކެއް ހާސިލުކޮށްދިނުންކަމަށްވީނަމަވެސް ސަރުކާރުން ވައުދުވެފައިވާ ކަންކަން ކުރެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ކިރާ މަހަށް ފައިސާ ނުދެވޭކަމަށާއި އެކަމުގެ ސަބަބުން މަސްވެރިން ދަރާ ހުސްވެފައިވާކަމަށެވެ. އަދި މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުން ފަދަ ކަންކަން ހިމެނޭއިރު އެކަންކަން ކުރެވިފައި ނެތުމުން ސަރުކާރުން މަސްވެރިންނަށް ގެންގުޅޭ ސިޔާސަތުތައް ބޮޑުތަނުން ފެއިލްވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު އެހެނިހެން ގޮތްގޮތުން ހަރަކާތްތައް ހިންގައިގެން މަސްވެރިންނަށް ހައްގުވާ އުޖޫރަ ހޯދަންޖެހިފައިވާކަމަށާއި ބޭރު ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ކުދިންނަށް ބޭނުންވާ ފައިސާ އެއްވެސް ތާށިކަމެއް ނެތި ލިބެމުންދާނެކަމަށްވެސް ސަރުކާރުން މީގެ ކުރިން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް ކިޔެވުމަށްޓަކައި ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން ދަރިވަރުންނަށް ބްލެކް މާކެޓުން ޑޮލަރު ގަންނަން ޖެހުން ފަދަ ދަތިތަކާއި ކުރިމަތިވެފައިވާކަމަށާއި ކެއިން ބުއިމަށާއި ހުރުމަށްޓަކައި ބޭނުންވާ ޑޮލަރު ހޯދުމުގައިވެސް ދަތިތައް ހުރިކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރުމަށް އެކުލަވާލި ސިޔާސަތުތައްވެސް އެއްކޮށް ފެއިލްވެފައިވާކަމަށެވެ.
އަހުމަދު ވިދާޅުވީ، ކާޑު ލިމިޓު އުވާލުމަށްވެސް ސަރުކާރުން ވައުދުވީކަމަށްވާއިރު ހުރި ލިމިޓުވެސް ކުޑަވެ ކާޑު ބޭނުންކުރުމުގައިވެސް ދަތިތައް ހުރިކަމަށާއި އެ ސިޔާސަތުވެސް ފެއިލްވެފައިވާކަމަށެވެ. އަދި ނަގަމުންދާ ޓެކްސް ބޮޑު ނުކުރާނެކަމަށް ބުނިނަމަވެސް މިހާރު ގްރީން ޓެކްސް ތިން ޑޮލަރުން ހަ ޑޮލަރަށް އިތުރުކޮށް އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެހެންކަމުން ނުކުރާނެކަމަށް ބުނި ޓެކްސް ބޮޑުކޮށްފައިވާކަމަށާއި އެ ސިޔާސަތުވެސް ފެއިލްވެފައިވާކަމަށެވެ.
ސަރުކާރު ހިނގަނީ ރައްޔިތުން އެދުނު ގޮތާއި ދިމާ އިދިކޮޅަށް: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ